ނައިފަރުގެ އިހްތިސާސަށް ފަޅުރަށެއް އިތުރުކުރުމަށް ގޮވާލާ ގަރާރެއް ކައުންސިލުން ފާސްކޮށްފި

ޅ. ނައިފަރު ---

ޅ. ނައިފަރުގެ އިހްތިސާސުގެ ތެރެއަށް އެރަށާ ކައިރީ އޮންނަ ފަޅުރަށެއް ކަމުގައިވާ ޅ. ވޭވަށް އިތުރުކޮށްދިނުމަށް ގޮވާލައި އެރަށު ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ.

ނައިފަރު ކައުންސިލުގެ ގަރާރުގައި ބުނެފައިވަނީ އެރަށަކީ ބިމުގެ ދަތިކަން އޮތް، އާބާދީ ބޮޑު ރަށެއް ކަމަށާއި އެހެންކަމުން ރަށުގެ ރައްޔިތުންނަށް އިގްތިސާދީ މަސައްކަތް ކުރުމަށް ދަތިވެފައި ވާކަމަށެވެ. މީގެއިތުރުން އެރަށުގައި ހިތްހަމަޖައްސާލުމަށް މޫދަށް އެރިލާނެ އަތިރިއެއް ވެސް ނެތްކަމަށް އެ ގަރާރުގައިވެއެވެ.

އެހެންކަމުން އެރަށުގެ ދެކުނަށް އޮންނަ ވޭވަށް އެރަށުގެ އިހްތިސާސުގައި ހިމަނައިދިނުމަށް ސަރުކާރުގައި ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމަށް އެ ގަރާރުގައި ގޮވާލާފައިވެއެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ވޭވަށަށް އަޅާ ނުލެވުމުގެ ސަބަބުން ރަށުގެ ފެހިކަން ގެއްލި، ރަށް ހަލާކުވަމުން އަންނަ ކަމަށާއި، އެ ކައުންސިލުގެ ދަށަށް އެރަށް ގެނެވިއްޖެނަމަ އެރަށް ރަނގަޅަށް ބެލެހެއްޓޭނެ ކަމަށެވެ.

ނައިފަރު ކައުންސިލުގެ ރައީސް މުހައްމަދު ރަޝީދު "ސަން"އަށް ވިދާޅުވީ ކައުންސިލުގެ ވިސްނުމަކީ ގެސްޓްހައުސް ވިޔަފާރި ފަދަ އިގްތިސާދީ މަސައްކަތްތައް ވޭވަށުގައި ހިންގުން ކަމަށެވެ.

"މިހާރު ވެސް ވަރަށް ގިނަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތެއް އެއީ ރަށުގަ ހުރި ބަންޑާރަ ގޯތިތަކުގައި، އަޅުގަނޑުމެންނަށް ބެލެވެނީ ވޭވަށް ލިބުމުން އެ މަސައްކަތް އިތުރަށް ފުޅާ ކުރެވޭނެ ކަމަށް،" މުހައްމަދު ވިދާޅުވިއެވެ.

ވޭވަށަކީ ބިންކުޑަ ރަށެއް ކަމަށް ވިޔަސް ބޮޑު ފަޅެއް އޮތް ރަށަކަށް ވާތީ، ރަނގަޅު އިންވެސްޓަރުން ތަކެއް ލިބިއްޖެ ނަމަ، އެރަށް ވަރަށް ފުރިހަމައަށް ތަރައްގީ ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުމުގައި މިހުރި ކަންތައްތައް ކުރުމަށް މުސްތަގުބަލުގައި އެރަށުގެ ފަޅު ބޭނުންކުރެވޭނެޔޭ އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ އަދި އަޅުގަނޑުމެން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް އެތަން ބަދަލުކޮށްގެން ހިއްކައިގެން ކަންކަން ކުރުމަކަށް ވެސް ހުރަހެއް ނެތް،" ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

މުހައްމަދު އިތުރަށް ވިދާޅުވީ ރަށުގައި ގެދޮރުގެ ދަތިކަމަކީ ވެސް ބޮޑު މައްސަލައެއް ކަމަށާއި ކައުންސިލްގެ އިހްތިސާސްގެ ދަށަށް ވޭވަށް އައުމުން އެކަމަށް ވެސް ހައްލު ލިބޭނެ ކަމަށެވެ.

މީހުން ދިރިއުޅޭ ރަށްރަށާ ކައިރީގައި ހުންނަ ފަޅުރަށްތައް އެ ރަށްރަށުގެ އިހުތިސާސްގައި ހިމަނައިދިނުމަށް ގިނަ ރަށްރަށުން ދަނީ އެދެމުންނެވެ.

comment ކޮމެންޓް