އަފްޒަލްގެ އިންޒާރެއް: ނުދޭ ލުއިފަސޭހަތަކެއް އަމިއްލައަށް ނަގައިގެން އުޅެނިކޮށް ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހިދާނެ

ޑރ. އިބްރާހިމް އަފްޒަލް ---- ފޮޓޯ/ އެންއީއޯސީ

ރާއްޖޭގައި ކޮވިޑުގެ ނުރައްކާތެރިކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނައިރު، ނުދޭ ލުއިފަސޭހަ ތަކެއް އަމިއްލައަށް ނަގައިގެން އުޅެނިކޮށް ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހިދާނެ ކަމުގެ އިންޒާރު އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ދެއްވައިފިއެވެ.

މާލެއާއި އަތޮޅުތެރޭގެ ރަށްރަށުން ކޮވިޑަށް ޕޮޒިޓިވްވާ މީހުން ކަންބޮޑުވާ މިންވަރަށް އިތުރުވަމުން އަންނަ މި ދުވަސްވަރާ ދިމާކޮށް އަފްޒަލް މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އަފްޒަލް ވިދާޅުވީ ގިނަ ދުވަސްވާ ވަރަކަށް ރައްޔިތުންގެ ހިތުތެރޭގައި އޮތް ބިރުވެރިކަން ފިލައިގެން ދާން ފަށައިފި ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ނުދެނީ ވެސް އެހެންވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"މާސްކު ނާޅާ އުޅުނަސް ފުލުހުން ހުއްޓުވާ ފިޔަވަޅު ނާޅާތީއޭ ކިޔާފަ އަޅުގަނޑުމެން ނުދޭ ލުއި ފަސޭހަ ތަކެއް އަމިއްލައަށް ނަގައިގެން ގައިޑްލައިން ތަކަށް ބެލުމެއް ނެތި އުޅެނިކޮށް ހަރުކަށި ފިޔަވަޅާ ހަމައަށް ދާނެ އިނގޭތޯ. އެކަމާ ގުޅޭ ބައްދަލުވުންތައް އެޗްއޯސީގަ ހަފްތާއަކު އެއްފަހަރު ކުރިއަށް ގެންދޭ،" އަފްޒަލް ވިދާޅުވިއެވެ.

"އެހެންވީމަ މި މަޝްވަރާ ތަކުން އެންމެ ފަހުގެ އިންޕުޓަށް ބަލާފަ ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ހިސާބަށް ގޮސްފިނަމަ އެ ފިޔަވަޅެއް އަޅުގަނޑުމެން އަޅާނަން. އަނެއްކާވެސް ކޭސްތައް މައްޗަށް ގޮސްފި ނަމަ ލޮކްޑައުން އަކަށް ވެސް ހިނގައިދާނެ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އަފްޒަލް ވިދާޅުވީ އަދި ވަގުތު ފާއިތުނުވާ ކަމަށެވެ. އެހެންކަމުން މިހާރުން ފަށައިގެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދީފިނަމަ ކޭސްތައް ފެތުރޭ މިންވަރު ދަށް ކުރެވިދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މާސްކު އެޅުމަކީ ނުހަނު ކުޑަ އަދި އެހާމެ ފަސޭހަ ކަމެއް ކަމަށެވެ. އެވަރުގެ ކަމެއް ކޮށްލައިގެން އުނދަގޫ ފިޔަވަޅަކާ ހަމައަށް ނުގޮސް ހިފަހައްޓާލެވިއްޖެ ނަމަ އެއީ މުޖުތަމައު އަށާއި އަދި އެމީހާއަށް ވެސް ލިބޭ ވަރަށް ބޮޑު ފައިދާއެއް ކަމަށް ވިދާޅުވިއެވެ.

"އެހެންވީމަ އެ ފަދަ ކަންކަމަށް ފަރުވާ ކުޑަކުރާ ނަމަ އަޅުގަނޑުމެންގެ މަޝްވަރާ ތަކަށްފަހު ފުލުހުންގެ ސީރިއަސްކަން ވެސް ވަކީން ބޮޑު ވެގެންދާ މަންޒަރު ފެނިދާނެ. މި ހަފްތާގެ މަޝްވަރާ ތަކަށްފަހު ވެސް އިތުރު ކަންތައްތަކެއް އެނގިގެންދާނެ،" އަފްޒަލް ވިދާޅުވިއެވެ.

މުޅި ރާއްޖޭގައި މި ފަހަކަށް އައިސް ކޮވިޑް ކޭސްތައް އިތުރުވާން ފެށުމާއެކު، އެޗްޕީއޭއިން ވަނީ ތިމާއާއި އަނެކުންގެ ރައްކާތެރިކަމަށް ޓަކައި ބޭރު ތެރޭގައި އުޅޭއިރު ރަނގަޅަށް މާސްކު އަޅައިގެން އުޅުމަށާއި ގައިދުރު ކަމަށް ސަމާލުކަން ދިނުމަށް އަންގާފައެވެ.

އަފްޒަލް ވިދާޅުވީ އަތޮޅު ތެރޭގެ ރަށްރަށުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު ތަކަށް ސަމާލުކަން ދޭ މިންވަރު ވަކީން ކުޑަކަމުގެ ރިޕޯޓުތައް ލިބެމުން އަންނަ ކަމަށެވެ.

"ފިހާރަ ފިހާރައަށް ވަންނައިރު ވެސް އެ މީހުން މާސްކު އަޅައިގެނެއް ނޫނޭ ވަންނަނީ. ކަރަންޓީނުގަ ހުންނަ މީހާ ވެސް ނުކުމެ ބޭރު ތެރޭގަ އުޅޭ ވާހަކަވެސް އެބަ އަޑު އިވޭ،" އަފްޒަލް ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ގައުމު ތަކުގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑްގެ އާ ވޭރިއެންޓް، "އޮމިކްރޯން" ރާއްޖެއިން ވެސް މިހާރު ފެނިފައިވާއިރު، އަފްޒަލް ވިދާޅުވީ ކޮވިޑުގެ އައުޓް ބްރޭކް ފެށުނީއްސުރެ ތިން ޕީކެއް އަތުވެއްޖެ ކަމަށެވެ. އެގޮތުން މިހާރު މި ފެންނަނީ ހަތަރުވަނަ ޕީކެއްގެ ފެށުން ކަމަށް އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ ބަލިން ރައްކާތެރިވުމަށް ޓަކައި ކުރެވިދާނެ އެންމެ މުހިއްމު ކަންކަމަކީ ފައިޒާ ވެކްސިންގެ ބޫސްޓާ ޑޯޒު ޖެހުމާއި ގައިދުރުކަން ބެހެއްޓުމާއި ރަނގަޅަށް މާސްކު އަޅައިގެން އުޅުމުގެ އިތުރުން ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ހޭންޑް ސެނެޓައިޒާއެއް ބޭނުން ކުރުމާއި ފިހާރަފަދަ ތަންތަނަށް ވަންނައިރު އެ ވަންނަ މީހުންގެ އަދަދު ކޮންޓްރޯލް ކުރުމާއި އަދި ވަންނަ މީހުން ތިބެނީ ރަނގަޅަށް މާސްކު އަޅައިގެންތޯ ވެރިފަރާތުން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

އަފްޒަލް ވިދާޅުވީ އެންމެ ގޯސް ހާލަތަށް ވެސް އޮތީ ތައްޔާރުވެފައި ކަމަށެވެ. އެގޮތުން ވިދާޅުވީ ވަސީލަތްތައް އިތުރު ކުރުމުގެ މަސައްކަތާއި އަދި ފެންވަރު މަތި ކުރުމުގެ މަސައްކަތް ވެސް ފެށުނީއްސުރެ ކުރަމުން އަންނަ ކަމަށެވެ.

"އޮރެންޖް ހިޔާ އެ ހުރީ ރެޑީގަ. އަދި ޑީއެޗް އެގާރަ އާއި ސޯޅަ ވެސް އެއީ ހަމަ ރެޑީގަ ހުރި ތަންތަން. މީގެ އިތުރުން އަތޮޅު ތެރޭގަ ހުރި ކޮވިޑް ސެންޓަރުތައް ވެސް އެ ހުރީ ރެޑީގަ،" އަފްޒަލް ވިދާޅުވިއެވެ.

އެންމެ ގޯސް ހާތަލަށް ތައްޔާރުވެ، ތިބުމުގެ މާނަ އަކީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ދޫކޮށްލުމެއް ނޫން ކަމަށް ވެސް އަފްޒަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަންކަން ދޫކޮށްލައިފި ނަމަ ސިއްހީ ދާއިރާ "އޯވާލޯޑު"ވާ މިންވަރަށް ކޭސްތައް އިތުރުވެދާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް