ރައީސް ނަޝީދުގެ އިރުޝާދު ލަންކާގެ ޒުވާނުންގެ ހިތްތަކުގައި ބިންވަޅުނެގޭނެ: ނަމާލް

ރައީސް ނަޝީދު ލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ/ ޓްވިޓާ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހިތްވަރާ އިރުޝާދު ސްރީލަންކާގެ މުސްތަގުބަލުގެ ލީޑަރުންގެ ހިތްތަކުގައި ބިންވަޅު ނެގިފައި ހުންނާނެ ކަމަށް އެ ގައުމުގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ނަމާލް މިހެން ވިދާޅުވީ ލަންކާގެ ނެޝަނަލް ޔޫތު ޕާލަމަންޓުގެ ދެވަނަ ދައުރު ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންނެވީތީ ޝުކުރު އަދާ ކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.

މަޖިލީހުގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ފުރައިވަޑައިގަތީ މިދިޔަ އާދީއްތަ ދުވަހުއެވެ. މިއަދަކީ އެ ދަތުރުފުޅުގެ އެންމެ ފަހު ދުވަހެވެ.

މި ދަތުރުފުޅުގައި ޔޫތު ޕާލަމެންޓު ޝަރަފުވެރިކޮށްދެއްވުމުގެ އިތުރުން ރައީސް ނަޝީދު ވަނީ އެ ގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ލަންކާގެ ބައެއް އިސްވެރިންނާއި އަދި ރާއްޖޭގައި އިންވެސްޓު ކުރާ ފަރާތްތަކާ ވެސް އެމަނިކުފާނު ބައްދަލު ކުރައްވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.

ސްރީލަންކާ ޔޫތު ޕާލަމެންޓަކީ އެގައުމުގެ ޒުވާނުންގެ ކިބައިގައި އިސްނެގުމުގެ ހުނަރުތައް އަށަގެންނެވުމުގެ މަގުސަދުގައި އެގައުމުގެ ނޭޝަނަލް ޔޫތު ސާވިސަސް ކައުންސިލުން ކުރިއަށްގެންދާ ހަރަކާތެކެވެ.

comment ކޮމެންޓް