މޯލްޑިވިއަންއިން ގެންނަ އޭޓީއާރް ބޯޓުތަކަށް ފައިނޭންސް ކުރާނެ ބަޔަކު ހޯދަނީ، އަގު 863.5 މިލިއަން ރުފިޔާގައި

މޯލްޑިވިއަންގެ ފްލައިޓެއް-- ސަން ފައިލް ފޮޓޯ

ގައުމީ އެއާލައިން، މޯލްޑިވިއަންއިން އަލަށް ގަންނަ އޭޓީއާރު މަރުކާގެ ތިން ބޯޓު ފައިނޭންސް ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

މޯލްޑިވިއަން އިން ގެންނަން ނިންމައިފައިވަނީ 600-72 ATRގެ ދެ ބޯޓާއި 600-42 ATRގެ ބޯޓެކެވެ. މި ތިން ބޯޓު ގަތުމުގެ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަނުން ވަނީ ފްރާންސްގެ ކުންފުންޏާއެކު މިދިޔަ ބުރާސްފަތި ދުވަހު ސޮއިކޮށްފައެވެ.

މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަން ކުންފުނިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ބޭންކު ލޯނެއް ނޫނީ ކްރެޑިޓް ފެސިލިޓީއަކުން މިކަމަށް ފަންޑުކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. ނުވަތަ ސޭލް އެންޑް ލީސްބެކް މޮޑެލްގެ ދަށުން ވެސް ބޯޓުތަކަށް ފަންޑު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ އަގުތަކަށް ބަލާއިރު ތިން ބޯޓުގެ ޖުމްލަ އަގު 863.5 މިލިއަން ރުފިޔާއަށް (56 މިލިއަން އެމެރިކާ ޑޮލަރަށް) އަރައެވެ.

އަލަށް ގަންނަ ތިން ބޯޓު ވެސް މި އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މޯލްޑިވިއަންއިން އަލަށް ގަންނަ ބޯޓުތަކަކީ މާކެޓުގައި ހުރި އޭޓީއާރުގެ ބޯޓުތަކާ ބަލާއިރު ތިން އިންސައްތަ ތެލުގެ ޙަރަދު ކުޑަ އަދި 20 އިންސައްތަ އިންޖީނު މަރާމާތުގެ ޙަރަދު ކުޑަ އަދި ސަސްޓެއިނަބަލް އޭވިއޭޝަން ފިއުލް (SAF) ބޭނުންކުރެވޭނޭ ބޯޓުތަކެއް ކަމަށް އެ ކުންފުނިން މީގެ ކުރިން ވަނީ ބުނެފައެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ އޭޓީއާރާއެކު މި ވެވުނު އެއްބަސްވުމަކީ މޯލްޑިވިއަންގެ ކުރިއެރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އައު އިންޖީނާއެކު އޭޓީއާރުން އުފައްދާ ބޯޓުތަކަކީ މޯލްޑިވިއަންގެ ފްލީޓް ބަދަލު ކުރަން ވިސްނާއިރު މިވަގުތު މާކެޓުން ލިބޭނެ އެންމެ ރަނގަޅު ބޯޓު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި ބޯޓުތަކަކީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި، ހިންގުމުގެ ޙަރަދު ކުޑަ އަދި ފަސިންޖަރުންނަށް ރަނގަޅު ޙިދުމަތެއް ދެވޭނޭހެން ކެބިން އިތުރަށް ފުރިހަމަ ކޮށްފައިވާ ބޯޓުތަކެއް،" މިހާދު ވިދާޅުވިއެވެ.

އަލަށް ގަންނަ އޭޓީއާރު ބޯޓުތަކަށް ފައިނޭންސް ކުރުމުގެ ފުރުސަތު ހުޅުވައިލައިފައިވާއިރު، މޯލްޑިވިއަން އިން އިއްޔެ ވަނީ އޭޓީއާރު މަރުކާގެ ދެ ބޯޓެެއް ކުއްޔަށް ނަގަން ވެސް އިއުލާނުކޮށްފައެވެ.

އިއްޔެ ކުރި އިއުލާނެއްގައި ބުނީ މި އަހަރުގެ އޭޕްރިލް އަދި މެއި މަހު ބޭނުން ކުރެވެން ފެށޭނެ، އޭޓީއާރު 600-72 މަރުކާގެ ދެ ބޯޓު ދޮޅު އަހަރުގެ ދުވަހުގެ މުއްދަތަކަށް ކުއްޔަށް ނަގަން ބޭނުންވާ ކަމަށެވެ. މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފައެވެ.

comment ކޮމެންޓް