ސައޫދީއާއި ޔޫއޭއީން ޔަމަންގެ އާންމުންނަށް ދޭ ހަމަލާތައް އދ. އިން ކުށްވެރިކޮށްފި

ސައޫދީއާއި ޔޫއޭއީގެ ވައިގެ ހަމަލާތަކުގައި ޔަމަނަށް ލިބިފައިވާ ގެއްލުންތައް

އދ. މަޖިލިސް (22 ޖަނަވަރީ 2022) : ސައޫދީ އާއި ޔޫއޭއީ އިން ޔަމަނަށް ދެމުން ގެންދާ ވައިގެ ހަމަލާތަކުގައި އާންމުންގެ އެތައް ބަޔަކު މަރުވަމުންދާތީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެޝް އެހަމަލާތައް ކުށްވެރި ކުރައްވައިފިއެވެ.

ނިޔުޔޯކްގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ގުޓެރެޝް ވިދާޅުވީ ސައޫދީ އާއި ޔޫއޭއީ ގެ ގުޅިގެން އުފައްދާފައިވާ ކޯލިޝަނުން ޔަމަންގެ ތަންތަނަށް ދޭ ހަމަލާތަކުގައި އާންމުން މަރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާ ޚާއްސަކޮށް ޔަމަންގެ ސަޢްދާ ސަރަހައްދުގެ ޖަލަށް ދިން ހަމަލާތައް ކުށްވެރި ކުރައްވާ ކަމުގައެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް

ސަޢްދާ ގެ ޖަލަށް ދިން ވައިގެ ހަމަލާތަކުގައި ޖަލުމީހުންނާއި ޖަލު ބަލަހައްޓާ އޮފިޝަލުންނާއެކު 70 މީހުން މަރުވެ 130 މީހުން ޒަޚަމްވެފައިވާ ކަމަށް ޔަމަންގައި ވެރިކަންކުރާ ހުޘީ ޖަމާއަތުން ބުނާއިރު ބައިނަލްއަގްވާމީ މިޑީއާ ރިޕޯޓްތައް މިކަން ކަށަވަރުކޮށް ދެއެވެ.

މީގެއިތުރުން ސައޫދީ އާއި ޔޫއޭއީ ގެ ފައިޓާ ޖެޓްތަކުންވަނީ ޔަމަންގެ ހުދައިދާ ސިޓީގައިވާ މުވާސަލާތީ މަރުކަޒަކަށްވެސް ހަމަލާދީ އެތަން ގޮއްވާލާފައެވެ. މިއާއެކު އެސިޓީއާއި އަދި އެސިޓީގެ ކައިރީގައިވާ ތަންތަނުން މޯބައިލް ފޯނުގެ ޚިދުމަތްތަކާއި އިންޓަނެޓް ވަނީ ކެނޑިފައެވެ. މި އިމާރާތަށް ދިން ހަމަލާގައި 3 ކުޑަކުދިންވެސް މަރުވެފައިވެއެވެ.

ޔަމަންގެ ހަނގުރާމައިގާ ހާލުގައި ޖެހިފައިވާ އެ ގައުމުގެ އާންމުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އދ. އާއި ބައިނަލްއަގްވާމީ އެހެން ޖަމްއިއްޔާތަކުން ކުރާ މަސައްކަތް ތަކަށް ވެސް ފޯނާއި އިންޓަނެޓް ކެނޑުމުން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ސައޫދީ އާއި ޔޫއޭއީން ޔަމަނަށް އާދަޔާ ޚިލާފަށް ވަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން ގެންދާތާ 4 ދުވަސްވެފައިވާއިރު އެ ހަމަލާތައް ވެރިރަށް ސަންޢާގެ އާންމުންގެ ގެދޮރަށާއި ކްލިނިކްތައްފަދަ މަދަނީ ތަންތަނަށްވެސް އަމާޒުކޮށްފައިވެއެވެ.

މިހާވަރުގަދަ ހަމަލާތަކެއް ސައޫދީ އާއި ޔޫއޭއީ ޔަމަނަށް ދެމުން ގެންދަނީ ޔަމަންގެ ހޫޘީ ޖަމާއަތުން މިދިޔަ ހަފްތާގެ ބުދަ ދުވަހު ޔޫއޭއީގެ ވެރިރަށް އަބޫދާބީގެ އެއާޕޯޓަށާއި ޔޫއޭއީގެ ތެލާބެހޭ އެންމެ ބޮޑު ކުންފުނީގެ ތެޔޮރައްކާކުރާ ދެ މަރުކަޒަކަށް ޑްރޯން ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެ ހަމަލާތަކުގައި 3 މީހުން މަރުވިއެވެ.

ސައޫދީއާއި ޔޫއޭއީގެ ހަމަލާތަކުން ޔަމަނަށް މަދަނީ ތަންތަން ސުންނާފަތިކޮށްލާފައި

ހޫޘީން ބުނާގޮތުން އަބޫދާބީއަށް ޑްރޯން ހަމަލާތައް ދިނީ ސައޫދީން ޔަމަންގައި ކުރަމުންގެންދާ ހަނގުރާމައިގާ ޔޫއޭއީ އަދާކުރާ ދައުރަށް ބަދަލުހިފުމުގެ ގޮތުންނެވެ. އަބޫދާބީ އަށް ދިން ޑްރޯން ހަމަލާތަކުގެ ބޭނުމަކީ ސައޫދީން ޔަމަންގައި ކުރަމުން ގެންދާ ހަނގުރާމައަށް އެހީތެރިވާނަމަ އެކަމަށް ބަދަލުހިފުގެ ހައްގު ޔަމަނަށް އޮންނާނެކަމުގެ މެސެޖް ޔޫއޭއީއަށް ދިނުންކަމަށް ހޫޘީން ނެރުނު އަސްކަރީ ބަޔާނެއް ބުނެއެވެ.

އީރާނުގެ ތާއީދު ލިބޭ ހޫޘީ ޖަމާއަތުގެ ތަރުޖަމާނަކުވަނީ ޔޫއޭއީ ޔަމަނުގެ ހަނގުރާމައިގާ ބައިވެރިވުން ހުއްޓާނުލާނަމަ ޔޫއޭއީ އަކީ އިންވެސްޓަރުންނަށާއި ވިޔަފާރިވެރިންނަށާ އަދި ފަތުރުވެރިންނަށް ބިރުވެރި ތަނަކަށް ހަދާނެކަމުގެ އިންޒާރު އެގައުމުގެ ވެރިންނަށް ދީފައެވެ.

ޔޫއޭއީ އަކީ އަރަބި ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކަށް ދަރުއަޅާ ގައުމެކެވެ. މީގެއިތުރުން ޔޫއޭއީ އަކީ ޔަހޫދީ އިސްރާއީލާ ބަދަހި ގުޅުންތަކެއް ބާއްވައި ފަލަސްތީނުގެ މައްސަލަ އާއި މާތްވެގެންވާ މަސްޖިދުލްއަގްސާގެ މައްސަލަ ބޮލާލައި ޖެހުމަށްފަހު އިސްރާއީލުގެ ފަޅިއަށް އަރާފައިވާ ގައުމެކެވެ.

ޔޫއޭއީ އަސްކަރީގޮތުން ވަދެ ދަރުއެޅި އަރަބި ދާޚިލީ ހަނގުރާމަތަކުގެ ތެރޭގައި ލީބިޔާގެ ދާޚިލީ ހަނގުރާމައާއި ސޫރިޔާގެ ދާޚިލީ ހަނގުރާމަ ހިމެނެއެވެ. ޔަމަންގެ ހަނގުރާމައިގެ ތެރެއަށް ޔޫއޭއީ ވަދެފައިވަނީ 2015 ވަނައަހަރު ސީދާ އެގައުމުގެ ސިފައިންނާއި ބަރުހަތިޔާރު ޔަމަނަށް ފޮނުވައިގެންނެވެ. ނަމަވެސް ޔަމަންގެ ހަނގުރާމައިން ކާމިޔާބު ނުލިބޭތީ 2019 ވަނައަހަރު ޔޫއޭއީގެ ހަނގުރާމަމަތީ ސިފައިން ޔަމަނުން ބޭލިނަމަވެސް ޔޫއޭއީ ގެންދަނީ ޔަމަންގައި އެގައުމުގެ ކުލީ ސިފައިންގެ އެތަށް ޖަމާއަތެއް އުފައްދައި އެޖަމާއަތްތަކަށް ފައިސާއާއި ހަތިޔާރު ފޯރުކޮށްދެމުންނެވެ.

މީގެއިތުރުން ޔަމަންގެ ޖަޒީރާއެއްކަމަށްވާ ސުކަތްރާ ގެ ބޮޑު ބަޔަކަށްވެސް ޔޫއޭއީ ވަނީ ވެރިވެގެންފައެވެ. އަދި ސުކަތްރާ އަށް ޔަހޫދީ އިސްރާއީލުގެ ޖާސޫސުން ވައްދައި އިސްރާއީލު ބޭނުންވާ އަސްކަރީ މަރުޒަކުތައް އެޖަޒީރާގައި ސިއްރިޔާތުގައި ހެދުމުގައި ޔޫއޭއީ އެހީތެރިވަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.

ހޫޘީން ވަނީ މި މައްސަލާގައި ވެސް ޔޫއޭއީ އާ ދެކޮޅަށް ބަދަލު ހިފާނެކަމުގެ އިންޒާރު ދީފައެވެ. ޔަމަންގެ ޝަރުއީ ސަރުކާރުގެ ގޮތުގައި އދ. އިން ބަލައިގެންފައިވާ ރައީސް އަބްދުރައްބު މަންސޫރު ހާދީގެ ސަރުކާރަކީ ސައޫދީން ކޮންޓްރޯލް ކުރާ އަދި ސައޫދީގެ ބާރުގެ ދަށުގައިވާ ސަރުކާރެކެވެ. އެސަރުކާރު ހިންގަމުން ގެންދަނީވެސް ސައޫދީގައެވެ.

ސައޫދީން ޔަމަނަށް ދޭ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ހޫޘީން ސައޫދީގެ ތެލުގެ މަރުކަޒުތަކަށާއި އެއާޕޯޓްތަަކަށްވެސް ޑްރޯން ހަމަލާތައް ދެމުން ގެންދެއެވެ.

comment ކޮމެންޓް