އަމިއްލައަށް ވާދަނުކުރެވުނަސް، އެމްޑީޕީއަށް ވެރިކަން ހޯދަން ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާނަން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ސަންފޮޓޯ/ އަހުމަދު އައިމަން އަލީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ކޮންމެ ކެންޑިޑޭޓޭއް ނެރުނު ނަމަވެސް، ޕާޓީއަށް ވެރިކަން ހޯދައިދިނުމަށް ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާނެ ކަމަށް އެ ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފަސް ވަނަ ސްރީ ލަންކާ ޔޫތު ޕާލަމެންޓުގެ ދެ ވަނަ ސެޝަންގަައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވަން މިހާރު ލަންކާއަށް ވަޑައިގެން އުޅުއްވާ ނަޝީދު "ދަ ހިންދޫ"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގައި ގާއިމްވެފައި އޮތް ޑިމޮކްރަސީ ދެމެހެއްޓުމަށް ޓަކައި އެމްޑީޕީން ވެރިކަން ކުރުން މުހިންމު ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން ގެންގުޅުއްވާތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ "އަބަދު ވެސް އެ ވިސްނުން ގެންގުޅުއްވާ" ކަމަށާއި އެކަން ބަދަލު ނުވާ ކަމަށެވެ.

އެހެންނަމަވެސް އެންމެ މުހިންމު ކަމަކީ އަދި އިސްކަންދޭ ކަމަކީ ވެސް އެމްޑީޕީއަށް ވެރިކަން ހޯދައިދިނުން ކަމަށާއި ކޮންމެ ކެންޑިޑޭޓެއް ވާދަކުރަން ޖެހުނު ނަމަވެސް އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އިންތިހާބުގައި އެމަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ވާދަކުރައްވަން ޖެހިވަޑައިގަންނަވާނެ ހާލަތަކަށް ދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެއީ ރައީސް ސޯލިހު ވެސް އެދިވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަބަދުވެސް ބަރުލަމާނީ ނިޒާމު ގެނައުމަށް ވަކާލާތު ކުރައްވާ ނަޝީދު ވަނީ މިހާރު އޮތް ރިޔާސީ ނިޒާމުގައި ގިނިކަންޏާ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެ ކަމުގެ ސަބަބުން ކޯލިޝަން ހަދަން މަޖުުބޫރުވާ ކަމަށް ވިދާޅުވެފައެވެ. އަދި މީގެ ތެރެއިން ބައެއް ކުދި ޕާޓީތަކަކީ "ހަރުކަށި ވިސްނުން" ހުންނަ ސިޔާސީ މީހުންގެ ޕާޓީތަކުގެ ގޮތުގައި ސިފަކުރެއްވިއެވެ.

"ކުދި ޕާޓީތަކާއެކު ކޯލިޝަން ހެދުމުން، އަޅުގަނޑުމެން ސަރުކާރުގައި ތިބޭއިރު، އެކަށީގެންނުވާ މިންވަރަށް ބާރު އެމީހުންނަށް އެބަ ލިބޭ،" ނަޝީދު ވިދާޅުވިއެވެ.

ސްރީލަންކާގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަކްސާގެ ދައުވަތަކަށް ރައީސް ނަޝީދު ސްރިލަންކާއަށް ވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ސްރީލަންކާ ޔޫތު ޕާލަމެންޓަކީ އެގައުމުގެ ޒުވާނުންގެ ކިބައިގައި އިސްނެގުމުގެ ހުނަރުތައް އަށަގެންނެވުމުގެ މަގުސަދުގައި އެގައުމުގެ ނޭޝަނަލް ޔޫތު ސާވިސަސް ކައުންސިލުން ކުރިއަށްގެންދާ ހަރަކާތެކެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ސްރިލަންކާގެ އިސްވެރިންނާއި ރާއްޖޭގައި އިންވެސްޓު ކުރާ ފަރާތްތަކާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.

comment ކޮމެންޓް