ކިންގް ސަލްމާން މިސްކިތް ހުޅުވަން ފައިސާ ދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފި

ކިންގް ސަލްމާން މިސްކިތް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް ބޭނުންވާ ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިސްކިތް ހުޅުވުމަށް ބޭނުންވާ ފައިސާ ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ސިޓީ އަކުން ވަނީ ދަންނަވާފައެވެ.

އިސްލާމިކް މިނިސްޓްރީން އެދުނު ގޮތަށް ފައިސާ ދޫކުރަން މިހާރު ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓާ ލައްމާން ވަހީދު "ސަން"އަށް ވިދާޅުވިއެވެ.

ކިންގް ސަލްމާން މިސްކިތަށް ބޭނުންވާ ފަރުނީޗަރު ގެނައުމުގެ ޕްރޮޖެކްޓަށް ހުށަހަޅައިފައިވާ ކޯޓޭޝަންގެ އަގަކީ 1.6 މިލިއަން އެމެރިކާ ޑޮލަރުކަމަށް ރައީސްއަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ސިޓިގައި ބުނެފައިވަނީ ސަލްމާން މިސްކިތަށް ބޭނުންވާ ފަރުނީޗަރު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް ނުގެންދެވިއްޖެނަމަ ރަމަޟާންމަހަށް އެ މިސްކިތް ނުހުޅުވި ލަސްވެދާނެކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިމާރާތްކުރަން ފެށި ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް މި ސަރުކާރުން މަސައްކަތްކުރި ނަމަވެސް އެކި ސަބަބުތަކާ ހެދި މިސްކިތް ހުޅުވޭ ގޮތް ވަނީ ނުވެފައެވެެ.

އެންމެ ފުރަތަމަ އެ މިސްކިތް ހުޅުވަން ނިންމީ މިއަހަރުގެ މާޗު މަހުގައެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން މިނިސްޓްރީން ވަނީ އެ ތާރީހުގައި މިސްކިތް ނުހުޅުވަން ނިންމާފައެވެ.

މިދިޔަ އަހަރުގެ ރޯދަމަހު އެ މިސްކިތް ހުޅުވުމަށް މިނިސްޓްރީން މަސައްކަތް ކުރި ނަމަވެސް ވަސީލަތްތައް ގާއިމް ނުކުރެވޭތީ މިސްކިތް ނުހުޅުވުނެވެ. އޭގެފަހުން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ އަންނަ ރޯދަ މަހަށް މިސްކިތް ހުޅުވުމަށެވެ.

ކިންގް ސަލްމާން މިސްކިތް އެޅުމަށް ހަރަދުކޮށްފައިވަނީ 25 މިލިއަން ޑޮލަރެވެ. މި ޕްރޮޖެކްޓަށް ސައުދީން ވަނީ 14.5 މިލިއަން ޑޮލަރުގެ ހިލޭ އެހީދީފައެވެ. އަދި ބާކީ ބައި ހަރަދުކުރީ ސަރުކާރުންނެވެ.

އެ މިސްކިތުގެ ފުރަތަމަ ދެ ފްލޯގައި 4000 މީހުންނަށް ނަމާދު ކުރެވޭނެއެވެ. ތިން ވަަނަ ފްލޯގައި ހަތަރު ކްލާސްރޫމާއި ފަސް ސެނިމާ ރޫމްހު ހުންނައިރު ހަތަރުވަނަ ފްލޯގައި ލައިބްރަރީއެއް އަދި 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމްއެއް ހުރެއެވެ. އޭގެ އިތުރުން، ފަސްވަނަ ފްލޯގައި 300 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލެއް ވަނީ ގާއިމްކޮށްފައެވެ.

comment ކޮމެންޓް