ރައީސް ޔާމީން އެއާޕޯޓު އަޅަން ވައުދުވި ދިގުވެލިދޫގައި ރިސޯޓު ހަދަނީ

ރިސޯޓު ހެދުމަށް ބީލަމަށް ހުޅުވާލާފައިވާ ދިގުވެލިދޫ ރަށްފަތި --- ފޮޓޯ/ގޫގުލް އާތް

ޕީޕީއެމްގެ ވެރިކަމެއްގައި އެއާޕޯޓެއް އަޅާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވައުދުވެވަޑައިގަތް ށ. ދިގުވެލިދޫގައި ރިސޯޓެއް ހެދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި ބިޑު ޑޮކިއުމެންޓުގައި ބީލަމަށް ލާ ރަށްތަކުގެ ލިސްޓަށް ދިގުވެލިދޫއާއި، އެރަށާ ގުޅިފައި އޮންނަ މެދުރަށް އަދި ދިގުރަށް ވަނީ ހިމަނާފައެވެ. ބޮޑުމިނުގައި ޖުމްލަ 19 ހެކްޓަރު ހުންނަ މި ރަށްތައް ދޫކުރަން ހަމަޖެހިފައިވާ އެންމެ ކުޑަ އަގަކީ 1.2 މިލިއަން ރުފިޔާއެވެ.

ރަށާއެކު ބޮޑު ފަޅެއް އޮންނަ ދިގުވެލިދޫ ދޫކުރަނީ ފަޅު ހިއްކައިގެން ތަރައްގީ ކުރެވޭ ގޮތަށެވެ. އެރަށުގައި 300 އެނދުގެ ރިސޯޓެއް ތަރައްގީ ކުރާނެކަމަށް ބިޑު ޑޮކިއުމެންޓުގައި ވެއެވެ.

ދާދި ފަހުން ކޮމަންޑޫގައި ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވަނީ ޕީޕީއެމްގެ ސަރުކާރެއްގައި ދިގުވެލިދޫގައި އެއާޕޯޓެއް އަޅައިދޭނެކަމަށް ވައުދުވެ ވަޑައިގެންފައެވެ.

އޭގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ދިގުވެލިދޫ ފަތުރުވެރިކަމަށް ދޫކުރައްވާނެކަމުގެ އިޝާރާތެއް ކުރައްވާފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ފޯރި ގަދަވަމުން އަންނަ އިރު، ސަރުކާރުން އަންނަނީ އެ ސަރަހައްދުގައި ބޮޑެތި މަޝްރޫއުތަކެއް ފަށަމުންނެވެ.

comment ކޮމެންޓް