އައިޒަކް ބޯ ޖަހައިލުމަށްފަހު ގޮސް އިރަމްގެ ކައިރީގައި ހުއްޓުނެވެ. އެވަގުތު އައިޒަކްގެ ލޮލުގައި އަޅައިގަތީ، އެދިމާއަށް ބަލަން ހުރި ރިޝްވާނެވެ. އައިޒަކް ވަގުތުން އިރަމްގެ ކޮނޑުގައި ހިފައި، ގަޔާއި ކައިރިކޮށްލިއެވެ. އަމިއްލަ ހައްގެކޭ ބުނާ ފަދައިންނެވެ. އޭރު އައިޒަކްގެ ތުންފަތުގައިވީ މާނަފުން ހިނިތުންވުމެކެވެ. އެތައް މާނައެއް ފޮރުވިފައިވާ ސިއްރުވެރި އެ ހިނިތުންވުމުގެ ސަބަބުން، ރިޝްވާންގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ.

********

"އަހަރެން އެއްވެސް ކަމެއް ސިއްރެއް ނުކުރަން... ޕާޓީގެ ހުރިހާ ކަމެއްވެސް ނިމިފަ މިހުރީ ހަމަ މި ކުއްޖާ ބޭނުންވިގޮތަށް... އެކަމަކު އަހަރެންގެ އަންހެނުން މިހުރީ ހާދަ ސަޕްރައިޒްވެފައޭ..." އައިޒަކް ލުއި ހިނިގަނޑެއް ޖަހައިލިއެވެ.

"އަހަރެންގެ އަންހެނުން!..." އިރަމްއަށް ހިތާއިހިތުން ކިޔައިލެވުނެވެ.

އައިޒަކް އެފަދަ ގޮތަކަށް މުހާތަބު ކުރުމުން، އިރަމްގެ މުޅި ގައިން ހީބިހި ނަގައިގަތެވެ.

"އަނގަ ހުޅުވައިގެން ހުއްޓާ، މެއްސެއް ވަދެދާނެ..." އައިޒަކް ވަރަށް ލޯބިން ބުންޏެވެ.

އައިޒަކް އިރަމްގެ ތުންފަތުގައި އިނގިލި ޖައްސައި، މަޑުމަޑުން ތިރިއަށް ގެންދިޔައެވެ. ދަތްދޮޅި އާއި ހަމައިން އޭނާގެ ހަރަކާތް ހުއްޓައިލާފައި، އަތް ތިރިކޮށްލިއެވެ. އެންމެ ބީހިލުމަކުންވެސް، އިރަމްގެ ހިތުގެ ހިނގުމަށް އޭގެ އަސަރު ކުރުވިއެވެ. އައިޒަކް ގަސްދުގައި ކުދި ގޯނާތައް ކުރަނީ، އިރަމް ތަޅުވަން ކަން އޭނާއަށް އެނގުނެވެ.

އިރަމް ގޮވައިގެން ތަސްވީރު ނެގުމަށް ހާއްސަކޮށްފައިވާ ޖާގައަށް ދިޔުމަށް އައިޒަކް ހިނގައިގަތެވެ. ނުދާންވެގެން ގަދަ ހަދާލާފައިވެސް، ހިމޭންވާން އިރަމްއަށް މަޖުބޫރުވިއެވެ. އައިޒަކަކީ މިހާރު އޭނާގެ ފިރިމީހާއެވެ. ވީއިރު، ފިރިމީހާގެ ގާތްކަމުން ހާސްވާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

"އަދިވެސް މިކުއްޖާގެ ގައިގަ އަތްލުމުގެ ހުއްދަ އަހަންނަށް ނެތީތަ؟..." އައިޒަކް ވައި އަޑުން ސުވާލުކުރިއެވެ.

އިރަމް އެއްޗެއް ނުބުނުމުން އައިޒަކް ކުރިއަށްވުރެ ބޮޑަށް އިރަމް އާއި ގާތްވެލިއެވެ.

"ހުއްދަ ނުލިބެންޏާ، ހޯދަން ކިހިނެއް ހަދަންވީ؟... އަނބިގަބޫލުކުރެވިއްޖެ... އަދި އިތުރު ކަމެއް ކުރަންޖެހޭނެތަ؟..." އައިޒަކް ލާނެތް ގޮތަކަށް ސުވާލުކުރަން ފެށީ، އިރަމް ލަދުން ހުރުމުން އިތުރަށް ލަދުގަންނުވައިލާށެވެ. "ތިހެން އުޅެންޏާ، މިހެންވެސް އުޅެވޭނެ..."

އައިޒަކާއި އިރަމްގެ ހަރަކާތްތަކަށް ބަލަން ހުރި ރިޝްވާން ޝާލިންގެ ކައިރިއަށް ޖެހިލިއެވެ. އޭނާގެ ހިތުގައި އެތައް ސުވާލެއް ފުނިޖެހިފައިވާއިރު، އެ ސުވާލުތަކުގެ ޖަވާބު ވަގުތުން އެނގެން ބޭނުންވިއެވެ.

"ޝާލިންއަށް ޔަގީންތަ އިރަމް ހެޕީކަން؟..." ރިޝްވާން އަހައިލިއެވެ.

"ޔާ..." ޝާލިން ހިނިތުންވެލާފައި ޖަވާބުދިނެވެ.

"ޔަގީންތަ އޭނަ އިރަމްދެކެ ލޯބިވާކަން؟..." ރިޝްވާން އަނެއްކާވެސް ސުވާލުކުރިއެވެ.

"އައިޒަކްއަށްވުރެ ބޮޑަށް އިރަމްދެކެ ލޯބިވާ ފިރިހެނަކު ނުހުންނާނެ... އަހަންނަށް ޔަގީން..." ޝާލިންގެ އަޑުގައިވީ ޔަގީންކަމެވެ.

********

އިރަމްމެންގެ ފަހަތުން ތަސްވީރު ނަގަމުންދިޔަ އައިނީ، އެ ދެމީހުންގެ މެދަށް ވަދެފައި، ތިން މީހުން އަރާނޭހެން ތަސްވީރެއް ނަގައިލިއެވެ. ވަގުތުން ލިޔުންކޮޅަކާއިއެކު، އެ ތަސްވީރު އޭނާގެ ސޯޝަލްމީޑިޔާގައި ހިއްސާކޮށްލިއެވެ.

"ދޮންތަބެގެ އައިޑީގަ ޖަހާފަ އިންނާނީ ކީކޭ؟... ޓެގްކޮށްލަންވެގެން..." އައިނީ އަހައިލިއެވެ.

"ސޯޝަލްމީޑިޔާއަށް ނުލައްޗޭ..." އައިޒަކް ހާސްވެފައި ބުންޏެވެ.

"އޯކޭ... ޑިލީޓްކުރަނީ..." އައިނީ ތުންފިއްތާލަމުން އެތަނުން ދިޔައެވެ.

އައިޒަކް ކަންތައްކުރިގޮތުން އިރަމްގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. އައިޒަކް ކައިވެނިކުރީ ސިއްރުން ހެއްޔެވެ؟ ނޫނީ އާއިލާގެ ނުރުހުމުގައި ހެއްޔެވެ؟ ކައިވެނީގެ ހަފުލާއަށް އައިޒަކްގެ ފަރާތުން އޭނާގެ މަދު ރައްޓެއްސަކު ފިޔަވައި އިތުރު މީހަކު ނައި ސަބަބަކީ އެއީ ހެއްޔެވެ؟

********

އިރަމްގެ ހަރަކާތްތަކަށް ބަލަން ހުރި ރިޝްވާންގެ ހިތް ވަނީ ނުތަނަވަސްވެފައެވެ. ކޮންމެވެސް ސަބަބަކާއިހުރެ، އިރަމް ހުރީ އުފަލުން ނޫންހެން އޭނާއަށް ހީވަނީއެވެ. ޝާލިންގެ ވާހަކައިންވެސް އޭނާއަށް ލިބުނު ޔަގީންކަމެއް ނެތެވެ. އައިޒަކްފަދަ ތަނަވަސް މީހަކު އިރަމް އާއި އެފަދަ ގޮތަކަށް ކައިވެނި ކުރާނީ ސަބަބެއް އޮތީމައިކަމަށް އޭނާ ގަބޫލުކުރިއެވެ. އަނެއްކޮޅުން އައިޒަކްގެ ހަޔާތުގައި އަންނާނޭ އެންމެ އުފާވެރި އެއް ދުވަހުގައި އޭނާގެ އާއިލާގެ އެކަކުވެސް ބައިވެރިނުވީ ކީއްވެ ހެއްޔެވެ؟ ވަކީން ހާއްސަކޮށް އިރަމް އޭގެ ކުރިން އައިޒަކާއި ކައިވެނިކުރަންއުޅެ، ކައިވެންޏަށް ފިލިކަން ޝާލިންގެ ފަރާތުން އެނގުމުން، އައިޒަކަށް އޭނާ ކުރަމުންދިޔަ ޝައްކު އިތުރުވިއެވެ. އައިޒަކްގެ މަގުސަދަކީ ބަދަލުހިފުން ކަމުގައި އޭނާ ގަބޫލުކުރިއެވެ.

ސިޓީއުރައެއް ހިފައިގެން ރިޝްވާން ގޮސް އަލަތު ކައިވެނި ކުރެވުނު ދެމަފިރިންގެ ކުރިމަތީގައި ހުއްޓުނެވެ. އިރަމްގެ މޫނަށް އޭނާ ފުން ނަޒަރެއް ދިނެވެ. އިރަމްގެ މޫނުން މާ ބޮޑު އަސަރެއް ފާޅެއް ނުވެއެވެ. ރިޝްވާން ފެނުމުން އިރަމް ހިނިތުންވެލިއެވެ.

"އުފާވެރި ދިރިއުޅުމަކަށް އެދެން..." އިރަމްގެ އަތަށް ސިޓީއުރަ ލައިދެމުން ރިޝްވާން ހިނިތުންވެލިއެވެ. "ކަމެއް ބޭނުންވެއްޖެއްޔާ، ގުޅައްޗޭ... އަބަދުވެސް އަހަރެންގެ އެހީތެރިކަން ލިބޭނެ..."

އިރަމް ބޯޖަހައިލިއެވެ. އައިޒަކްގެ ދެބުމަ ކައިރިވާން ނެގީ ހިނދުކޮޅެކެވެ. އިރަމްގެ ފިރިމީހާ ކައިރީގައި ހުއްޓައި، ރިޝްވާން އިރަމްގެ ކައިރީގައި އެފަދަގޮތަކަށް ވާހަކަދެއްކުން ވެގެންދިޔައީ، އައިޒަކްގެ ހިތަށް އުނދަގޫކުރުވި ކަމަކަށެވެ. ރިޝްވާންގެ ކުރިމަތީގައި އިރަމް ހިނިތުންވެލާގޮތާއި، ކޮންމެ ޖުމްލައަކަށް އިޖާބަދޭގޮތުން އޭނާގެ ހިތުގައި ހަސަދަވެރިކަމެއް އުފެދުނެވެ. އެކަން ނުދައްކަން އުޅުނަސް، އައިޒަކްގެ މޫނުން ރީތިކޮށް އެ އަސަރުތައް ފެންނަން ހުއްޓެވެ. ރިޝްވާންގެ ނަޒަރު އިރަމްގެ މޫނުން، އައިޒަކްގެ މޫނަށް ހުއްޓުމާއިއެކު، އެ ނަޒަރު ތަފާތުވިއެވެ. ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ.

އިންޒާރެއްދޭފަދަ ބެލުމަކުން ރިޝްވާން އައިޒަކަށް ބަލަން ހުރެ، ސަލާމަށް އަތް ދިއްކޮށްލިއެވެ. އައިޒަކް ގަދަކަމުން ހިނިތުންވެލަމުން އެ އަތުގައި ހިފިއެވެ.

"މަރުހަބާ..." ދެމާނަ އެކުލެވޭ ރާގަކަށް ރިޝްވާން ބުނެލިއެވެ.

"އިންޓްރޮޑިއުސްއެއް ނުކޮށްދޭނަންތަ؟..." އިރަމްގެ އުނަގަނޑުގައި ހިފަހައްޓާލަމުން، އައިޒަކް އިރަމްގެ ކައިރީގައި އެދުނީ ރިޝްވާންގެ ތައާރަފެއް ދިނުމަށެވެ.

"އެމީހެއްގެ ތައާރަފެއް އެމީހަކު ދިނިއްޔާއެއްނު ރަނގަޅުވާނީ..." ރިޝްވާން ލުއި ހިނިގަނޑެއް ޖަހައިލިއެވެ.

"ތިގޮތް އެންމެ ރަނގަޅީ..." އައިޒަކް ބުންޏެވެ.

"ކިހިނެއްވާނީ ތައާރަފުދޭން އެހެން ފަހަރަކުން ބައްދަލުވިއްޔާ؟... އެހެން މީހުން އެތިބީ ފޮޓޯނަގަން ލަސްވެފަ..." ކުރިމަތީގައި ތިބި އައިޒަކްގެ އެކުވެރިން ދައްކައިލަމުން ރިޝްވާން ބުންޏެވެ.

މާ ގިނަ މީހުންނަށް ދައުވަތުދެވިފައިނުވާތީ އާއިއެކު، ހަފުލާ ވަރަށް އަވަހަށް ނިމުނެވެ. އެންމެން ތަނުން ބޭރަށް ނުކުންނަން ފެށުމުން، ޝާލިން އާއިއެކު އިރަމްވެސް ނުކުތެވެ. އައިޒަކް ނުކުތީ، އޭނާގެ އެކުވެރިންނާއި އެކުގައެވެ. ކައިވެނިކޮށްގެން ކުޑަ ވަގުތުކޮޅެއްވެސް ނުވަނީސް، އޭނާގެ އަނބިމީހާއަށް ރިޝްވާން ވާހަކަދެއްކިގޮތް އޭނާ އެކުވެރިންނާއި ހިއްސާކުރިއެވެ.

"ޝާލް... ވަރަށް ނާވަސްވޭ އެބަ... ފާޑަކަށް ހިތްބިރުގަންނަނީ..." އައިޒަކާއިއެކު އެކަނިވާންޖެހޭ ވަގުތު އައިސް ޖެހުމުން، އިރަމް ހުރީ ހާސްވެފައެވެ.

"އެއްކަލަ އިރޫ... އޭނަ އިރޫ ކައެއް ނުލާނެއޭ..." ޝާލިން ދިމާކުރިއެވެ. "އެހެންނޫނަސް އެއީ މިހާރު އިރޫގެ ހަޒްބެންޑް... ބަލާބަލަ ހޭންޑްސަމްކަން..."

ތަންކޮޅެއް ދުރުގައި އެކުވެރިންނާއި ވާހަކަ ދައްކަން ހުރި އައިޒަކް ދައްކައިލަމުން ޝާލިން ބުންޏެވެ. އިރަމްގެ ނަޒަރުވެސް އެދިމާއަށް ދަތުރުކޮށްލިއެވެ. ހެޔޮވަރު އިސްކޮޅަކާއި، ކަސްރަތީ، ހަށިގަނޑެކެވެ. ކައިވެނީގެ ހަފުލާގައި ލައިގެން ހުރި ކޯޓު، އެއް އަތް މައްޗަށް ލައިގެން ހުރިއިރު، ހުދު ގަމީހާއި ނޫ ފަޓުލޫނުގައި، އައިޒަކް ވަރަށްވެސް ފިރިހެންވަންތައެވެ. ޝާލިންގެ ވާހަކައަށް އިރަމްއަށް ހިތާއިހިތުން އެއްބަސްވެވުނެވެ.

"އަހަރެންގެ ހަޒްބެންޑްނަމަ، މިހާރު ތިހާ ދުރުގަ ނުވެސް ހުންނާނަން... ތެރަސްލައިގެން ތަތްކުރާނީ..." ޝާލިން އަނެއްކާވެސް ދިމާކުރިއެވެ. "އެންމެން މަށަށް ކިޔާލަކިޔާލަ ތިއްބާ، އެހެރަ ހޭންޑްސަމް ކުއްޖާ އިރޫއޭ ތި ޖަހައިގަތީ... އޮފީސް ކުދިންނަށް އެނގިއްޖެއްޔާ، އެކުދިންގެ ހިތް ފަޅައިގެންދާނެކަން ޔަގީން..."

"ނޫޅެން... ޝާލް އަބަދު ދިމާކުރަނީ މިހާރު... ތީ މިހާރު އެހެން މީހެއްގެ ބެސްޓީއެއް..." އިރަމް ތުންދަމައިލިއެވެ.

ޝާލިން އާއިއެކު އޭނާ ގޮސް އައިޒަކްގެ ކާރަށް އެރިއެވެ. އޭރުވެސް، އިރަމްގެ ސިއްރު ނަޒަރު އައިޒަކަށް ހުއްޓެމުން ދިޔައެވެ.

"އިރޫއަށް ބޭނުންވާނެ ހުރިހާ އެއްޗެއް ހުންނާނެ ބޭގްއަށް އަޅާފަ..." ޝާލިން ބުންޏެވެ.

"ޝާލް... ދަނީތަ؟..." އިރަމް ކަންބޮޑުވެފައި އަހައިލިއެވެ.

"ދެން ކިހިނެއް ހަދަންވީ؟... ތިދެމީހުންގެ ހަނީމޫނަށް އަހަރެންވެސް ދާންވީތަ؟..." ޝާލިން ހީގަތެވެ. "އޮވެދާނަމޭ ދެމީހުންގެ މެދުގަ..."

"ދެން ޝާލް... އޯކޭ ދޭ..." އިރަމް ތުންފިއްތައިލިއެވެ.

"ލަވް ޔޫ... ވަރަށް މިސްވާނެ..." ކާރުގެ ތެރެއަށް ކުޑަކޮށް ގުދުވެލައި އިރަމްގެ ގައިގައި ބައްދައިލަމުން ޝާލިން ބުންޏެވެ.

އިރަމްގެ ދެލޯ ފެންކަޅިވީއިރު، ޝާލިންގެ ހާލަކީވެސް އެއީއެވެ.

އައިޒަކް އައިސް ކާރަށް އެރުމުން، އިރަމް އިނީ ބިއްލޫރިގަނޑުން ބޭރު ބަލަހައްޓައިގެންނެވެ. އޭރުވެސް އޭނާގެ ދެލޮލުގައި ކަރުނައިގެ އަސަރުވިއެވެ. އެ ކަރުނަތައް އައިޒަކަށް ފެންނާކަށް އިރަމް ބޭނުމެއް ނުވިއެވެ. އިރަމް އެންމެ ދެރަވީ ޝާލިން އާއި ދުރަށް ދާންޖެހޭކަމުގެ އިހުސާސް ކުރެވުމުންނެވެ.

ކާރު ގޮސް ހުއްޓައިލީ، ޖެޓީ ކައިރިއަށެވެ. އިރަމް ފޭބުމުން ފޮށިތަކާއި އެއްޗެހި ބާލާފައި، އައިޒަކް އައީ އޭނާގެ ކާރު ޕާކުކުރުމަށްފަހުގައެވެ. އައިޒަކްމެންގެ އިންތިޒާރުގައި ލޯންޗެއް އޮތެވެ. އަލަތު ކައިވެނި ކުރެވުނު ދެމަފިރިން އެރުމާއިއެކު ލޯންޗް ދުއްވައިލިއެވެ. އައިޒަކް ކައިރީގައި އިން ނަމަވެސް، އިރަމްގެ ނަޒަރު ހުއްޓިފައިވީ މާސިންގާ ބޮޑު ކަނޑަށެވެ. ހިޔާލާފައި ފިކުރުތަކުގެ ތެރެއަށް އިރަމްގެ ނަފުސު ގެނބެމުން ދިޔައެވެ. އިރަމްގެ ހަޔާތުގެ ނައު ގެންދާނީ ކޮން މިސްރާބަކަށް ހެއްޔެވެ؟ އައިޒަކާއި އެކީ އުފާވެރި ދިރިއުޅުމެއް އޭނާއަށް އުޅެވިދާނެ ހެއްޔެވެ؟

މަންޒިލާއި ހަމައަށް ދެވުނުއިރު، އިރަމް އިނީ ބޯއަނބުރާގޮތްވެފައެވެ. ތަނެއްގައި އޮށޯވެލަން ބޭނުންވެފައި ހުރިވަރުން، އޭނާއަށް ފުރަތަމަވެސް ސުވާލުކުރެވުނީ ކޮޓަރި ހުރީ ކިހާ ހިސާބެއްގައިތޯއެވެ. އިރަމްގެ ސުވާލާއިއެކު، ފޮށިތަކާއި ހަވާލުވާން އައިސްހުރި މުވައްޒަފު ސިއްރުން ހިނިތުންވެލިއެވެ. އައިޒަކްވެސް ލާނެތްގޮތަކަށް ބަލައިލިތަން ފެނުމުން، އިރަމް ލަދުން ހަލާކުނުވީ ކިރިޔާއެވެ. އޭނާއަށް ބުނެވުނު އެއްޗެއް ރޭކައިލީ ދެނެވެ.

ކޮޓަރިއަށް ވަންގޮތަށް، އަތުގައި އޮތް ޓައީ އާއި ކޯޓު އެނދުމަތީގައި ބާއްވާފައި، އައިޒަކް އޭނާގެ ގަމީހުގެ ގޮށްތައް ނައްޓުވަން ފެށިއެވެ. ދެލޯ ބޮޑުވެ، މުޅި މީހާ ގަނޑުވިގޮތަށް އިރަމް ހުރީ، ހިނގައިގަންނަންވެސް ނޭނގިފައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު