އައްޑޫގެ ކޮވިޑް އެކްޓިވް ކޭސްތައް 300 އިން މައްޗަށް، އެންމެ ގިނަ ކޭސް ހިތަދޫ އާއި މީދޫގައި

އައްޑޫ ސިޓީ. (ފޮޓޯ/ފޭސްބުކް)

އައްޑޫގެ ކޮވިޑް އެކްޓިވް ކޭސްތައް 300 އިން މައްޗަށް އަރައިފި އެވެ.

އަައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އައްޑޫ އީއޯސީ) ބުނެފައިވާ ގޮތުގައި އެކްޓިވް ކޭސްތައް އެންމެ ގިނައީ އެ ސިޓީގެ ހިތަދޫ އާއި މީދޫ އަވަށުގައެވެ.

އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 304 އަކަށް އަރާފައިވާއިރު، އިއްޔެ އެކަނިވެސް 62 މީހުން މި ބައްޔަށް ޕޮޒިޓިވް ވިކަމަށް އައްޑޫ އީއޯސީއިން ވަނީ ބުނެފައެވެ.

އައްޑޫއިން އިއްޔެ ޕޮޒިޓިވްވި 62 މީހުންގެ ތެރެއިން 28 މީހުންނަކީ ހިތަދޫ އަވަށަށް ނިސްބަތްވާ މީހުންނެވެ. އަދި 9 މީހުން ފޭދޫއިން، 8 މީހުން މީދޫއިން، 5 މީހުން ހުޅުދޫއިން، 4 މީހުން މަރަދޫފޭދޫއިން އަދި 2 މީހުން މަރަދޫއިން ވަނީ ޕޮޒިޓިވްވެފައެވެ. މީގެއިތުރުން ސިނާއީ/ރިސޯޓް ސަރަހައްދުން 6 މީހަކަށް ވަނީ ކޮވިޑު ޖެހިފައެވެ.

ދުވާލެއްގެ މައްޗަށް 150 އަށްވުރެ ގިނަ ސާމްޕަލް އެ ސިޓީން ނަގާއިރު، އިއްޔެ 231 ސާމްޕަލް ވަނީ ނަގާފައެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ ރައްޔިތުން ރައްކާތެރިކަމަށް އަހައްމިޔަތުކަން ދިނުމަށް ނަސޭހަތްތެރި ވެފައެވެ. އަދި އައްޑޫގައި ކޮވިޑް މާބޮޑަށް ފެތުރޭނަމަ ފަރުވާދޭން ދަތިވާނެކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

ސްކޫލްތައް ހުޅުވުމަށްފަހު އިތުރު ހަރަކާތްތައް ހިންގުން މަދުކުރުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ.

އައްޑޫ ކޮވިޑް މެނޭޖްމަންޓު ފެސިލިޓީގައި އެކަކަށް ފަރުވާދެމުން އަންނައިރު، އެ ސިޓީން މި ބަލީގައި 14 މީހުން ވަނީ މަރުވެފައެވެ.

އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތުގައި އޮންނަތާ ހަތަރު މަހަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށް މޮނިޓަރިން އުވާލީ ގާތްގަނޑަކަށް ދެ ހަފްތާ ކުރިންނެވެ. އޭރު އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު އުޅުނީ 50 އަށްވުރެ ދަށުގައެވެ.

comment ކޮމެންޓް