ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ކްލަބް އީގަލްސް އިން 4-1 ގެ ނަތީޖާ އަކުން ކުލަބް ގްރީންސްޓްރީޓްސް ބަލިކުރުމާ އެކު ގްރީންސްޓްރީޓްސްއަށް މި މުބާރާތުގެ ފައިނަލަށް ދަތުރުކުރުމުގެ އަމިއްލަބާރު ގެއްލިއްޖެއެވެ.
ގްރީން އިން މި މެޗަށް ނުކުތީ މުބާރާތުގެ ގަދަ ބާރު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންސް ކްލަބް 2-0 ގެ ނަތީޖާއަކުން ބަލިކޮށްގެން ފުރިހަމަ އުންމީދަކާއެކުއެވެ. ނަމަވެސް އީގަލްސް، ކްލަބް ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗު ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.
މެޗު ފަށައިގެން ނިމުމާ ހަމައަށް ވެސް ކްލަބް އީގަލްސް ވަނީ ބޯޅަ ހިފަހައްޓައިގެން ރަނގަޅު ފުރުސަތު ތަކެއް ތަނަވަސްކޮށްފައެވެ.
އެގޮތުން މެޗުގެ ފުރަތަމަ ލީޑު ނެގީވެސް އެޓީމުންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ހަސަން ރާއިފް އަހުމަދު ވަނީ ގޯލެއް ޖަހާފައެވެ.
ނަމަވެސް ގްރީނުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އަންސަރު އިބްރާހިމްއެވެ.
މި ނަތީޖާއާ އެކު ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ފަށައިގެން އަށް މިނެޓު ތެރޭގައި ވަނީ އީގަލްސްއިން އަނެއްކާ ވެސް ގޯލެއްޖަހައި ދެވަނަ ފަހަރަށް ލީޑު ނަގައިފައެވެ. މި ގޯލު ޖަހައިދިނީ ވެސް ހަސަން ރާއިފްއެވެ.
މެޗުގެ 65 ވަނަ މިނެޓުގައި ހަސަން ރާއިފް ވަނީ އޭނާގެ ހެޓްރިކު މެޗުގައި ފުރިހަމަކޮށްފައެވެ. އަދި މެޗުގެ 79 ވަނަ މިނެޓުގައި އަހުމަދު ރިޒްވާން ވަނީ މެޗުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.
މި ނަތީޖާއާ އެކު ގްރީން ވަނީ ތާވަލްގެ ތިންވަނައަށް ވެއްޓިފައެވެ. އަދި އީގަލްސް އޮތީ ތާވަލްގެ ފަސްވަނައިގައެވެ.
ތާވަލް މިހާރު އެތުރިފައިވާގޮތުން މާޒިޔާ މިރޭ ވެލެންސިއާ ދެކޮޅަށް ކުޅޭ މެޗުން 1-0 ގެ ނަތީޖާއަކުން ބަލި ވެގެންވެސް އެޓީމަށް ފައިނަލަށް ދެވޭނެއެވެ.
ގްރީން ފައިނަލްގެ ޖާގައެއް ކަށަވަރުކުރުމަށް ދެ ގޯލުގެ ތަފާތުން މަޒިޔާ މިރޭ ބަލިވާންޖެހެއެވެ.
އަލިފުށީގައި ކުޅޭ ފައިނަލް މެޗުގެ ޖާގަ އަދި ކަށަވަރުވި ޓީމަކީ ކްލަބް ވެލެންސިއާއެވެ. މިރޭ ކުޅޭ މަޒިއާއި ވެލެންސިއާ މެޗުގެ ނަތީޖާއިން ފައިނަލްގެ ދެވަނަ ޖާގަ ކަަށަވަރުވާނެއެވެ. މި މެޗު ކުޅޭނީ މިރޭ 9:00 ގައެވެ.