ޔޫތު މުބާރާތް ހޯމަ ދުވަހު ފަށަނީ، ފުރަތަމަ މެޗުގައި ވާދަކުރާނީ އީގަލްސްއާއި ސަސް

ޔޫތު ޗެމްޕިއަންޝިޕްގައި އީގަލްސް އާއި މާޒިޔާ ބައްދަލު ކުރި މެޗުގެ ތެރެއިން -- ސަންފޮޓޯ/ މުހައްމަދު އަފްރާހް

މި އަހަރުގެ ސީޒަންގެ ޔޫތު ޗެމްޕިއަންޝިޕް އަންނަ ހޯމަ ދުވަހު ފަށަން ނިންމައިފިއެވެ.

މި މުބާރާތުގައި ފުރުސަތު ދީފައިވަނީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމުތަކަށެވެ. އަދި އޭގެ އިތުރުން އަތޮޅުތެރޭގެ ދެ ޓީމަކަށް ބައިވެރިވާން ހުޅުވައިލި ފުރުސަތުގައި މަހިބަދޫ ސްޕޯޓްސް ކްލަބުން ވަނީ ބައިވެރިވެފައެވެ.

އެފްއޭއެމްގެ އެލީޓް އެންޑް ޔޫތު ޑިވަލޮޕްމެންޓްގެ ހެޑް އަހްމަދު ޝާކިރު (ޝާކިއްޓޭ) ވިދާޅުވީ މުބާރާތުގައި ބައިވެރިވާން އެހެން ރަށްރަށުން ވެސް މަސައްކަތް ކުރި ކަމަށެވެ.

"އޭދަފުށިންނާއި ކ. ގުރައިދޫން ވެސް މަސައްކަތް ކުރި ބައިވެރިވާން. އެހެން ނަމަވެސް މިހާރު ކޮވިޑުގެ ހާލަތު އޮތްގޮތުން ބައިވެރި ނުވެވުނީ،" ޝާކިއްޓޭ ވިދާޅުވިއެވެ.

ނަވާރަ އަހަރުން ދަށަށް މި މުބާރާތް ބާއްވަން ނިންމައިފައި ވިޔަސް މުބާރާތުގައި ކުޅެވޭނީ 2003،2004 އަދި 2005ގައި އުފަންވެފައިވާ ކުދިންނަށެވެ.

މި މަހުގެ 24ވަނަ ދުވަހު ހަވީރު ފުރަތަމަ މެޗުގައި ވާދަކުރާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސްއާއި ކްލަބް އީގަލްސްއެވެ. އަދި އެ ރޭ މަހިބަދޫ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރާނެެއެވެ.

ޝާކިއްޓޭ ވިދާޅުވީ 19 އަހަރުން ދަށުގެ ގައުމީ ޓީމު އެކުލަވައިލުމަށް މިއީ ވަރަށް މުހިންމު މުބާރާތެއް ކަމަށެވެ. އަދި މިހާރު ސީނިއާ ގައުމީ ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީ ވެސް ޔޫތު މުބާރާތްތަކުން ވިދާލި ކުޅުންތެރިންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަންނަ އަހަރު 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އޮންނާނެއެވެ.

ކޮވިޑް-19އާ ގުޅިގެން ޔޫތު ޗެމްޕިއަންޝިޕް މިދިޔަ އަހަރު ބޭއްވޭ ގޮތް ވަނީ ނުވެފައެވެ. އެންމެ ފަހުން ބޭއްވި ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވަނީ ކްލަބް އީގަލްސްއިންނެވެ. އީގަލްސްއަކީ ޔޫތު މުބާރާތްތަކުގައި އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމުން ހަތަރު ފަަހަރު މި މުބާރާތް ކާމިޔުާބު ކޮށްފައިވެއެވެ.

comment ކޮމެންޓް