ކޭޝް ކާޑެއް ކްލޯންކޮށް ބައި މިލިއަނެއްހާ ފައިސާ ދެއްކި އިންޑިއާ މީހަކު ޖަލަށް

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޭޝް ކާޑެއް ކްލޯންކޮށް ބައި މިލިއަނެއްހާ ފައިސާ ދެއްކި އިންޑިއާ މީހަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސުރެންދުރަ ކުމާރު ޖައިސްވަލްގެ މައްޗަށް އުފުލާފައިވަނީ މަކަރާއި ހީލަތްހެދުމުގެ ކުށުގެ ދައުވާއެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ ބޭންކް އޮފް އެފްރިކާއިން ދޫކޮށްފައިވާ ވިސާ ކާޑެއް ކްލޯންކޮށް އުފައްދާފައިވާ ސައްހަނޫން ކާޑެއް ބޭނުންކޮށްގެން ސީޕްރިއާ ހޮޓެލެސް އިން ޓުއަރިސްޓް ސަބްމެރިން މޯލްޑިވްސްއަށް ޕޮއިންޓް އޮފް ސޭލްސް (ޕޮސް) މެޝިން އިން އޮންލައިން މެތަޑް ބޭނުންކޮށްގެން ޓުއަރިސްޓް ސަބްމެރިންގެ އިންވޮއިސްއަކަށް ފައިސާ ދެއްކުމުގެ ގޮތުން މަކަރާއި ހީލަތުން 31800 އެމެރިކާ ޑޮލަރު (490,356 ރުފިޔާ) ސައްހަ ނޫން ޕޭމަންޓް ހަދާފައިވާތީއެވެ.

އެ ދައުވާއަށް އޭނާ އެންމެ ފުރަތަމަ ވަނީ އިންކާރުކޮށްފައެވެ. އަދި ދިފާއުވުމުގެ ގޮތުން ހެއްކެއްގެ ގޮތުގައި ދިވެއްސެއްގެ ނަން ވެސް ހުށަހެޅިއެވެ.

ނަމަވެސް އިބްތިދާއީ މަރުހަލާ ނިމި ޝަރީއަތް ފެށިފަހުން އެ ދައުވާއަށް އިއުތިރާފްވާން ބޭނުންވާ ކަމަށް އޭނާގެ ފަރާތުން ވަނީ ކޯޓުގައި ބުނެފައެވެ. އަދި ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކޮށްދިނުމަށް ވެސް ދިފާއުން އެދުނެވެ. އެކަމަށް ދައުލަތުން އިއުތިރާޒް ނުކުރުމަށް ވެސް ދިފާއުން ވަނީ އެދިފައެވެ.

ދިފާއުގެ ހުށަހެޅުންތަކަށް ދައުލަތުން ފުރިހަމައަށް އިއުތިރާފެއް ނުވިއެވެ. ދިފާއުން ކުށަށް އިއުތިރާފްވުމުން އަވަސް ނިޔާގެ ގޮތުގައި މައްސަލަ ނިންމި ނަމަވެސް ޖޫރިމަނާ ކުރަން ދައުލަތުން ވަނީ އިއުތިރާޒްކޮށްފައެވެ. އެކަމަށް ޝަރީއަތުން ވެސް ވަނީ ތާއީދުކޮށްފައެވެ.

އެހެން ކަމުން އިއްޔެ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ދައުލަތުން އުފުލި މަކަރާ ހީލަތް ހެދުމުގެ ދައުވާއިން ސުރެންދުރަ ކުމާރު ކުށްވެރިވެފައިވާ ކަމަށާއި އޭނާ އެއް އަހަރާ ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން އަމުރުކުރާ ކަމަށެވެ.

comment ކޮމެންޓް