މޭރީ މަރުވިކަމަށް ބުނެ ރިޕޯޓް ކުރީ ލަމްހާ އެ ގެއިން ނުކުތްތާ އެއް މިނެޓް ފަހުން: ޕީޖީ

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ލަމްހާ ----

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް އޮނެޑް ޕިނެޑާ މަރުވެގެން ރިޕޯޓް ކުރުމުގެ އެއް މިނެޓް ފަހުން އެ ގެއިން ދިވެހި ނަރުސް ހަލީމަތު ލަމްހާ ނުކުތް ކަމަށް ދައުލަތުން ބުނެފިއެވެ.

މޭރީގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މާވީންއަށް ވަނީ މަރުގެ ދައުވާ ކޮށްފައެވެ. އަދި މާވިންގެ ދިވެހި ލޯބިވެރިޔާ ލަމްހާއަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން އިތުރު ދެ ދައުވާއެއް އުފުލައިފައެވެ.

މި މައްސަލައާ ގުޅިގެން އަދިވެސް ވަރަށް ގިނަ ހެކިތަކެއް ހުށަހަޅަން ހުރިކަން ފާހަގަކޮށް ދައުލަތުގެ ވަކީލް ވިދާޅުވީ, މޯބައިލް ފޮރެންސިކް ހެކިތަކެއް އަދި ހުށަހެޅުމަށް ހުރި ކަމަށެވެ.

އެ ހާދިސާ ދައުލަތުން ސިފަކޮށްފައިވަނީ ދުރާލާ ރާވައިގެން ހިންގި ހާދިސާއެއްގެ ގޮތުގައެވެ. އަދި އެގޮތަށް ބެލެވޭ ބައެއް ސަބަބުތައް ވެސް ދައުލަތުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ ހިއްސާކޮށްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ދިހަ ވަނަ ދުވަހުގެ ފަހުން ލަމްހާއާ މާވިންއާ ދެމެދު ދެކެވިފައިވާ ވާހަކަތަކަށް ބަލާއިރު އަންހެނެއްގެ ގަޔަށް ސިރުންޖު ޖަހާ ވާހަކަތަކެއް ދައްކާފައިހުރި ކަމަށް ދައުލަތުގެ ވަކީލް ވަނީ ވިދާޅުވެފައެވެ.

އެ ހާދިސާ ހިނގި ދުވަހުގެ 10:20 ގައި މާވިންގެ ފޯނުން ގޫގުލް ސާޗްތަކެއް ކޮށްފައިވާކަން ފާހަގަކޮށް ދައުލަތުގެ ވަކީލް ވިދާޅުވީ, މީހެއްގެ ކަރުގައި ހިފާ ނޭވާ ހާސްކޮށް މަރާލާނެ ގޮތުގެ ފޮޓޯތަކެއް ބަލާފައިވާ ކަމަށެވެ.

"މި ގޫގުލް ސާޗްގެ ދެތިން ހަތަރު މިނެޓް ފަހުން މާވިން ވަނީ އޮލީވިއާ (މާވިންއާ މޭރީގެ ކުޑަ ދަރިފުޅު) ގެންގޮސް ލަމްހާއާ ހަވާލުކޮށްފައި," ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ހާދިސާ ހިނގާފައިވާ ގޮތުގެ ޓައިމްލައިނަށް ބަލާއިރު އެ ދުވަހުގެ 12:02 ގައި މޭރީ, ބްރޭކަށް ގެއަށް ގޮސްފައިވާ ކަން ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އަދި 12:30 ގައި ކުޑަ ދަރިފުޅު ގޮވައިގެން މާވިންމެން ދިރިއުޅުނުގެއަށް ލަމްހާ ދިޔަކަމަށް ވެސް ދައުލަތުން ބުންޏެވެ.

މާވިންގެ ދެމަފިރިން ދިރިއުޅުނުގެއަށް އެ ދުވަހު ލަމްހާ ނުވަންނަކަމަށް ބުނެފައިވާތީ އެކަން ނަފީ ކުރުމަށް ދައުލަތުން ވީޑިއޯ ފުޓޭޖް ހުށަހަޅާނެ ކަމަށް މިއަދު ވަނީ ބުނެފައެވެ.

"އޮލީވިއާ ގޮވައިގެން 12:30 ގައި ލަމްހާ އެގެއަށް ވަނުމަށްފަހު ލަމްހާ އެ ގެއިން ނިކުމެފައިވަނީ އޭގެ ވިހި މިނެޓް ފަހުން 12:49 ގައި. ލަމްހާ އެގެއިން ނިކުތުމުގެ އެއް މިނެޓް ފަހުން މޭރީ މަރުވިކަމަށް ބުނެ މާވިން މިވަނީ އެމްބިއުލައިންސަށް ގުޅާފައި," ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

އެހެންކަމުން މޭރީ މަރުވެގެން ދިއުމުގައި ލަމްހާގެ އަތެއް ނެތް ކަމަށް ބަލާނެ އެއްވެސް ޖާގައެއް ނެތް ކަމަށް ދައުލަތުގެ ވަކީލް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް