އުންމީދީ ލަނޑުދަނޑިތަކަކާއެކު އެމްޓީސީސީގެ އަމާޒަކީ އެއް ބިލިއަން ޑޮލަރުގެ ކުންފުންޏަކަށް ވުން

ކުރިއަށް އޮތް ފަސް އަހަރަށް އެމްޓީސީސީގެ އަމާޒަކީ އެއް ބިލިއަން ޑޮލަރުގެ ކުންފުންޏަކަށް ވުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް "ސަން"އަށް ވިދާޅުވީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް އެ ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން އެ ކުންފުނިން ހަރަކާތްތެރިވާ ހުރިހާ ދާއިރާތަކަކުން ވެސް ބޮޑެތި ކުރިއެރުންތަކެއް އަންނަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އެމްޓީސީސީ މިއޮތް ލެވެލް އިން އެހެން ލެވެލްއަކަށް ހިއްލާލުން. އަޅުގަނޑުމެން ކުރާ ހަތަރު ވައްތަރެއްގެ މަސައްކަތުގައި ވެސް،" އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެމްޓީސީސީގެ މަސައްކަތްތައް ބެހިފައިވާ މައިގަނޑު ހަތަރު ބަޔަކީ ދަތުރުފަތުރާއި، އިމާރާތްކުރުމާއި، އާންމު ވިޔަފާރި އާއި ޑޮކްޔާޑުގެ ޚިދުމަތެވެ.

ދަތުރުފަތުރުގެ ދާއިރާއަށް ބަލައިލާއިރު، އަތޮޅު ފެރީގެ ނިޒާމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަން އާޒިމް ފާހަގަ ކުރެއްވިއެވެ. އަދި މުޅި ފެރީގެ ނިޒާމު ނިމޭއިރު ރައްޔިތުންނަށް އެތައް ލުއިފަސޭހަ ތަކެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޓްރާންސްޕޯޓުގެ ނިޒާމު ބަދަލުވެގެން މިދަނީ. ސްލޯ ފެރީއިން ސްޕީޑް ފެރީގެ ނިޒާމަކަށް ބަދަލުވެގެން މިދަނީ. އެހެންވީމަ މިހާރު އޮތް ހިސާބުން އެހެން ލެވެލަކަށް އެމްޓީސީސީ އަދި މުޅި ގައުމު ވެސް އުފުލިގެން އެދަނީ،" އޭނާ ވިދާޅުވިއެވެ.

ހއ.މުރައިދޫ ބަނދަރު ހެދުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާާތުގައި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް --- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީން ފޯރު ކޮށްދޭ ބަހުގެ ހިދުމަތްވެސް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން މުޅިން ހުއްޓިފައި އޮތް ހައްދުންމައްޗާއި، ފުވައްމުލައް އަދި އައްޑޫގެ ބަހުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ އިރު މާލޭ ސަރަހައްދުގެ ބަހުގެ ނިޒާމަށް ވެސް ގިނަ ކުރިއެރުންތަކެއް ގެނައުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އަދި އަންނަ އޯގަސްޓު މަހުގެ ކުރިން ސީދާ މާލެއިން ހުޅުމާލޭ ފޭސް ދެއަކަށް ދަތުރުތައް ފެށުމަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.

"އައްޑޫގަ ވެސް ހުރިހާ ބަހެއް ގޮތަށް ހަލާކުވެފަ އެހުރީ، ފުވައްމުލަކުގަ ވެސް ހަލާކުވެފަ އެހުރީ، ލާމު އަތޮޅުގަ ވެސް ހަލާކުވެފަ އެހުރީ. އެ ބަސްތައް އެހުރީ ދުއްވޭ ހާލަތުގައެއް ނޫން. ނަމަވެސް މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން މި ގެންނަ ބަދަލުތަކާ އެއްކޮށް އާ ބަސްތައް ހޯދި، މުވައްޒަފުން ނެގި، ވަރަށް ބޮޑު ތަފާތުތަކާއެކު ބަހުގެ ހިދުމަތް ދޭން ފެށިދާނެ،" އާޒިމް ފާހަގަކުރެއްވިއެވެ.

ށ.ފޭދޫ ބަނދަަރު ހެދުމުގެ މަޝްރޫއު ކުރިއަށްދާ ގތް އެމްޓީސީސީގެ އެމްޑީ އާަދަަމް އާޒިމް ބައްލަވާލައްވަނީ --- ފޮޓޯ/ އެމްޓީސީސީ

ބުރިޖުގެ މަޝްރޫއުތައް ހިންގޭ ވަރުގެ ކުންފުންޏަކަށް ވުމަކީ އިމާރާތް ކުރުމުގެ ދާއިރާއިން އެމްޓީސީސީގެ އެންމެ ބޮޑު އަމާޒުކަމަށް އާޒިމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މިހާރު އެ ކުންފުނިން ކުރިއަށް ގެންދާ ކޯޒްވޭ މަޝްރޫއުތަކަކީ ބްރިޖުގެ މަސައްކަތުގެ ތެރެއަށް ވަނުމަށް އެ ކުންފުންޏަށް ލިބޭ ފުރުސަތެއް ކަމަށެވެ.

ށ.ކޮމަންޑޫ، ގދ. މަޑަވެލި-ހޯޑެއްދޫ، ގދ. ފަރެސްމާތޮޑާ އަދި ކ. މާފުށީގައި ކޯޒްވޭ ހެދުމުގެ މަސައްކަތާ އެ ކުންފުނިން ވަނީ ހަވާލުވެފައެވެ.

އިމާރާތް ކުރުމުގެ ދާއިރާއިން ކުންފުނީގެ މަސައްކަތް ފުޅާކުރުމަށްޓަކައި އެކަމަށް ބޭނުންވާ ސާމާނާއި، ފަންނީ އިލްމާއި، ބިނާތައް އިތުރަށް ތަރައްގީ ކުރަންޖެހޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"މިހާރު އަޅުގަނޑުމެންގެ އަތުގައި ހުރި މަސައްކަތްތަކަށް ބަލާއިރު ދޮޅު އަހަރެއްހާ ދުވަސް ނޫނީ ދެ އަހަރެއްހާ ދުވަސް ތެރޭގައި އަޅުގަނޑުމެންނަށް އެ ލެވެލް އަށް ދެވޭނެ އަޅުގަނޑަށް ގަބޫލުކުރެވޭ،" އާޒިމް ވިދާޅުވިއެވެ.

ދެ ކޮމަންޑޫ ގުޅުވާަލުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާާތުގަައި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވާހަކަދައްކަަވަނީ --- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީގެ ޑޮކްޔާޑަކީ ކުރިމަގުގައި އެކުންފުނީގެ މުހިއްމު ރައުސްމާލަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ގަބޫލުކުރައްވައެވެ.

"ރާއްޖޭގަ ނެތް އިންޓަނޭޝަނަލް ޑޮކްޔާޑެއް. އެހެންވީމަ އެމްޓީސީސީން ކުރާ ވިޔަފާރީގަ އަޅުގަނޑުމެން މިބަލަނީ ކުރިއަށް އޮތް އަހަރު ތެރޭގަ އެމްޓީސީސީގެ ޑޮކްޔާޑު ވެސް އިންޓަނޭޝަނަލް ކޮށް ރާއްޖޭން ބޭރަށްދާ ގިނަ ބޯޓުފަހަރަށް ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ،" އާޒިމް ފާހަގަކުރެއްވިއެވެ.

އާންމު ވިޔަފާރީގެ ދާއިރާއިން ވެސް އެމްޓީސީސީން އަންނަނީ ބޮޑު ބަދަލަކަށް ތައްޔާރުވަމުންނެވެ. އާޒިމް ވިދާޅުވި ގޮތުގައި ދާދި އަވަހަށް އެ ކުންފުނިން ވިއްކާ އެކި ބާވަތްތައް ފަސޭހަކަމާއެކު، އޮންލައިންކޮށް ގަނެވޭނެ އިންތިޒާމު ހަމަޖެހޭނެއެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"އަޅުގަނޑުމެންގެ ޓްރޭޑިން ޑިވިޝަންގަ ވެސް ވަރަށް ކޮންވެންޝަނަލް ކޮށް އަދި ކަންތައްތައް މިހިނގަނީ ނަމަވެސް އަޅުގަނޑުމެން އޮންލައިންކޮށް އަޅުގަނޑުމެން މި ވިއްކާ ސާމާނު، ސްޕެއާ ޕާޓަށް ދަންދެން ފެންނާނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެ މަސައްކަތް ވެސް އެބަ ކުރެވޭ،" އާޒިމް ވިދާޅުވި އެވެ.

ކުރުމުއްދަތެއްގެ ތެރޭގައި ބޮޑެތި ލަނޑުދަނޑިތަކަކަށް ވާސިލު ވުމަށް އެމްޓީސީސީން އަމާޒު ހިފާފައިވާއިރު، އެ ކުންފުންޏަކީ މިހާރު ވެސް ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ކުންފުންޏެކެވެ.

އެގޮތުން ބިން ހިއްކުމާއި، އެއާޕޯޓު ހެދުމާއި، މަގު ހެދުމާއި، ބަނދަރު ހެދުންފަދަ އުމްރާނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ކުރެއެވެ. ބަހުގެ ޚިދުމަތް ދޭ ސަރަހައްދުތަކުގައި އެ ހިދުމަތް ދިނުމާއި، މުޅި ރާއްޖޭގައި ފެރީގެ ހިދުމަތް ދިނުމަކީ ވެސް އެ ކުންފުނީގެ މަސައްކަތުގެ މުހިއްމު ބައެކެވެ. މީގެ އިތުރުން އެ ކުންފުނިން އަންނަނީ އޮޑިދޯނި ފަހަރާ ގުޅޭ ގިނަ ހިދުމަތްތަކެއް ވެސް ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް