ރައީސް ސޯލިހު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ރައީސް ސޯލިހު ކޮވިޑް ބައްޔަށް ޕޮޒިޓިވް ވެފައިމިވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިނަށް ށ. ފޯކައިދުއަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނިކޮށެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތޮޅުތެރެއަށް ދަތުރުކުރުމަށް ރޭގައި ހެދި ޕީސީއާރުން، ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިހާރު ގޭގައި އެކަހެރިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

"މާތް ﷲގެ ރަޙްމަތްފުޅުން ޙާލު ރަނގަޅު. މިވަގުތު މިހިރީ ގޭގައި އެކަހެރިވެގެން،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެ މަނިކުފާނު ވަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ގެ ދެ ޑޯޒު ވެސް ފުރިހަމަކުރައްވައިފައެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިތާ ދެ އަހަރުވާން ގާތް ވެފައިވާއިރު، މިއީ ރައީސް ސޯލިހަށް ކޮވިޑް ޖެހިވަޑައިގެން ފުރަތަމަ ފަހަރެވެ.

މީގެކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ނައިބު ރައީސް ފައިިސަލް ނަސީމް ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ.

ކޮމަންޑޫ ދާއިރާ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުގެ ރާޝިދުގެ ކެމްޕެއިނަށް ރައީސް ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވަޑައިގަންނަވަން ހަމަޖެހިފައެވެ.

ދެ ރައީސުން ފޯކައިދުއަށް ވަޑައިގަންނަވަން ނިންމީ މިރޭ އެ ރަށުގައި އޮންނަ ކެމްޕެއިން ޖަލްސާއަކަށެވެ.

comment ކޮމެންޓް