ސަމާލުވޭ، ރާއްޖޭގެ ކަނޑުތައް ގަދަވާނެ

ކަނޑުގަދަ ދުވަހެއްގައި ދޯންޏެއް ދަތުރުކޮށްފައި ދަނީ --- ސަން ފޮޓޯ/

މެދު ރާއްޖެތެރެއާއި ދެކުނުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ މީހުން އެކަމަށް ސަމާލުވުމަށް މުސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މުސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ނ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައެވެ.

ކަނޑުގަދަވާނެކަމަށް ލަފާކޮށްފައިވާ ސަރަހައްދުތަކަށް 24 ގަޑިއިރުތެރޭގައި 19 މެލާއި 24 މޭލުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާގެ އެސިސްޓެންޓް މީޓަރުލޮޖިސްޓް އަޒީމާ އަހުމަދު ވިދާޅުވިއެވެ.

އަޒީމާ ވިދާޅުވީ މިއަދު ހެނދުނަށްވުރެ މިހާރު ވައި މަޑުވި ނަމަވެސް ކަނޑު ހަމަ ކުރިއެކޭ އެއްވަރަށް ގަދަކަމަށެވެ.

މިހާލަތުގައި ކަނޑު ދަތުރުކުރާ މީހުންނާއި ކަނޑުމަތީގެ އެކި ކަހަލަ ހަރަކާތްތައް ހިންގާ މީހުން މޫސުމާ ބެހޭ އިދާރާއަށް ގުޅައި މައުލޫމާތު އޮޅުން ފިލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަޒީމާ ވިދާޅުވީ ކަނޑު ދަތުރުކުރުމަށް ފުރާ މީހުން ދަތުރަށް ފުރުމުގެ ކުރިން ރައްކާތެރިކަމުގެ ވަސީލަތްތައް ފުރިހަމަ ކުރެވިފައިވޭތޯ ކަށަވަރުކުރުން ވަރަަށް މުހިންމު ކަމަށެވެ.

މި ފަހަކަށް އައިސް ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް ހިނގާފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެންމެ ފުރިހަމަ ގޮތުގައި އެޅިފައި ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް