ޓީޗަރުންގެ އައިޑެންޓިޓީ ޔަގީން ވާން ޖެހޭނެ: އެމްޑީޕީ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ --- ފޮޓޯ/ މަޖިލިސް

ސްކޫލްތަކަކީ ދަރިވަރުންގެ މަސްލަހަތު ނަގަހައްޓަންޖެހޭ އަދި ދަރިވަރުންނަށް ރައްކާތެރިކަން ވެސް އޮންނަންޖެހޭ ވަކި ހާއްސަ ތަންތަންކަމަށް ވާއިރު، ކިޔަވާ ދިނުމަށް ދަރިވަރުންނާ ބައްދަލުކުރާއިރު ޓީޗަރުންގެ އައިޑެންޓިޓީ ޔަގީން ވާންޖެހޭނެ ކަމަށް އެމްޑީޕީއިން މިއަދު ބުނެފިއެވެ.

އެ ޕާޓީން އެހެން ބުނެ ބަޔާނެއް ނެރުނީ ސްކޫލުތަކުގައި މޫނު ބުރުގާ އަޅައިގެން ކިޔަވާދިނުމަށް ބައެއް ފަރާތްތަކުން ބާރުއަޅާތީ އެކަމާ ގުޅުވައިގެންނެވެ.

އެމްޑީޕީން މިއަދު ބުނީ ދިވެހި މުޖުތަމައުގެ ގިނަ މީހުން ބޭނުން ވަނީ ޓީޗަރުން އުނގަންނައި ދޭ އިރު އެމީހުން މޫނު ބުރުގާއިން މޫނު ނުފޮރުވައި ނުވަތަ އެއީ ކޮންބައެއްކަން ދަރިވަރުންނަށް ރަނގަޅަށް ސާފުވާގޮތަށް ތިބުން ކަމަށެވެ.

"އަދި ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި މިގޮތަށް އާދަކާދަ އޮވެ، މުދައްރިސުންނާއި ސްކޫލު މަދަރުސާތަކުން މި މިންގަނޑު ވަރަށް ރަނގަޅަށް ނަގަހައްޓަވަމުން ގެންގޮސްފައިވޭ،" އެމްޑީޕީއިން ބުންޏެވެ.

އެ ޕާޓީން ބުނީ މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމާ ދެކޮޅަށް ވާހަކަ ދައްކާ މީހަކީ ވެސް ދީނުން ބޭރުވެފައިވާ އަދި ލޭ ހުއްދަވެގެންވާ މީހެއްކަމަށް ސިފަކުރާކުރުމާ މެދު އެ ޕާޓީން ކަންބޮޑުވާ ކަމަށެވެ.

"އަދި މީގެކުރިން ވެސް އެފަދައިން ސިފަކޮށް މީހުންގެ ހަށިފުރާނަ ނައްތާލައި ގެއްލުންދީފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަން. އެހެންކަމުން، އެފަދަ ކުށްތަކުގެ މައްސަލަތައް ބެއްލެވުމުގައި އިތުރަށް ސަމާލުވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި ޕާޓީން ގޮވާލާގޮވާލުން ތަކުރާރުކުރަން،" ބަޔާނުގައިވެއެވެ.

މޫނު ބުރުގާގެ މައްސަލަ އަނެއްކާ ފެންމަތި ވެފައިވަނީ ކުރިން އަމަލު ކުރަމުން އަންނަ އުސޫލު މިފަހުން އެޑިއުކޭޝަން މިނިސްޓްރީން އަނެއްކާ ވެސް ހަނދާން ކޮށްދިނުމާ ގުޅިގެންނެވެ.

މޫނު ބުރުގާ އަޅައިގެން އުޅޭ މީހުންނަށް ޓީޗަރުންގެ ވަޒީފާ ދޭން ފެށީ މިސަރުކާރު އައިފަހުންނެވެ. ނަމަވެސް ފުރަތަމަ ވެސް އެންގީ ކިޔަވައިދޭއިރު މޫނު ނިވާ ނުކުރުމަށެވެ.

comment ކޮމެންޓް