އޭޑީކޭގައި އެޑްމިޓްކޮށްފައި ތިބޭ ބަލިމީހުންނަށް ޒިޔާރާތްކުރުން މެދުކަނޑައިލައިފި

މެއި 14، 2020: އޭޑީކޭ ހޮސްޕީޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑްގެ ހާލަތު ގޯސްވުމުން އޭޑީކޭގައި އެނދުމަތިކޮށްފައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރުން މާދަމާ އިން ފެށިގެން މެދުކަނޑާލުމަށް ނިންމައިފިއެވެ.

އޭޑީކޭއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ, ކޮވިޑް-19 އަނެއްކާވެސް ހަލުއިކަމާއެކު ފެތުރެމުން ދާތީ، އާންމުންގެ ރައްކާތެރިކަމަށާއި ސިއްހީ ހިދުމަތްތެރިންގެ ރައްކަލަށް، ބަލިމަޑުކަން ފެތުރެމުންދާ ނިސްބަތަށް ބަލާ ތަފާތު ފިޔަވަޅުތައް އަޅަންފަށާފައިވާ ކަމަށެވެ.

އެގޮތުން މާދަމާ އިން ފެށިގެން އެ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭ މީހުނަށް ޒިޔާރަތްކުރުން ހުއްޓާލާން ނިންމާފައިވާ ކަމަށް އޭޑީކޭ އިން ވަނީ ބުނެފައެވެ.

"އެނދުމަތިކޮށްގެން ފަރުވާދޭ މީހުންގެ އެހީތެރިއެއްގެ ގޮތުގައި މަޑުކުރެވޭނީ އެންމެފަރާތަކަށް," އޭޑީކޭގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ބަލިމީހާ ކައިރީގައި މަޑުކުރާ މީހަކީ ކޮވިޑް19 ގެ އަލާމާތެއް ނެތް މީހަކަށްވާން ޖެހޭނެއެވެ.
.
ކޮވިޑް19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެންމެންގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް އޭޑީކޭ އިން ވަނީ ބުނެފައެވެ. އެގޮތުން، ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިއުމަށާ، ހޮސްޕިޓަލަށް ދާން ޖެހިއްޖެ ހާލަތެއްގައިވެސް އެކަނި ދިއުމަށް، ނުވަތަ އެހީތެރިޔެއްގެ ގޮތުގައި އެކަކަށްވުރެ ގިނަމީހުން ނުގެންދިއުމަށް އޭޑީކޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

"ހިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ހާލަތްތަކުގައި ރަނގަޅުގޮތުގައި މާސްކު އަޅުއްވާ ހޮސްޕިޓަލުގެ އެކި ސަރަޙައްދު ތަކުގައި ބަހައްޓާފައިވާ ހޭންޑް ސެނިޓައިޒަރ ބޭނުންކުރެއްއްވުމަށްވެސް އިލްތިމާސް ކުރަން," އޭޑީކޭގެ ބަޔާނުގައިވަނީ ބުނެފައެވެ.

މިފަހުން ރާއްޖޭއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު މިއަދު ވެސް ވަނީ 1697 މީހުން އެ ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި އޭގެ ކުރިން ދެ ދުވަހު ޕޮޒިޓިވްވި އަދަދު ވަނީ 2000 އިން މައްޗަށް އަރާފައެވެ.

comment ކޮމެންޓް