ފެނި ގެއްލިދާ 17

"ޝޭޚު އިބްން ބާޒު ރަހިމަހުﷲ ވިދާޅުވިއެވެ. "ޒިކުރުކުރުމާއި ގުރުއާން ކިޔެވުމާއި، ރަގަޅު ސާލިހު މީހުންނާއެކު ވަގުތު ހޭދަ ކުރާ މީހުންގެ ހިތް މަޑުވެ ސާފުވެގެންދާނެއެވެ."

***

ސަމަރު ބުނީ ސަލާރު ޔޫކޭއަށް ގޮސްފައި ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށާއި ނަންވެސް އެއްކޮށް ބަދަލުކޮށްފިކަމުގައެވެ. ސަލާރުގެ ނަން ޝޭންއަށް ބަދަލުކޮށް އިނގިރޭސި ނަމެއް ދިންއިރު ދީނަށްވެސް ކޮންމެވެސް ވަރަކަށް ފާޑުކިޔާފައިވާ ކަމަށް ސަމަރު ބުނެލިއެވެ. ކޮންމެވެސް ޝޭޚެއް މިއުޒިކް ކުޅުން ހުއްދަނޫންކަމަށް ބުނުމުން ސަލާރު ހިތްހަމަނުޖެހުނީ ކަމަށާއި އެހިސާބުން ފެށިގެން އޭނަ ދީނާއި ދުރުވެއްޖެކަމަށް ބުނިއިރު ސަމަރުގެ މޫނުމަތިންވެސް ހިތާމައިގެ ކުލަވަރު ފެނުނެވެ.

"ސަލާރުގެ ނަންވެސް ބަދަލުވީ ދޯ. އެހެންވިއްޔާ އޭނަގެ ވިޝްއަށް ރެސްޕެކްޓްކުރަންވާނެ. ޝޭންއަކީ އަރަބި ނަމެއްވެސް ނޫންތަ؟"

"އެހެން ހީވޭ. އާ އަލްބަމެއްވެސް ނެރެންވެގެން ވަރަށް އިޝްތިހާރު ކުރޭ. ފައުންޑް އެންޑް ލޮސްޓް އޭ ކިޔަނީ......."

"ދެން އެވެސް މީހުން ކިޔާ ކަހަލަ ނަންތަ؟" އަލާޔާ ހިތުގައިވީ އޭގެ ދިމާ އިދިކޮޅަށެވެ. އޭނައަށް އެ ނަން އަޑުއިވި ހިތް އަވަސްވިއެވެ. ސަލާރު ކޮން ތަނަކުން ހޯދައިގަތް ނަމެއް ބާވައޭ ހިތަށް އެރިއެވެ."ފްރޮގް ޕްރިންސްކަހަލަ ފެންޓެސީ ނަމެއް ދެނިކޮށް ސަލާރު އުޅޭ ފެންޓަސީ ލައިފާއި ގުޅޭނެ. ޚިޔާލެއް ދެވޭވަރަށްވުރެ ދުރުގައި ހުރީމައާއި ދެމީހުންގެ ދޭތެރޭ އޮތް ފާރުގެ ބޯކަމުން އެކަމެއްވެސް ދެން ނުވާނެ.."

ސަމަރުއަށް ވިސްނުނެވެ. އަލާޔާގެ ހިތް ސާފުނުވަނީއެވެ. ނުސީދާކޮށް އެބުނަނީ އެމީހުން އެދޭތެރޭގައި ބޯ ފާރެއްލެއްވި ވާހަކައެވެ. ހަގީގަތުގައިވެސް މަންމައަށް އަލާޔާ ޅީދަރިއެއްގެ ގޮތުގައި ބަލައި ނުގަނެވޭނެއެވެ. މަންމަގެ ޕްރިންސްއަށް އެކަށީގެންވާނީ އެ ފެންވަރުގެ މޮޅު މީހެކެވެ. އަލާޔާގެ އާއިލާއަކީ ގަދަރުވެރި އާއިލާއަކަށް ނުވުން އެއީ ކުށެއްކަމުގައި މަންމަވަނީ ކަނޑައަޅާފައެވެ.

***

އަލާޔާ އެނދުމަތީގައި ފާނޫޒާއި ދަންފުޅި ހިފައިގެން އިންއިރު އެ ދެ ހަދިޔާވެސް ގުޅިފައިވަނީ ނިންމަން ބޭނުންނުވި އޭނަގެ ދިރިއުޅުމުގެ ވާހަކައާއިކަން އެނގުނެވެ. އެ ވާހަކަ އޭނަ ބޭނުންވާގޮތަށް ނުނިމި އެކަމަކު ނިމުނީހެއްޔެވެ؟ ރީތި ހަނދާންތަކަކީ އެހާ ފަސޭހައިން ވަކިވެގެންދާނެ އެއްޗެއް ނޫނެވެ. ސަލާރުގެ މަތިން ހަނދާން ނައްތައިލާ މުސްތަގުބަލާއި ކުރިމަތިލާން ބޭނުންވިޔަސް ނުވަނީއެވެ. ސަލާރު މިއަދު އެވަނީ އެތައް އަންހެންކުދިން އެމީހަކަށްޓަކާ މަރުދަންޖެހި"ފޭންސް"އިން ގޮތުގައިވާ ދުނިޔަވީ ގޮތުން އެންމެ ރުހުން ލިބެވޭ ސެލެބްރިޓީއެއްގެ ގޮތުގައެވެ. ނަމަވެސް މިއަދު އެކަމާހުރެ އޭނަގެ ހިތް ބިރު ގަނެއްޖެއެވެ. އޭނައާއި ސަލާރުގެ ކުރިމަގަށް ހުރަސް އެޅުނީ އެ މަޝްހޫރުކަމެވެ. މަޝްހޫރުކަން ލިބުމުން ސަލާރުވެސް އޭނަގެ ދީން މަތިންވެސް ހަނދާން ނައްތާލައިފިއެވެ. މިއަދު ސަކީނާމެން އަބްދަލްމެން ފެނުނަސް އެނގޭކަމަކަށްވެސް ނަހަދާނެބާވައޭ ހިތަށް އެރިއެވެ.

***

"އަލާޔާ. އައިމް ސޮރީ. މިއޮތީ ސިއްރުން ނެގި އެއްޗެއް.." ސަމަރު ދިއްކޮށްލި ޕެންޑްރައިވްގައި ހިފިއިރު އަލާޔާގެ ލޮލުން ލާނެތް ވިދުވަރެއް ފައުޅުވިއެވެ.

"ލެވީ މި ކާލައިފިކަމަށް ހީކޮށް ޑޮކްޓަރ ސަލާރުގެ ކްލިނިކަށް ގެންގޮސް ސްކޭނެއް ހައްދައިލަން ހުރީ. މި ވަރަށް ހޯދިން. ރުޅިއާއި ޖެލަސީއަކީ ހަގީގަތުގައި މީހުން ކީއްކުރަން އޭގެ ސަބަބުން ޖަނަވާރުގެ ދިރިއުޅުން ހަލާކުކޮށްލާ ބިރުވެރި ސިފައެއްދޯ. ކިރިޔާނު ބުޅާގަނޑުގެ ބަނޑު ފަޅައިނުލާ ނިންމައިލެވުނީ....." އަލާޔާ އެ ޕެންޑްރައިވް އަތަށް ލައިގެން ބަލަން އިނީ ޝައުގުވެރި ނަޒަރަކުންނެވެ.

"އައި ޑިޑްންޓް ޗެކް....ޝައްކުވަންޏާ....."

"ހޫމް މަ ނަމަ ކިއުރިއަސްވެގެން ބަލައިނުލާ ނުހުރެވޭނެ. އެނީވޭސް ސަމަރުއަށް ހެޔޮވިސްނުން ދެއްވިކަމަށްޓަކާ......................."

"ސަދަގާތްވެސް ކުރަން ޖެހޭ...އައިސްކްރީމް ޗޮކްލެޓް؟" ސަމަރު އެހީ ހީގަނެފައެވެ.

"ރަށު ލެއްވިހާ ފޮނި އެއްޗެހި ލާނެ ޖާގަ ފްރިޖްގައި އެބަހުރި. ނަސީބަކުން މާޒިން ބަދިގެ ސާމާނު ހަމަކުރިއިރު ތަންކޮޅެއް ބޮޑު ފްރިޖެއް ގެނައީ ގެއަށް އަތުވެދާނެ ބޮޑު ގޮހޮރެއްވެސް ހަނދާނުގައި ބަހައްޓައިގެން......" އަލާޔާ ސަމަރުއާއި ހަތަރުކަޅި ހަމަކޮށްލިއެވެ." އަހަންނަށް ކަމެއްކޮށްދީފާނަންތަ؟"

"މަށަށް ވާވަރުގެ ކަމެއް ބުނައްޗޭ...."

"ސަލާރުގެ ފޯނު ނަމްބަރު......"

"އަހ.އޯ......އެ......" ސަމަރު ކުއްލިއަކަށް ހާސްވިފަދައެވެ. ސަލާރު ނަމްބަރު ބަދަލުކުރާނީވެސް އަލާޔާއާއި ދުރަށް ދާން ނޫންހެއްޔެވެ؟ އަލާޔާ އޭނައަށް ބޭވަފާތެރިވެފައި އަނެއްކާ މަޝްހޫރުކަމުން އަތުއަޅުވައިލަން ބޭނުންވަނީހެއްޔެވެ؟ މި ދެމީހުން ތަތްކުރުވަން ހަދައިގެން މަންމަގެ ނުރުހުން އަމާޒުވެދާނެއެވެ.

"ނޫން. ދޭނެކަމެއްނެތް. ސިކުނޑި އެހެން ބުނެލިއިރަށް ހިތް ބުނީ ނޫނެކޭ. އެހެންވީމަ ހިތް ބުނާގޮތަށް ހަދާނީ.."

"އަޅޭ. ނަމްބަރު ދޭން އުޅުނީމަ ތިހެން ބުނީ...." ސަމަރު ދެރަވީކަމަށް ހެދުނެވެ. އަލާޔާ ހިނިގަނޑެއް ޖަހައިލިއެވެ.

"އަނެކާއަށް ހާޓްވިޔަސް ދޮގުހަދާކަށްނުވާނެ. ބޮޑީ ލެންގުއޭޖުން ސަމަރުގެ ހިތް އެނގިއްޖެ.................."

"މަށެއްނޫނޭ. މަންމަ ގަބޫލުނުވާނެތީ..."

"އިޓްސް އޯކޭ ލަވް....." އަލާޔާ ހުރީ ހަމަޖެހިލައިގެންނެވެ."އަހަރެންވެސް އެއް އިރެއްގައި ދޮގު މައްޗަށް ދޮގުހެދުމުން އެކަން ފެނުނު. އެހެންވެ އެ ނުބައި އާދަ މާޒީއާއެކު ވަޅުލައިފިން. ދޮގުތަކެއްގެ މައްޗަށް ބިނާކޮށް ދިރިއުޅުން ބިނާކުރުމުންވެސް ލަނޑެއް ލިބުނީ. ބައިވަރު ފިލާވަޅު ލިބިއްޖެ. މާޒީއަށްގޮސް ފޮހެވޭނީވެސް ޑިލީޓް ބަޓްންއެއް އިންނަމަ. މީހުން ހަޔާތަށް އަންނަނީ އެކި ސަބަބާހެދި.އައިމަލްގެ ސަބަބުންވެސް އެއްޗެހިތަކެއް ދަސްވެ ފިލާވަޅެއް ލިބިއްޖެ..."

އަލާޔާގެ "ކޫލް"ކަމުން ސަމަރުގެ ހިތަށް އުދަގޫތަކެއްވެއްޖެއެވެ.

***

އެކަނިވުމާއެކު އެންމެ ކުރިންވެސް އަލާޔާ އުޅެގަތީ ޕެންޑްރައިވް ޗެކްކޮށްލުމަށެވެ. ތެޅި ތެޅިވާ ހިތަކާއެކު ހުޅުވައިލިއިރު ފެނުނީ އަލާޔާގެ ފޮޓޯތަކެވެ. ސަލާރުގެ އަތުގައިވިހާ ފޮޓޯތަކެއް އޭނަ ރައްދުކޮށްދިނީއެވެ. އުމުރަށް އަލްވަދާއު ކީ ނޫންހެއްޔެވެ؟ އެއިން ނެގުނު މާނައަކީ އެއީއެވެ. ސަލާރުގެ އަތުގައިވި އަލާޔާގެ ހަނދާންތައް އޭނަ ފޮހެލީއެވެ. އަލާޔާގެ ލޮލުގައި ކަރުނަތިކިތައް ވިދާންފެށިއެވެ. އޭނަ ލޯބިވާ ޚާއްސަ މީހުންތައް އޭނައާއި ވަކިވެގެން އަބަދަށްޓަކާ ދަނީ ކޮން ކުށެއް ކުރެވިގެންބާވައެވެ. އެދެމީހުންގެ މާޒީގެ ދުވަސްތައް ހަނދާނުގެ މަޑިކިލަބުގައި ފިޔަޖަހަން ފެށުމުން އޭނަ ރުއެވެ. އޭނައާއި ސަލާރުގެ ގުޅުމުގައި ނިމުމުގެ ތަތްގަނޑު ޖެހުނުކަމަށްޓަކައެވެ. ވަކިވެވުނުކަމަށްޓަކައެވެ. ނުހޯދުނު ލޯތްބަށްޓަކައެވެ. އެލޯބީގެ ހުރިހާ އުއްމީދުތަކެއް ގެއްލުނުކަމަށްޓަކައެވެ. ކާއިނާތު ވަށައިލި އަނދިރިކަން ކޮޓަރިވެސް ކަނު އަނދިރިކަމުގެ ތެރެއަށް ގަންބައިލިއިރުވެސް ތެދުވާނެ ހިތްވަރެއްނެތިފައި އަލާޔާ މޮޅިވެރިކަމުގެ ސާލު އޮޅާލައިގެން އެތައް އިރެއްވާންދެން އިނެވެ.

"ގުޑްބައި ސަލާރު"

***

ޖެހިގެން އައި ދުވަހު ސަމަރުވެސް ޟުހާ ނަމާދުކުރަން ބޭނުންވެގެން ވުޟޫކުރަން ދިޔައެވެ. އަލާޔާ ބުނީ ލިޕްސްޓިކާއި ނިޔަފަތީގައި އުނގުޅައިގެން ހުރި ކުލައާއެކު ވުޟޫ ކަމުނުދާނެކަމަށެވެ. އެހާވަރުން ކޮށްގެން އައި މޭކަޕް ފިލުވައިލާފައި އަލުން މޭކަޕްކުރަން އުދަގޫވާނެތީ ސަމަރުއަށް އެކަން ފަސޭހަކަމަކަށް ނުވިއެވެ.

"ސަމަރު ތި ބަހަނާ އަހަންނަށް ދެއްކިދާނެ. އެކަމަކު ހެއްދެވި ފަރާތަށް؟" އަލާޔާ ސުވާލުކުރިއެވެ.

"ސުންނަތް ނަމާދެއްނު..."

"ސުންނަތަށް އުޅެން ބޭނުމެއްނޫންތަ؟ދުނިޔެއަށް ފޮނުއްވީ އަޅުކަން ކުރަން. ނަމާދުތަކުން ހިތްހަމަޖެހުންވެސް ލިބޭނެ. އަހަންނަށްވެސް ދުނިޔޭގެ މި އުދަގޫތަކާއި ހިތާމަތަކާއި ކުރިމަތިލެވެނީވެސް ހެއްދެވި ފަރާތާއި އޮތް ގުޅުން މިވަރަށްވެސް އޮތީމަ. ނޫންނަމަ ........"އަލާޔާ ފުން ނޭވާއެއް ދިއްކޮށްލިއެވެ.

"ތިކަމާ ވިސްނާނަން."

"މޭކަޕް ނުކުރިޔަސް ސަމަރު ކިއުޓް. ކޮންމެގޮތެއްވިޔަސް މޭކަޕަކީ ތިމާއާއި ހެއްދެވި ފަރާތާއި އޮތް ހުރަހަކަށް ވަންޏާ..އެއީ ވެސް އީވިލް.........ދެއަތާއި ދެފައި ޖަހާ ދުލުން އަލިފާން ނުނެރުނަސް ހަމަ ޝައިތާނެއްގެ ގޮތުގައި ލޭބަލް ކުރެވޭނީ........ "އަލާޔާ ހިނިގަނޑެއް ޖަހައިލިއެވެ."އެއީ އާޓެއް އެކަމަކު ޑިސެޕްޝަންއެއް. އެހެން ފަހަރަކުން އެ ވާހަކަ ދައްކާނީ. ޓައިމް އަޕް....."

ސަަމަރު ވިސްނީ އަލާޔާވެސް ހައްދުފަހަނަޅާ ދަނީކަމުގައެވެ. އެހެންނޫންނަމަ ކުއްލިއަކަށް އެހާ ބަދަލުވާންވީ ސަބަބެއް ނެތެވެ.

***

އެދުވަސްކޮޅު އަލާޔާގެ ވަޒީފާ ގެއްލެން ދިމާވީ ތަފާތު ދެހާދިސާއެކެވެ. އިންޒާރަކާއި ނުލައި އަލާޔާއަށް ދަތިކުރަންވެގެން ސޫފިޔާނާ ގަސްތުގައި އެ އަދަބުދިނީއެވެ. ސޫފިޔާނާގެ ދައްތަ މަރުޖާނާ އަދި ދަރިފުޅާއި މާމަދަރިއެއް ޗުއްޓީއަކަށް އެރަށަށް އައީއެވެ. އެ ދައްތަ ފެނުމާއެކު އަލާޔާ ކޮންމެވެސް ތަނަކުން ދެކުނު ހަނދާނެއްވިއެވެ. ވިސްނަ ވިސްނާވެސް ނޭގުނެވެ. ސަމަރުއާއެކު އައިސްކްރީމެއް ބޯލަން އިނދެފައި ކުއްލިއަކަށް އަލާޔާއަށް ހީގަނެވިއްޖެއެވެ. ދައްތައާއި ވައްތަރުވީ ނެނީ ސްމާފްއާއެވެ. ވީގޮތެއް ނޭގުމުން އަލާޔާ ބުނީ ހެދުން އޭނަ ގިލިގިލިކޮށްޓީކަމަށެވެ. ހުނުން ކޮންޓްރޯލް ނުވީ އެހެންވެ ކަމުގައެވެ. ސަމަރުއަށްވެސް އަލާޔާގެ އެ ލާނެތްކަމުގެ ސަބަބުން ސީރިޔަސްކަން ކެނޑުނެވެ. އޭނަ ކިޔައިދިނީ ސަލާރު ކުޑައިރުގެ ހާދިސާއެކެވެ. ބޫޓުތެރެއަށް ޕީނަޓް ބަޓަރު އަޅައިގެން ހިނގަނިކޮށް މަންމަ އެކަމާއި އަޑުލާންފެށިއެވެ.

"ސަލާރު އޭރު ފިނޑިވާނެ އެހާ. މަންމަ ރުޅިއައީ ކަމަށް ހީކޮށް ބިރުން ސީ ދުއްވާލުމުން ސީލިންއަށް ފޯރީ.......އެތަންދެކެން ހުރި ބޮޑުދައިތަވެސް ހެމުންގޮސް އެންމެފަހުން ގަޔަށް ލެވުނީ. މަންމަ ޖެހުނީ ރޫމާއި ސީލިންއަށް ދާންދެން ސާފުކުރަން...."

"އައި ކާންޓް ބިލީވް. ކިހިނެއް ސީލިންއަށް..." އަލާޔާ ލޯތެރޭ ކަޅި ހިންގައިލިއެވެ.

"އައިމް ނޮޓް އެގްޒަޖެރޭޓިން..އެކަމަކު....ހޫމް އަހަރެންވެސް އޭރު ކުޑަކަމުން ހަނދާންނެތުނީ. ފާރަށްހެން ހީވަނީ........."އަލާޔާއާއި ސަަމަރު ހީހީފައި ސަކަރާތް ޖަހަން ތިބިއިރު ކުރީގެ ދުޝްމިންކަމުގެ ފާރު ވެއްޓި އަތު ގުޅުވާލައިފިއެވެ.

ސޫފިޔާނާގެ ދައްތައާއި އަލާޔާގެ އުމުރުގައި ތަފާތު ހުއްޓަސް އަލާޔާއަށް އެ ޝަޚުސް ކަމުދިޔަވަރުން އޭނައާ ގާތްގުޅުމެއް އުފެއްދިއެވެ. ނަމަވެސް ހަފްތާއެއްހާ ދުވަހަށެވެ. ބެލްކަނިން ވެއްޓުނުގޮތަށް ބޮލަށް ލިބުނު ޒަޚަމްތަކާއި ގުޅިގެން އޭނަ ނިޔާވީއެވެ. އަލާޔާއަށް ޝޮކެއް ލިބުނެވެ. މިފަނާވެދަނިވި ދުނިޔެއަކީ ދާއިމީ މަންޒިލަށް ދިޔުމުގެ މަގުމަތީގައި މަޑުކޮށްލާ ފާލަމެކެވެ. ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ހަދީސްކުރެއްވި އެވެ."މި ފަނާވަނިވި ދުނިޔޭގައި ތިބާއަކީ ދަތުރުވެރިއެއް ނޫނީ ބީރައްޓެއްސެއްކަމުގައި ވާށެވެ." ހީހީފައި އުޅުނު އެ މަޖާ ދައްތައަކީ ސޫފިއާނާގެ ދައްތައެކޭ ބުނާވަރަށްވުރެ ހުރިހާގޮތަކުން ތަފާތު މީހެކެވެ. ބޭރުފުށުގެ ސިފަތަކާއި މިޒާޖުވެސްމެއެވެ. އެހާ ކުޑަދުވަސްކޮޅެއްގެ އެކުވެރިއެއްގެ ވަކިވުން އަލާޔާގެ ލޮލުން ކަރުނަ އޮހޮރުވައިލިއެވެ.

މަރުޖާނާގެ މޫނު ދެކެން ގޮސް އަލާޔާ މަޑުކޮށްލީ ސަމަރު ގާތުގައެވެ. ސޫފިޔާނާވެސް ދާދި ކައިރީގައި ހުރިއިރު މޫނުމަތިން ފެންނަނީ އަބަދު އެފެންނަ ސީރިޔަސް ކަމެވެ. ތުންފިތާލައިގެން ހުރިތަން ފެނުމާއެކު ސަމަރު ކިޔައިދިން ވާހަކަތައް ހަނދާންވެ ހިނިގަނޑު ހިފަހައްޓައިލަން އުދަގޫވިއެވެ. ކޮންޓްރޯލެއްނެތި ހެވެން ފެށުމުން އޭނައަށް ބޯ އަޅައިލެވުނީ ސަމަރުގެ ކޮނޑުގައެވެ. އޭނަ ހެނީކަން ވިސްނުނީ ސަމަރުއައި ގާތުގައި ހުރި ސޫފިޔާނާއަށެވެ. އެހެން މީހުން ދެކުނީ އަލާޔާ ރޮނީކަމުގައެވެ.

އަލާޔާ އަމިއްލަ ނަފުސް ހަމަޔަކަށް އަޅުވަން މަސައްކަތްކުރިވަރަކަށް ހަމަހެވުނީއެވެ.

***

ޖެހިގެން އައި ދުވަހު އަލާޔާގެ ހުނުން ކޮންޓްރޯލް ނުވުމުގެ ދެވަނަ މައްސަލަ ދިމާވިއެވެ. މިފަހަރު ނަފްސާނީ ބަލިމީހަކާއި ދިމާލަށް މަލާމާތްކޮށްފައި ހެވެން ފެށިގޮތަށް އަނގަމަތީގައި އަތް އަޅާލައިގެން ކެތްކުރަން އޭނަ މަސައްކަތްކުރިއެވެ. އެންމެފަހުން ކެތްނުކުރެވިގެން އަޑު ވީއްލާ ހެވުނީއެވެ.

ބައިގަޑިއެއްހާއިރު ފަހުން އޭނަ އޮފީހަށް ހާޟިރުވާން ޗިޓު އައެވެ. ސީއީއޯގެ ކުރިމައްޗަށް ގެނެވޭވަރުގެ ކުށެއް ކުރެވުނުކަން އެނގުނީވެސް ސޫފިޔާނާގެ ތުންފަތް އެއްކޮށް ގެއްލި ލޯ އަޅައިލަމުން ކުރިކުށްތައް އިއްވުމުންނެވެ.

"އަލާޔާހާ ލަދުކުޑަ ކުއްޖެއް ނުދެކެން. މީހަކު މަރުވެގެން ޖަނާޒާ ކުރިއަށް ދަނިކޮށް އެގޮތަށް ހުނުމަކީ ކޮންފަދަ އަދަބެއް އަޚުލާގެއް ނެތްތާ ހިތުގައި ރަހުމްގެ ކަންފުޅެއްވެސް ނެތްކަން. އެހެންބަޔެއްގެ ހިތާމައިގާ ބައިވެރިވާންވީމަ ހުނީ. ބަލިމީހަކަށް އެގޮތަށް މަލާމާތްކޮށްފައި ހޭން ޖެހުނު ސަބަބެއްވެސް ބުނެބަލަ. ސީދާ އެ ފިރިހެންކުއްޖާގެ މަންމަ މައްސަލަ ހުށަހެޅީ......................"

އަލާޔާ ހަގީގަތުގައި ދެރަވިއެވެ. އޭނަގެ އަމިއްލަ ބާރެއް ނުފޯރުނަސް އެގޮތަށް ހުނުމަކީ އަދަބާ ޚިލާފުކަމެކެވެ.

"އައިމް ސޮރީ މެޑަމް."

"ކީއްވެހެއްޔޭ؟" ސޫފިޔާނާ ހަރުކަށި ގޮތަކަށް ސުވާލުކުރިއެވެ.

"ބަލިކުއްޖާއަކީ އަހަރެމެން އޭޖްގެ ރީތި ފިރިހެންވަންތަ ޒުވާނެއް. އޭނަގެ އަޑު ވަރަށް ރީތިވާނެކަމުގެ ޔަގީންކަމުގައި ހުއްޓާ ބަހެއް ބުނުމުން އެންމެ ކުރިން ހީކުރީވެސް އޭނަގެ މަންމަ ކަމަށް. އެކަމަކު އެ ބޯއިގެ އަޑު ފިސްވެ ވަރަށް ހިމަ. ޓްރަސްޓްމީ. އަޅުގަނޑު ހުނުން ކޮންޓްރޯލް ކުރަން މަސައްކަތްކުރިން އެކަމަކު ޑޮކްޓަރވެސް ކިރިޔާ ނުހެވި އިނީ އެހެންވެ............."

"މީހުންގެ ސިފައަށް މަލާމާތްކުރުމުން އެ ރައްދުވަނީ ކޮން ފަރާތަކަށްތޯ އަމިއްލަ ހިތާއި ސުވާލުކޮށްބަލަ. އަދި ސިއްހީ ދާއިރާގައި ޚިދުމަތް ކުރާ މީހަކު ބަލިމީހަކަށް ޖޯކު ޖެހުމަކީ ބަލައިގަނެވޭނެކަމެއްނޫން......."

"އެކަމަކު......." އަލާޔާ އެއްޗެކޭ ބުނަން އުޅުނެވެ.

"އިތުރު އެކްސްޕްލެނޭޝަނެއް އަޑު އަހާކަށް ބޭނުމެއްނޫން. ތިހިރީ ވަޒީފާއިން ވަކިކޮށްފައި......" ސޫފިޔާނާ ހުކުމް އިއްވިއެވެ. އެއްޗެކޭ ބުނަން އުޅެފައިވެސް އަލާޔާއަށް ހެވޭގޮތްވުމުން އަވަހަށް އެތަނުންދާން ހިނގައިގަތެވެ. އައިމަލް އޭނަ ވަރިކުރިގޮތާއި ސޫފިޔާނާ އޭނަ ވަޒީފާއިން ވަކިކުރިގޮތުގައި މާ ބޮޑު ތަފާތެއްނެތެވެ. ޝޮކެއްލިބުނަސް އޭނަ ކެތްތެރިވިއެވެ. ހަމަޖެހިލައިގެން އިނދެ ވިސްނައިލުމުން އަމިއްލަ ނަފުސަށް ކުށްވެރިކަމުގެ އިހުސާސްކުރެވުނެވެ. ލަދުވެސް ގަތެވެ. އޭނަ އެ ފިރިހެންކުއްޖާ ގާތުން މާފަށް އެދޭނީއެވެ.

"މާތްﷲއަކީވެސް ރަހުމާންވަންތަ ރަހީމްވަންތަ. ގަސްތުގައި ކުރިކަމެއްނޫންކަން އެފަރާތުން ދެނެވޮޑިގެންވާނެ. ހުއްޓަން ކިހާވަރަކަށް އުޅުނިން އެކަމަކު ހުނުމަކީވެސް ބައެއްފަހަރު ބާރުފޯރާކަމެއްނޫން. އިންސާނުންނަށް ސިކުނޑި މަސައްކަތްކުރާގޮތް ނުވިސްނެނީ. އިޓްސް ކޮމްޕްލިކޭޓެޑް. އަދި އަހަރެންގެ ސިކުނޑި މިދުވަސްކޮޅު މައްސަލައެއްވެސް އެބައުޅޭ. ކުރިއަކުން މިގޮތަށް ހުނުމަކީ ކުރިކަމެއްވެސް ނޫން. ރެންޑަމްކޮށްވެސް އެބަ ހެވޭ.....ކީއްވެކަމެއް ނޭގޭ. ޖޮބް ގެއްލުނީމަ ހަދާނީ ކިހިނެއް؟ ރަށަށް ދާންވީތަ؟ ޒިންގެ ގެ އެބަހުރި.ބޭނުން ދުވަހަކަށް އުޅެވިދާނެ.."

***

މަންމަގެ އުއްމީދުތައް ފުނޑުވެދާނެތީ ވަޒީފާ ގެއްލުނު ވާހަކަ އަލާޔާ ފޮރުވިއެވެ. އެހެން ތަނަކުން ވަޒީފާ ލިބޭތޯ އޭނަ މަސައްކަތްކުރާނެއެވެ. ސޫފިޔާނާގެ ހިތެއް ނެތްކަމާއިމެދުވެސް ހިތުގައި ޝަކުވާ އުފެދުނެވެ. އޭނައަށް ހައްގު އަދަބުކަމުގައި ގަބޫލުކުރެވުނަސް އެހާ ނިކަމެތިކޮށް ކަންތައް ކުރާކަށް ނުވާނެއެވެ. އޭނަގެ ދައްތަގެ ޖަނާޒާގައި ހީފައި އުޅުނީތީ ބަދަލު ހިފީ ނޫންހެއްޔެވެ؟ ނޫނީ ސަލާރުގެ މައްސަލައިގާ އަދިވެސް ހިތް ނުބައިކޮށްގެން ހުރީއެވެ.

ސަމަރު އަލާޔާ ގާތުގައިބުނީ އެކަމާއި ހިތާމަނުކުރުމަށެވެ. ހަފްތާއެއްފަހުން ސަމަރުގެ މަންމަ އިސްތިއުފާ ދޭނެއެވެ. މަންމައަށް ލިބުނު ނަސީބަކީ ޔޫކޭއަށް ދެވުންކަމަށާއި އޭގެ ސަބަބުން އަލާޔާއަށް އަލުން ވަޒީފާ ލިބި އަލާޔާގެ ދުޢާ އިޖާބަވާނެކަމުގައި ސަމަރު ބުންޏެވެ.

"އިންޝާﷲ...." އަލާޔާ ސަމަރުގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ.

އާ ސީއީއޯ އައިކަން އެނގުމާއެކު އަލާޔާ ބައްދަލުކުރަން ދިޔުމުން ލިބުނު ޝޮކުގައި ލޯ ފުންމައިނުލީ ކިރިޔާއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު