އުރީދޫގެ އާންމު ހިއްސާދާރުންގެ ތެރެއިން ބޯޑަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި

އުރީދޫ މޯލްޑިވްސްގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫގެ އާންމު ހިއްސާދާރުންގެ ފަރާތުން ކުންފުނީގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފިއެވެ.

މި މަގާމަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލީ މިދިޔަ މަހުއެވެ. އުރީދޫއިން ބުނީ ކޮވިޑުގެ ހާލަތާ ގުޅިގެން ލިޔެކިޔުންތައް ހަމަ ކުރުމަށް ގިނަ ފަރާތްތަކަށް ދަތިވެފައިވާ ކަން އެ ކުންފުންޏަށް ފާހަގަކުރެވޭ ކަމަށެވެ. އަދި ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލީ ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ކަމާއެކު ދިނުމަށް ކަމަށް އެކުންފުނިން ބުނެއެވެ.

އުރީދޫގެ ބޯޑުން ހުޅުވާލާފައިވާ މަގާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 27ވަނަ ދުވަހުގެ 14:00 އެވެ.

މި ފުރުސަތުގައި ތަފާތު ދާއިރާތަކުން ތަޖުރިބާ ލިބިފައިވާ، އިލްމުވެރި، ގާބިލް މީހުން މި މަގާމަށް ކުރިމަތިލާނެ ކަމަށް އުރީދޫއިން އުއްމީދު ކުރެއެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ގިނަ ޝަރުތުތަކެއް ހުންނަން ޖެހެއެވެ. އޭގެތެރޭގައި ސަރުކާރުގެ، ނުވަތަ އަމިއްލަ ކުންފުންޏެއްގެ އިސް މަގާމެއްގައި މަދުވެގެން ދިހަ އަހަރު ދުވަހުގެ ތަޖުރިބާއާއި، ބައިނަލްއަގުވާމީ ފެންވަރުގެ ޔުނިވާސިޓީއަކުން ޑިގުރީ ހާސިލު ކޮށްފައިވުން ހިމެނެއެވެ.

މީގެއިތުރުން އެ މަގާމަށް ކުރިމަތިލާ މީހުންނަކީ ތެދުވެރިކަމާއެކު މުއާމަލާތް ކުރާ، މަގާމުގެ ހައިސިއްޔަތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމުގެ ގާބިލުކަން ހުރި މީހުންނަށް ވާންޖެހޭނެ ކަމަށް ވެސް އުރީދޫ އިން ބުނެއެވެ.

އަދި އެ ކުންފުނީގެ ޖެންޑާ ޑައިވާސިޓީ ސިޔާސަތުގެ ދަށުން، ބޯޑަށް އަންހެނުން ކުރިމަތިލުމަކީ އުރީދޫއިން ބާރުއަޅާ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

comment ކޮމެންޓް