ޔޫއޭއީގެ ދަތުރުފުޅަށް ފަހު، ރައީސް މާލެ ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފްލައިޓުން ފައިބާ ވަޑައިގަންނަވަނީ: ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަތީ މިއަދު ހެނދުނު-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ތިން ދުވަހުގެ މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަޙުދު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތު އަދި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

އެ ރަސްމިއްޔާތަށް ފަހު އެމަނިކުފާނު ވަނީ ދުބާއީ އެކްސްޕޯ 2020އަށް ޒިޔާރަތް ކުރައްވައި އެކްސްޕޯގައި ބަހައްޓާފައިވާ ޕެވިލިއަންތަކުގެ ތެރޭން ދިވެހިރާއްޖޭގެ ޕެވިލިއަން އާއި ސިންގަޕޫރުގެ ޕެވިލިއަން އާއި އިޓަލީގެ ޕެވިލިއަންގެ އިތުރުން ވިޝަން ޕެވިލިއަން އަށް ޒިޔާރަތްކުރައްވައި އެ ތަންތަން ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޔޫއޭއީގެ ދުބާއީއަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި އެހެން މިނިސްޓަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.

comment ކޮމެންޓް