ފޭނުންގެ އެދުމުގެ މަތިން އައްޒާމް އެނބުރި ދަނޑަށް

ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 3-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓީސީ --- ފޮޓޯ/ އެފްއޭއެމް

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކުލަބުގެ ކެޕްޓަންކަން ކުރި މުހައްމަދު އައްޒާމް ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމި ނިންމުން ބަދަލުކޮށް، އަލުން ކުޅެން ފަށަން ނިންމައިފިއެވެ.

ފުރަތަމަ ޑިވިޝަނުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ އައްޒާމް, ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމިކަން އިއުލާނުކުރީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.

ނ. ކެނދިކުޅުދުއަށް އުފަން އައްޒާމް، 31، "ސަން"އަށް މިއަދު ބުނީ ނިންމުން ބަދަލު ކުރީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތީން ކަމަށެވެ.

"ވަރަށް ގިނަ ސަޕޯޓަރުންގެ އެދުމުގެ މަތީންނާއި ވަރަށް މުހިންމު ދެ މީހެއްގެ އެދުމުގެ މަތީން ނިންމި ނިންމުމެއް މިއީ،" އައްޒާމް ބުންޏެވެ.

ފުޓުބޯޅަ ކުޅެން އެނބުރި ދަނޑަށް ނުކުންނަން އައްޒާމް ނިންމައިފައިވާއިރު، އޭނާ ދެން ފެންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އިންނެވެ.

މިދިޔަ ސީޒަނުގެ ފުރަތަމަ ބުރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި އައްޒާމް ވަނީ ޓީސީ ސްޕޯޓްސް ކުލަބް ފުރަތަމަ ޑިވިޝަން އަށް ކޮލިފައިވުމާއެކު އެ ކުލަބާ ގުޅި، ޓީސީ ދިވެހި ފުޓުބޯޅައިގައި ހޯދާފައިވާ ކާމިޔާބީތަކުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެސްޓީއޯ މާލޭ ލީގުގައި ނިއު ރޭޑިއަންޓާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިއު ރޭޑިއަންޓް --- ފޮޓޯ/ އެފްއޭއެމް

ރާއްޖޭގެ އޮފީސް މުއައްސަސާތަކުގެ މުބާރާތް (ކުލަބް މޯލްޑިވްސް) އިން ވިދާލި އައްޒާމް ފުރަތަމަ ބޮޑު ފުޓުބޯޅައަށް ނުކުތުމަށް ފަހު ގުޅުނީ މާޒިޔާއާއެވެ. ނަމަވެސް އެ ކުލަބުގައި މާ ގިނަ ދުވަހަކު އޭނާ ކުޅެފައެއް ނުވެއެވެ. އޭނާގެ ފުޓުބޯޅައިގެ ހުނަރުވެރިކަން ފެނި ގިނަ ބައެއްްގެ ލޮލުގައި އޭނަގެ ކުޅުން އަޅައިގަތީ ބީޖީ ސްޕޯޓްސް ކުލަބާ ގުޅުނު ހިސާބުންނެވެ.

ޔޫވީއާ ދެކޮޅަށް ކުޅުނު މާލޭ ލީގު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޓީސީގެ އައްޒާމް: މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ޓީސީއަށް ތިން ޕޮއިންޓް ކަށަވަރުވީ އައްޒާމް ޖެހި ލަނޑުން --- ފޮޓޯ/ އެފްއޭއެމް

ކަނާތު ވިންގެއް ގޮތުގައި ބީޖީއަށް ކުޅުނު ނަމަވެސް ނިޒާމްބެގެ ކޯޗު ކަމުގެ ދަށުގައި އޭނާ ވަނީ ކީޕަރުގެ މަގާމު ނޫން އެހެން ހުރިހާ މަގާމަކަށް ޓީސީއަށް ކުޅެފައެވެ. ބީޖީގައި މޮޅު ކުޅުމެއް ދައްކައި އެ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ އައްޒާމް ޓީސީއާ ގުޅުނީ 2015 ވަނަ އަހަރުގެ ސީޒަނަށެވެ.

ޓީސީ ސްޕޯޓްސް ކުލަބާ އެކު ބަންގާޅުގައި ކުރިއަށް ދިޔަ ޝެއިޙް ކަމާލް ކަޕުގެ ޗެމްޕިއަން ކަން ހޯދުމަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށް އޭނާ ބުނެފައިވެ އެވެ. އެ މުބާރާތުގެ ފައިނަލުގައި އޭނާ ވަނީ ގޯލެއް ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައެވެ.

އައްޒާމް ވަނީ ދެފަހަރެއްގެ މަތިން ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނިގެން ކުޅެފައެވެ.

https://sun.mv/154908

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު