މާލެ ތެރެއިން ދަތުރުތައް ނުނަގާ ޓެކްސީތައް ރިޕޯޓުކުރުމަށް އެދިއްޖެ

މަޖީދީމަގުން ޓެކްސީއެއް ދަތުރުކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެތެރެއިން ދަތުރުތައް ނުނަގައި ހަމައެކަނި ހުޅުމާލެ އާއި އެއާޕޯޓަށް ދަތުރުކުރާ ޓެކްސީތައް ރިޕޯޓުކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އެދިއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މާލެ ސަރަހައްދުން ޓެކްސީގެ ހިދުމަތް ހޯދަން ބޭނުންވާ މީހުން އެ ހިދުމަތް ނުދީ، ހަމައެކަނި ހުޅުމާލެއާއި އެއާޕޯޓަށް ދަތުރުކުރާ ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

ޓެކްސީގެ ހިދުމަތަށް އެދުމުން އެ ހިދުމަތް ނުދޭ ފަރާތްތަކުގެ މައްސަލަ އެ މިނިސްޓްރީގެ ފޯނު ނަންބަރު 7943434އަށް ވައިބާ މެދުވެރިކޮށް ރިޕޯޓުކުރުމަށް ވަނީ އެދިފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ޓެކްސީގެ ހިދުމަތް ދިނުމުގައި ސެންޓަރުތަކުގެ މައްޗަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނު އަދި ޓެކްސީ ގަވާއިދުގައިވާ ކަންކަން ހިނގާނެ ކަމަށެވެ. އަދި އެކަންކަން ފުރިހަމަ ނުވާ ސެންޓަރުތަކާ މެދު ގާނޫނީ ފިޔަވަޅު އެޅޭނެކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޓެކްސީތަކުން މާލެތެރެއަށް އާންމުކޮށް ދަތުރުކުރަނީ 25 ރުފިޔާ އަށެވެ. ދަންވަރު ބާރައިގެ ފަހުން 30 ރުފިޔާއަށެވެ.

މާލެއިން ހުޅުމާލެއަށް އާންމުކޮށް ދަތުރުކޮށްދެނީ 75 ރުފިޔާއަށެވެ. ދަންވަރު މި އަގު އުޅެނީ 80 ރުފިޔާގައެވެ.

މާލެއިން ހުޅުމާލެ ދެވަނަ ފޭސްއަށް 90 ރުފިޔާއަށް ދަތުރުކޮށްދޭ އިރު، ދަންވަރު މި ދަތުރުގެ އަގަކީ 100 ރުފިޔާއެވެ.

މާލެއިން އެއާޕޯޓަށް ދަތުރުކޮށްދޭ އާންމު ރޭޓަކީ 65 ރުފިޔާއެވެ. ދަންވަރު ގަޑީގައި އެއާޕޯޓު ދަތުރެއްގެ އަގަކީ 75 ރުފިޔާއެވެ.

މި ފަހަކަށް އައިސް ޓެކްސީ ލިބުމުގައި ދަތިވުމުގެ ޝަކުވާވަނީ އާންމުވެފައެވެ. ގިނަބަޔަކު ބުނާގޮތުގައި މިހެން ދިމާވަނީ މާލެތެރޭގެ ދަތުރުތައް އަގުހެޔޮވެފައި އެހެން ދަތުރުތަކުގެ އަގުބޮޑުވުމުންނެވެ.

comment ކޮމެންޓް