ދަރިވަރުންނަށް ފިލާވަޅު ފަހުމުވުމަށް ޓީޗަރުގެ މޫނު ފެނުން މުހިއްމު: އެޑިއުކޭޝަން

އިމާދުއްދީން ސްކޫލްގެ ޓީޗަރަކު ކުދިންނަށް ކިޔަވައިދެނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމަށް ޓީޗަރުގެ މޫނު ފެނުން މުހިއްމު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

މޫނު ބުރުގާގެ މައްސަލަ އަނެއްކާ ފެންމަތި ވެފައިވަނީ ކުރިން އަމަލު ކުރަމުން އަންނަ އުސޫލު މިފަހުން އެޑިއުކޭޝަން މިނިސްޓްރީން އަނެއްކާ ވެސް ހަނދާން ކޮށްދިނުމާ ގުޅިގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މޫނުބުރުގާ އަޅައިގެން ސްކޫލުތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވަނީ ޖަނަވަރީ 2019 އިން ފެށިގެން ކަމަށާއި އެ އުސޫލަށް ފަހުން އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ. އޭގެ ކުރިން ސްކޫލުތަކުގައި މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރުމަކީ މަނާ ކަމެއްކަން އެ މިނިސްޓްރީން ފާހަގަކުރިއެވެ.

މިނިސްޓްރީން ބުނީ މިވަގުތު ސްކޫލުތަކުގެ އެކި މަގާމުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރާ ބޭފުޅުންވެސް ހިމެނޭ ކަމަށެވެ. އަދި އެބޭފުޅުންނާއި މޫނުބުރުގާ ނާޅާ ބޭފުޅުންނާ މަސައްކަތު މާހައުލުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

މޫނު ބުރުގާ އެޅި ޓީޗަރުންނަށް އެންމެ ފުރަތަމަ ވެސް ހުއްދަ ދިނީ ކިޔަވައިދޭ ވަގުތު މޫނު ދައްކަން އެންގުމަށް ފަހުގައެވެ.

މިނިސްޓްރީން ބުނީ ލޮލާއި އަނގައާއި މޫނުމަތީގެ އިޝާރާތްތަކަކީ މުވާސަލާތު ކުރުމުގައި ޒަރޫރީ ކަންކަމަށްވެފައި، ކިޔަވައިދޭ ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި އެ އިޝާރާތްތައް މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ. އެއީ ފިލާވަޅަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމުގައިވެސް މުދައްރިސުގެ ނޮންވާބަލް ބިހޭވިއާ ނުވަތަ ހަރަކާތްތައް މުހިއްމު ދައުރެއް އަދާކުރާތީކަމަށް މިނިސްޓްރީން ބުނެއެވެ.

"މިގޮތަށް އަންގާފައިވަނީ ދަރިވަރުންނަށް އުނގަންނައިދިނުމުގައި މޫނުމަތީގެ ހަރަކާތްތަކަކީ ނުހަނު ބޭނުންތެރި ވަސީލަތަކަށްވުމާއި، ޓީޗަރުންގެ މޫނުމައްޗަށް ގެނެވޭ އެކިއެކި ހަރަކާތްތަކުން ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމު އެހީއަކަށްވާކަމަށް ތަޖުރިބާކާރުންނާއި
މާހިރުން އިއްތިފާގުވާތީ، އެ ފުރުސަތުން ދަރިވަރުން މަހުރޫމުވިޔަ ނުދިނުމަށްޓަކައި،" އެޑިއުކޭޝަނުން ބުންޏެވެ.

މިނިސްޓްރީން ބުނީ ފިލާވަޅު ރަނގަޅަށް ދޭހަވުމުގައި ދަރިވަރުންނަށް މުދައްރިސުގެ މޫނުގެ އިޝާރާތްތަކާއި ނޮންވާބަލް ބިހޭވިއާ ކޮންމެހެން ފެނުން ލާޒިމްކަމުގައި ވީނަމަވެސް މި ދުވަސްވަރު މުދައްރިސުން ކިޔަވައިދިނުމުގައި މާސްކު އަޅަން އަންގާފައިވަނީ ސިއްހީގޮތުން ދިމާވެފައިވާ ހާއްސަ ހާލަތަކާ ގުޅިގެން މަޖްބޫރީ ހާލަތެއް މެދުވެރިވުމުން ކަމަށެވެ.

"އަޅުގަނޑުމެންގެ ދުޢާއަކީ ވީހާވެސް އަވަހަކަށް މިޙާލަތުން
އަރައިގަނެވި މާސްކާނުލާ ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެފަދަ ޙާލަތަކަށް ކަންކަން ރުޖޫޢަވެ، އެ ފުރުޞަތު މުދައްރިސުންނާއި ދަރިވަރުންނަށް ފަހިވެގެން ދިއުން،" ބަޔާނުގައިވެއެވެ.

މާސްކް އަޅައިގެން ކިޔަވައި ދެވޭނަމަ މޫނު ބުރުގާ އަޅައިގެން ވެސް ކިޔަވައި ދެވެން ޖެހޭނެ ކަމަށް ބުނެ ބައެއް މީހުން އަންނަނީ ހިޔާލު ފާޅު ކުރަމުންނެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ވަނީ މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމާ އެ ޕާޓީން ދެކޮޅު ކަމަށް މިއަދު ބުނެފައެވެ.

އެމްއެންޕީއިން ވަނީ މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ޓީޗަރުންނަށް އޮންނަން ޖެހޭ ކަމަށް ބުނެފައެވެ.

comment ކޮމެންޓް