ދުވަހެއް ދުވަހަކަށް އަދަދުތައް މައްޗަށް، މިއަދު 1،594 ޕޮޒިޓިވް، މާލެއިން 857 މީހުން

ކޮވިޑް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ނެގި 5،870 ސާމްޕަލްގެ ތެރެއިން 1،594 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާންމުކުރި މައުލޫމާތުން ދައްކާ ގޮތުގައި މާލެއިން 857 މީހުން ޕޮޒިޓިވް ވެފައިވެއެވެ. އަތޮޅުތެރޭގެ ރަށްރަށުން 438 މީހަކު މިއަދު އަލަށް ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން 118 މީހުން ޕޮޒިޓިވްވިއެވެ.

މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 106،595 އަށް އަރާފައެވެ.

މި ބަލި ޖެހިފައިވާ 8،079 މީހަކު މިވަގުތު ރާއްޖޭގައި ތިބިއިރު، އޭގެ ތެރެއިން 40 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެއިން ޓެސްޓްކުރި ސާމްޕަލްގެ އަދަދަކީ 2،987އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދާ ހަމައަށް ބަލިން މުޅިން ފަސޭހަވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 98،238އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 265 މީހުން ވަނީ މަރުވެފައެވެ.

ކޮވިޑުގެ ނަންބަރުތައް އިތުރުވަމުން އަންނާތީ އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން މާލެއިން ރަށްރަށް ފުރާނަމަ 72 ގަޑިއިރު ނުވާ ނެގަޓިވް ޕީސީއާރް ޓެސްޓެއް އޮންނަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް