"އިންޑިއާ އައުޓް" ކެމްޕެއިނަށް ތާއީދެއް ނެތް، ޔާމީން ޖެހޭނީ ހުއްޓާލަން: ނަޝީދު

15 ޖޫން 2020: މަޖިލިސް ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާއި ބައްދަލުކުރެއްވުން - ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސް ނަންގަވައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނަށް ތާއީދެއް ނެތް ކަމަށާއި، ޔާމީނު ޖެހޭނީ އެކަން ހުއްޓާލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލަންކާގެ ނޫހަަކަށް ދެއްވި ވީޑިއޯ އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ރާއްޖެއާ އެންމެ ގުޅޭ އަދި ރާއްޖޭގެ އެންމެ އިސް ދައުރެއް އަދާކުރެވޭނެ ގައުމަކީ އިންޑިއާ ކަމަށެވެ.

އެކަން އިތުރަށް ތަފްސީލް ކުރައްވަމުން ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑުގައި ރާއްޖެއޮތް އިރު، ރާއްޖޭގެ ސަގާފަތާއި ތާރީހީ ގުޅުންތައް ގުޅިފައި ވަނީ އިންޑިއާއާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ އަބަދުވެސް "އިންޑިއާ ފަސްޓް ޕޮލިސީ" ކަމަށް ނަޝީދު ވިދާޅުވިއެވެ.

އިދިކޮޅުން ހިންގަމުން އަންނަ "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެ ކެމްޕެއިނަށް ދިވެހިންގެ ތާއީދު ނެތް ކަމަށެވެ. އެއްވެސް ގައުމަކާ އެގޮތަށް ޖައްސައިލައިގެން އުޅެން ދިވެހިން ބޭނުން ނުވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"އިންޑިއާ އައުޓް ކެމްޕެއިނަށް ދިވެހިންގެ ތާއީދެއް ނެތް ކަމަށް އަޅުގަނޑު ޔަގީން ކުރަން، ރައީސް ޔާމީން ޖެހިވަޑައިގަންނަވާނީ ހަމަ އެ ކެމްޕެއިން ހުއްޓައިލަން" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ރާއްޖެއިން މިހާރު ވެސް އަދި ކުރިއަށް އޮތްތަނުގައި ވެސް އިސް ކުރާނީ އިންޑިއާ ކަމަށާއި ޗައިނާއަށް ރާއްޖޭގައި މާބޮޑު ދައުރެއް އަދާ ނުކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް