ނަންބަރުތައް މައްޗަށް، މާލެއިން އެކަނި ވެސް 1348 މީހުން ޕޮޒިޓިވް

ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ -- ސަން ފޮޓޯ/ފަޔާޒް މޫސާ

ފާއިތުވި 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ނެގި 6,598 ސާމްޕަލްގެ ތެރެއިން 2,199 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާންމުކުރި މައުލޫމާތުން ދައްކާ ގޮތުގައި މާލެއިން 1348 މީހުން ޕޮޒިޓިވް ވެފައިވެއެވެ. އަތޮޅުތެރޭގެ ރަށްރަށުން 531 މީހަކު މިއަދު އަލަށް ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން 83 މީހުން ޕޮޒިޓިވްވިއެވެ.

މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 1110,931 އަށް އަރާފައެވެ.

މި ބަލި ޖެހިފައިވާ 10,537 މީހަކު މިވަގުތު ރާއްޖޭގައި ތިބިއިރު، އޭގެ ތެރެއިން 43 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެއިން ޓެސްޓްކުރި ސާމްޕަލްގެ އަދަދަކީ 3,910އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދާ ހަމައަށް ބަލިން މުޅިން ފަސޭހަވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 100,112އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިއަދު ހަތަރު މީހަކު މަރުވެފައިވެއެވެ. މި ބަލީގައި މިހާތަނަށް ޖުމްލަ 269 މީހުން ވަނީ މަރުވެފައެވެ.

ކޮވިޑުގެ ނަންބަރުތައް އިތުރުވަމުން އަންނާތީ އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން މާލެއިން ރަށްރަށް ފުރާނަމަ 72 ގަޑިއިރު ނުވާ ނެގަޓިވް ޕީސީއާރް ޓެސްޓެއް އޮންނަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް