ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރަން ތިން ބޯޓު ގަނެފިއެވެ.
އެ ކުންފުނިން ގަނެފައިވަނީ 600-72 ATRގެ ދެ ބޯޓާއި 600-42 ATRގެ ބޯޓެކެވެ. އެ ބޯޓުތައް މިއަހަރު ތެރޭ ޚިދުމަތާ ގުޅޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަންއިން އޭޓީއާރު ބޯޓުތައް ގަތުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މިއީ އެ ކުންފުނިން އޭޓީއާރު ބޯޓުތައް ގަންނަ ފުރަތަމަ ފަހަރެވެ.
އަލަށް އިތުރުކުރެވޭ ބޯޓުތަކަކީ ތިމާވެއްޓާ ރައްޓެހި އިންޖީނުތަކެއް ކަމުގައިވާ PW12XTއާއެކު ގަނެވޭ ބޯޓުތަކެއް ކަމަށް މޯލްޑިވިއަނުން ބުންޏެވެ. އަދި އެއާއެކު މި
ބޯޓުތަކަކީ މިވަގުތު މާކެޓުގައި ހުރި އޭޓީއާރުގެ ބޯޓުތަކާ ބަލާއިރު ތިން އިންސައްތަ ތެލުގެ ޙަރަދު ކުޑަ އަދި 20 އިންސައްތަ އިންޖީނު މަރާމާތުގެ ޙަރަދު ކުޑަ އަދި ސަސްޓެއިނަބަލް އޭވިއޭޝަން ފިއުލް (SAF) ބޭނުންކުރެވޭނޭ ބޯޓުތަކެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދެމެހެއްޓެނިވި ތަރައްގީއަކީ ރާއްޖެފަދަ ގައުމެއްގައި ދުއްވާ އެއާލައިނެއްގެ ހައިސިއްޔަތުން މޯލްޑިވިއަންގެ އަދި އޭޓީއާރުގެ ވެސް އެއް އަމާޒުކަމަށް މޯލްޑިވިއަނުން ބުނެއެވެ. އަދި އޭޓީއާރު މަރުކާގެ ބޯޓުތަކަކީ މިވަގުތު މާކެޓުގައި ހުރި އެ ކެޓަގަރީގެ ބޯޓުތަކާ އަޅާ ބަލާއިރު 40 އިންސައްތަ އާއި ހަމައަށް ތެޔޮ އަންދާ މިންވަރު ކުޑަ ބޯޓުތަކެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަ ކުރެއެވެ.
މީގެ އިތުރުން މޯލްޑިވިއަނުން ބުނީ އޭޓީއާރާއެކު ގާއިމުވާ ގުޅުމާއެކު ދިވެހިރާއްޖޭގެ ތަރައްގީ އިތުރު ހަރުފަތަކަށް ގެންދިއުމަށް ފުރުޞަތު ފަހިވާނެ ކަމަށެެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ އޭޓީއާރާއެކު މި ވެވުނު އެއްބަސްވުމަކީ މޯލްޑިވިއަންގެ ކުރިއެރުމަށް އެޅޭ ވަރަށް
މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އައު އިންޖީނާއެކު އޭޓީއާރުން އުފައްދާ ބޯޓުތަކަކީ މޯލްޑިވިއަންގެ ފްލީޓް ބަދަލު ކުރަން ވިސްނާއިރު މިވަގުތު މާކެޓުން ލިބޭނެ އެންމެ ރަނގަޅު ބޯޓު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މި ބޯޓުތަކަކީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި، ހިންގުމުގެ ޙަރަދު ކުޑަ އަދި ފަސިންޖަރުންނަށް ރަނގަޅު ޙިދުމަތެއް ދެވޭނޭހެން ކެބިން އިތުރަށް ފުރިހަމަ ކޮށްފައިވާ ބޯޓުތަކެއް،" މިހާދު ވިދާޅުވިއެވެ.