ވެލެންސިއާ އަތުން މާޒިޔާ ބަލިވިނަމަވެސް ފައިނަލްގެ ޖާގަ މާޒިޔާއިން ކަށަވަރުކޮށްފި

ޕްރެޒިޑެންޓްސް ކަޕުގައި މިރޭ ކްލަބް ވެލެންސިއާ އާއި މަޒިޔާ ކުުޅުނު މެޗުގެ ތެރެއިން-- ފޮޓޯ/ އެފްއޭއެމް

ޕެރްޒިޑެންޓްސް ކަޕުގައި މިރޭ ކްލަބް ވެލެންސިއާ 1-0 ގެ ނަތީޖާއަކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ބަލިކުރިނަމަވެސް ފައިނަލް މެޗުގެ ފަހު ޖާގަ މާޒިޔާ އިން ކަށަވަރުކޮށްފިއެވެ.

މާޒިޔާ ފައިނަލަށް ދަތުރުކޮށްފައިވަނީ ފައިދާ ގޯލުގެ ތަފާތުން ތާވަލްގެ ދެވަނަ އެ ޓީމަށް ލިބޭތީއެވެ. ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީންކުރީ ކްލަބް ވެލެންސިއާއިންނެވެ.

މެޗުގައި ގޯލު ޖަހާނެ ހުސް ފުރުސަތު ދެ ޓީމަށް ވެސް ވަނީ ލިބި ފައެވެ. މެޗު ފަށައިގެން މާ ގިނަ އިރުތަކެއް ނުވަނީސް މާޒިޔާގެ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

މެޗުގެ ހަމައެކަނި ގޯލު ފެނިފައިވަނީ މެޗުގެ 31 ވަނަ މިނެޓުގައެވެ. މި ގޯލު ކާމިޔާބުކޮށްދިނީ މި މުބާރާތުގައި ރަނގަޅު ފޯމެއްގައި ހުރި އަލީ ފާސިރުއެވެ.

މި ގޯލަށް ފަހުގައި ވެސް މާޒިޔާއިން ދިޔައީ ގޯލު ޖަހާނެ ފުރުސަތުތަށް ތަނަވަސް ކުރަމުންނެވެ. އޮގޮތުން އޭރީއާ ތެރެއަށް އައިސަމް ނަގައިދިން ބޯޅަ އެ ޓީމުގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މަޒިޔާއިން ދެވަނަ ހާފު ފަށައިގެން ވެސް ދިޔައީ ގޯލެއް ޖެހޭތޯ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފަހުން އައިސަމް ޖެހި ހިލޭ ޖެހުން ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ވެލެންސިއާގެ ލީޑު ފުޅާކުރުމަށް ވެސް ވަނީ ރަނުގެ ފުރުސަތެއް މެޗުގެ 71 ވަނަ މިނެޓުގައި ލިބިފައެވެ. މާޒިޔާގެ ޕެނަލްޓީ އޭރިއާތެރެއިން ވެލެންސިއާ ކުޅުންތެރިއަކަށް މާޒިޔާގެ ހައިޝަމް ހަސަން ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ ވަނީ ބޭކާރުވެފައެވެ. ވެލެންސިއާގެ އިތުބާރު ފޯވާޑް ފާސިރު ޖެހި ޕެނަލްޓީ ވަނީ މާޒިޔާގެ ކީޕަރު ކިރަން ކުމާރު މަތަކޮށްފައެވެ.

މި ނަތީޖާއިން ވެލެންސިއާ މޮޅުވެ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި ވެސް ފެންނާނީ ހަމަ މި ދެ ޓީމުގެ ކުރިމަތިލިމެކެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި މާޒިޔާއިން މި އަހަރު ކުޅޭނީ 14 އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ. މި އަހަރުގެ މުބާރާތުގެ ފައިނަލަށް ވެލެންސިއާ ދަތުރުކުރީ އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑަކާއި އެކުގައެވެ.

comment ކޮމެންޓް