އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް އަހަންމިއްޔަތުކަން ދިނުމަށް ޝާހިދު ގޮވައިލައްވައިފި

އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު --- ފޮޓޯ/ ޒިންހުއާ

އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް އަހަންމިއްޔަތު ކަން ދީ، އެކަން ދެއްކުމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ގޮވައިލައްވައިފިއެވެ.

އޮލިމްޕިކް ޓްރޫސް ނުވަތަ އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަކީ އޮލިމްޕިކް ގޭމްސްއާ ގުޅިގެން 18 ވަނަ ބީސީގައި ގަދީމީ ގްރީކްގައި ތަޢާރަފު ކުރެވުނު އޮލިމްޕިކް ގޭމްސްގެ މުހިންމު އަސާސެކެވެ. 1992 ގައި ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީއިން މި އާދަ އަލުން ދިރުވުމަށްޓަކައި، ގަދީމީ ދުވަސްވަރުހެން، މިހާރުގެ އޮލިމްޕިކްގެ ދުވަސްވަރުގައިވެސް އޮލިމްޕިކް ސުލްހައިގެ އެއްބަސްވުން ޤާއިމުކުރުމަށް ގޮވާލަން ނިންމިއެވެ.

މި އެއްބަސްވުމުގައި ގޮވާލަނީ އޮލިމްޕިކް ގޭމްސް ނިމެންދެން ހަނގުރާމަ އަދި ހަމަނުޖެހުންތަކުން ބަރީއަވެ ތިބުމަށެވެ. މިގޮތުން އޮލިމްޕިކް ގޭމްސް ފެށުމަށް 7 ދުވަހަށް ވުމުން، އަދި ކުޅިވަރުތައް ނިމިގެން 7 ދުވަސް ވަންދެން އެއްވެސް ހަނގުރާމައެއް ނުކުރުމަށް އދގެ ގަރާރަކުން 1993 ގައި ފާސްވިއެވެ.

އެއާއެކު 2005 ވަނަ އަހަރުގެ ވާރލްޑް ސަމިޓް އައުޓްކަމްގައި، ކުޅިވަރުގެ ޒަރިއްޔާއިން ހަމަޖެހުމާއި ތަރައްޤީ ގެނެވޭނޭ ކަމަށް ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުން ފާހަގަ ކުރިއެވެ. އަދި އެކްޝަން ޕްލޭނެއް ހަދައި އާންމު މަޖިލީހުގައި މިކަމާ ގުޅޭ އިތުރު މަސައްކަތް ކުރުމަށްވެސް ނިންމިއެވެ. މިގޮތުން 3 ނޮވެމްބަރ 2005ގައި އޮލިމްޕިކް ކުޅިވަރުތައް މެދުވެރިކޮށް ރައްކާތެރި އަމާން ދުނިޔެއެއް ބިނާކުރުމުގެ ނަމުގައި ގަރާރެއް ފާސްކުރެވުނެވެ. އަދި ކޮންމެ ދެއަހަރަކުން އެއް އަހަރު ކޮންމެ އޮލިމްޕިކް ގޭމްސްއެއް ފެށުމުގެ ކުރިން މި ގަރާރު އާކުރުމަށް ހަމަޖެހުނެވެ.

ކުޅިވަރަކީ ދެމެހެއްޓެނެވި ތަރައްޤީ އަށް މަގުފަހިކޮށްދޭ ކަމެއްކަމަށް، ދެމެހެއްޓެނެވި ތަރައްގީގެ އެޖެންޑާ 2030 އިން ވަނީ ފާހަގަ ކޮށްފައެވެ. އަދި އަމާންކަމާއި ތަރައްޤީ ހާސިލް ކުރުމުގައި ކުޅިވަރުގެ ދައުރު އިތުވެފައިވާ މިންވަރު ހާމަކުރަމުން ކުޅިވަރުން ޒުވާނުންނާއި އަންހެނުންގެ ކުރިއެރުމަށާއި، އަދި ވަކިވަކި ފަރުދުންނަށާއި، މުޖުތަމާއަށާއި، ސިއްޙަތާއި ތައުލީމަށް، އަދި އިޖްތިމާއީ ބައިވެރިވުން ފުޅާވުމުގައި ކުޅިވަރުގެ ދައުރު އިތުރުވެފައިވާ މިންވަރު ވަނީ ފާހަގަ ކޮށްފައެވެ.


އެހެންކަމުން މިދިޔަ ޑިސެންބަރު މަހުގެ ދެ ވަނަ ދުވަހު، އދ އާންމު މަޖިލީހުން ގަރާރެއް ފާސްކޮށް، އދ. މެމްބަރު ހުރިހާ ޤައުމުތަކުން އޮލިމްޕިކް ސުލްހައިގެ އެއްބަސްވުގައި ހިފެހެއްޓުމަށް ވަނީ ނިންމާފައެވެ. މިގޮތުން މިފަހަރު ބެއިޖީންގައި ބާއްވާ އޮލިމްޕިކް ގޭމްސް ފެށެން ހަތް ދުވަހުގެ ކުރިން ހުރިހާ ހަނގުރާމައެއް ހުއްޓާލައި، އަދި ކުޅިވަރުތައް ނިމި ހަފްތާއެއް ވަންދެން ދުނިޔޭގެ އެއްވެސް ޤައުމަކުން ހަނގުރާމައެއް ނުކުރުމަށް އެދި ވަނީ މެމްބަރު ޤައުމުތަކުން ގަރާރު ފާސްކޮށްފައެވެ.

ޝާހިދު ވިދާޅުވީ އޮލިމްޕިކް ހަރަކާތުން ކުޅިވަރުގެ ރަނގަޅު ސިފަތައް އިންސާނިއްޔަތަށް ފޯރުކޮށްދޭއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުޅިވަރު ކުޅޭ އެކި ފަރާތްތައް އެއްތަނަކަށް އެއްވެ، ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިވެ، އަމާން ދުނިޔެއެއް ޤާއިމު ކުރުމަށް އެހީވެދޭ ކަމަށެވެ.

އދ އާއި އޮލިމްޕިކް ގޭމްސްގައި ހުރި އެއްގޮތް މަގްސަދުތައް ހާމަކުރުމުގެ ގޮތުން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ވަނީ އޮލިމްޕިކް ސްޓޭޑިއަމް އާއި އޮލިމްޕިކް ވިލެޖްތަކުގައި އދ.ގެ ދިދަ ވިހުރުވާލަން ނިންމާފައެވެ. އ.ދ.ގެ ނިޒާމާއި، އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ ގުޅިގެން، އިންސާނީ ތަރައްޤީއާއި، ފަޤީރުކަން ނައްތާލުމާއި، އިންސާނީ އެހީ ފޯރުކޮށްދިނުމާއި، ޞިއްޙީ ދާއިރާ ކުރިއެރުވުމާއި، އެޗް.އައި.ވީ އަދި އެއިޑްސް ބަލިން ރައްކާތެރިވުމާއި، ޗައިލްޑް އެންޑް ޔޫތު އެޑިޔުކޭޝަނާއި، ޖެންޑަރ އީކުއަލިޓީއާއި، ޞުލްޙަ ބިނާކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީފަދަ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާއި، އެއްބާރުލުން އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

ޝާހިދު ވަނީ ކުޅިވަރާއި އޮލިމްޕިކްގެ ޒަރީޢާއިން ޞުލްޙައާއި އިންސާނުންގެ ވިސްނުމާއި ފިކުރު ކުރިއެރުވުމަށް އޮލިމްޕިކް އަދި ޕެރަލިމްޕިކް އެތުލީޓުން ގެ ލީޑަރޝިޕުން ކުރާ މަސައްކަތަށް މަރުހަބާ ކިޔައިފައެވެ. އަދި ޞުލްޙައާއި ހަމަނުޖެހުން ޙައްލުކުރުމަށާއި، ކުޅިވަރުގެ ޒަރީޢާއިން އޮލިމްޕިކް އަދި ޕެރަލިމްޕިކް ވެލިއުސް ކުރިއެރުވުމަށް ޤައުމީ އަދި ބައިނަލްއަޤްވާމީ ޕްރޮގްރާމްތައް އެކުލަވާލުމަށް އ.ދ.ގެ އެކި ޤައުމުތަކުން ދެއްވާ އަހަންމިއްޔަތުކަން ވެސް ފާހަގަކޮށް، މަރުހަބާ ދަންނަވައިފައެވެ.

އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް ދޭ އަހައްމިއްޔަތުކަން ދައްކާދިނުމަށާއި، މި ޓްރޫސްގެ މައްޗަށް ބިނާކޮށް ޞުލްޙައާއި އަމާންކަމުގެ ޘަޤާފަތެއް ކުރިއެރުވުމަށާއި، އަދި އެ ޘަޤާފަތް އިތުރަށް ހަރުދަނާ ކުރުމަށް، ޤައުމީ، ސަރަޙައްދީ އަދި ދުނިޔޭގެ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޝާހިދު ވަނީ ގޮވައިލައިފައެވެ.

ހަމައެހެންމެ ގަދީމީ ޒަމާނުގައި އަސްލު އޮލިމްޕިކް އެއްބަސްވުމުގައި ހިމެނިފައިވާ ކަންކަމަށް ރިޢާޔަތްކޮށް ފާސްކޮށްފައިވާ ސުލްހައިގެ ޤަރާރު 13/76 ގައި ބަޔާންކޮށްފައިވާ ފަދައިން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަތިޔާރާއި އެކު މިހާރު ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކުންވެސް އޮލިމްޕިކް ޓްރޫސްގައި ވާ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށާއި، ޞުލްޙަވެރިކަމާއެކު މައްސަލަ ޙައްލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ވެސް ޝާހިދު ގޮވައިލައްވައިފައިވެއެވެ.

comment ކޮމެންޓް