މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ފުރުސަތު ދޭން ޖެހޭ: އެމްއެންޕީ

އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމް-- ސަން ފޮޓޯ

މޫނު ބުރުގާ އެޅުމަކީ އެއްވެސް ފަރާތަކަށް މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.

މޫނު ބުރުގާގެ މައްސަލަ އަނެއްކާ ފެންމަތި ވެފައިވަނީ ކުރިން އަމަލު ކުރަމުން އަންނަ އުސޫލު މިފަހުން އެޑިއުކޭޝަން މިނިސްޓްރީން އަނެއްކާ ވެސް ހަނދާން ކޮށްދިނުމާ ގުޅިގެންނެވެ.

މޫނު ބުރުގާ އަޅައިގެން އުޅޭ މީހުންނަށް ޓީޗަރުންގެ ވަޒީފާ ދޭން ފެށީ މިސަރުކާރު އައިފަހުންނެވެ. ނަމަވެސް ފުރަތަމަ ވެސް އެންގީ ކިޔަވައިދޭއިރު މޫނު ނިވާ ނުކުރުމަށެވެ. އެއީ ހައްގަކުން މަހުރޫމް ކުރުން ކަމަށް ބުނެ ބައެއް މީހުން ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.

އެމްއެންޕީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މޫނު ބުރުގާ އެޅުމަކީ އިސްލާމްދީނުގައި ލާޒިމްކޮށްފައިވާ ކަމެއް ކަމާމެދު ދީނީ އިލްމުވެރިންގެ މެދުގައި ހިލާފް އުފެދިފައިވާއިރު، މޫނު ބުރުގާ އެޅުމަކީ ލާޒިމްކަމެއްކަމަށް ދެކޭ ރައްޔިތުންތަކެއް ރާއްޖޭގައި ދިރިއުޅޭކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ.

އެހެންކަމުން، މޫނު ބުރުގާ އެޅުމަކީ އެ ފަރާތްތަކަށް ގާނޫނުއަސާސީން ލިބިދޭ އެއްވެސް ހައްގަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަން އަންނަންޖެހޭނެ ސަބަބެއް ކަމަށް އެ ޕާޓީން ނުދެކޭ ކަމަށް ބުންޏެވެ.

"މިފަދަ ކަމެއް މަނާކޮށް އެއްވެސް ފަރާތެއްގެ ހައްގެއް ހިފަހައްޓާކަމަށްވާނަމަ، އެކަން ކުރަންވާނީ މިކަމާ ގުޅޭގޮތުން ދީނީ އިލްމުވެރިން ހިމެނޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން ކަމަށް ވެސް މިޕާޓީން ދެކެން،" އެމްއެންޕީއިން ބުންޏެވެ.

މާސްކް އަޅައިގެން ކިޔަވައި ދެވޭނަމަ މޫނު ބުރުގާ އަޅައިގެން ވެސް ކިޔަވައި ދެވެން ޖެހޭނެ ކަމަށް ބުނެ ބައެއް މީހުން އަންނަނީ ހިޔާލު ފާޅު ކުރަމުންނެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއިން މިއަދު ވަނީ މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމާ އެ ޕާޓީން ދެކޮޅު ކަމަށް ބުނެފައެވެ.

comment ކޮމެންޓް