ގައުމު ދަަރަނިވެރިވުން ގުޅިފައިވަނީ މޫސުމީ ބަދަލާ: ރަައީސް ނަޝީދު

ސްރީލަންކާގެ ޔޫތު ޕާލަމެންޓުގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ --- ފޮޓޯ/ޓްވިޓާ

ގައުމުތަައް ދަރަނިވެރިވުން މިއަދު ގުޅިފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ނޭޝަނަލް ޔޫތު ޕާލަމަންޓުގެ ދެވަނަ ދައުރު ޝަރަފުވެރިކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދު ދެކުނު އޭޝިއާގެ ގައުމުތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ދަރަނީގެ މައްސަލަ ކަމަށާއި އެ މައްސަލަ ވެސް ގުޅިފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާ ކަމަށެވެ.

" އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ ދަރަނި މޫސުމީ ބަދަލުތަކާ އެތައް ގޮތަކުން ވަނީ ގުޅިފައި. އަޅުގަނޑުމެން އެންމެން ވެސް އެބަ ބޭނުންވޭ އުމްރާނީ ތަރައްގީ. އަދި [އެކަމަށް ޓަކައި] އަޅުގަނޑުމެން އެންމެން މި ޖެހެނީ ދަރަނިވެރި ވާން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަަޝީދު ވިދާޅުވީ އަދުގެ ދުނިޔޭގެ ވެރިން މޫސުމީ ބަދަލުތައް ހުއްޓުވުމަށް އެކަށީގެންވާާ މަސައްކަތްތަަކެއް ކުރަމުން ނުދާ ކަމަށެވެ.

"އަޅުގަނޑު 2009 ވަނަ އަހަރު ކޯޕަންހޭގަންގައި ދުނިޔޭގެ ވިއްސަކަށް ލީޑަރުންނާއެކު އެއް މޭޒެއްގައި އިށީނިން. އަދި ބައެއް ގައުމުތަކުން އެހެން ގައުމުތައް މި މައްސަލައިގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމާ ދެކޮޅު ހެދި މަންޒަރު ދުށިން. މިދިޔަ މަހު ގްލާސްގޯގައި ވެސް ހަމަ އެ މަންޒަރު ދުށިން،" އެމަނިކުފާނު ވިދާޅުވިއެވެ.

ސްރީލަންކާގެ ޔޫތު ޕާލަމެންޓުގައި ރައީސް ނަޝީދު --- ފޮޓޯ/ ޓްވިޓާ

ޒުވާނުން މިފަދަ މައްސަލަ ތަކުގައި އިސްނަގައި ބަސް ބުނުމަކީ މި ކަންކަމުގެ ހައްލު ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ޒުވާނުންގެ ބަހަކީ މިއަަދުގެ މައްސަލަތަކަށް ބޭނުން ނެތް އެއްޗެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށާއި އެއީ ވަރަށް ގޯސް ވިސްނުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ވިސްނުން އަޅުގަނޑުމެންގެ ތެރޭގައި އޮންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ. މިހާރު އިސްވެ މިތިބީ އަހަރެމެންގެ ޖީލޭ. ތިޔަ ކުދިން އިހަށް މަޑުކޮށްލާށޭ ދެތިން އަހަރު. މައްސަލައަކީ އަޅުގަނޑުމެންގެ ޖީލުން ކަންކަން ހިންގަނީ އެހާ ރަނގަޅަކަށް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.

މި ތަގުރީރުގައި އެމަނިކުފާނު ވަނީ ގައުމާއި ދުނިޔޭގައި ހުރި މައްސަލަތަކުގައި ޒުވާނުންގެ އަޑު އިއްވުމަށް ގޮވާލައްވާފައެވެ.

މަޖިލީހުގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ފުރައިވަޑައިގަތީ މިދިޔަ އާދީއްތަ ދުވަހުއެވެ.

މި ދަތުރުފުޅުގައި ޔޫތު ޕާލަމެންޓު ޝަރަފުވެރިކޮށްދެއްވުމުގެ އިތުރުން ރައީސް ނަޝީދު ވަނީ އެ ގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ލަންކާގެ ބައެއް އިސްވެރިންނާއި އަދި ރާއްޖޭގައި އިންވެސްޓު ކުރާ ފަރާތްތަކާ ވެސް އެމަނިކުފާނު ބައްދަލު ކުރައްވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.

ސްރީލަންކާ ޔޫތު ޕާލަމެންޓަކީ އެގައުމުގެ ޒުވާނުންގެ ކިބައިގައި އިސްނެގުމުގެ ހުނަރުތައް އަށަގެންނެވުމުގެ މަގުސަދުގައި އެގައުމުގެ ނޭޝަނަލް ޔޫތު ސާވިސަސް ކައުންސިލުން ކުރިއަށްގެންދާ ހަރަކާތެކެވެ.

comment ކޮމެންޓް