ރާއްޖެ ފަޚުރުވެރިކޮށް، އައްޑޫގެ ހިރާ ސްކޫލުން ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ކާމިޔާބުކޮށްފި

ހިރާ ސްކޫލުގެ ދަރވަރުންނާއި ކްރޫ. ފޮޓޯ: ހިރާ ސްކޫލު--

އައްޑޫގައި އަމިއްލަ ފަރާތަކުން ހިންގަމުން އަންނަ ހިރާ ސްކޫލުން ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ހޯދައިފި އެވެ.

ފަސް ދާއިރާ އަކުން ދެމެހެއްޓެނެވި ހައްލުތައް ހޯދާ ފަރާތްތަކަށް ޔޫއޭއީ އިން ދެމުން އަންނަ ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ހިރާ ސްކޫލުން ހޯދާފައިވަނީ ދެކުނު އޭޝިޔާ ސަރަހާއްދުގެެ ގްލޯބަލް ހައި ސްކޫލު ކެޓަގަރީންނެވެ.

އައްޑޫ ހައި ސްކޫލުންވެސް މީގެކުރިން ކާމިޔާބުކުރި ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒްގެ ފައިނަލިސްޓުންގެ ތެރޭގައި ކޮޕީލާ ވެލީ ސްކޫލާއި އިންޑިއާގެ މަން ކުވާރީ ހަންސާ ހަޔާ ސެކަންޑްރީ ސްކޫލް ހިމެނުނެވެ.

ޖުމުލަ ހަ ރީޖަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި އެވޯޑަށް 18 ގައުމަކުން ވާދަކުރި އެވެ. އަދި ހަ ސްކޫލަކަށް އެވޯޑް ލިބުނެވެ. އެވޯޑް ލިބޭ ހަ ސްކޫލުން ކޮންމެ ސްކޫލަކަށް އެއް ލައްކަ އެމެރިކާ ޑޮލަރު އިނާމެއްގެ ގޮތުގައި ދެވެއެވެ.

ޝެއިޙް ޒައިދު ސުލްތާން އަލް ނަހްޔާނުގެ ހަނދާނުގައި ޔޫއޭއީން 2008 ވަނަ އަހަރުން ފެށިގެން މި އެވޯޑް އަންނަނީ ދެމުންނެވެ. ސިއްހަތާއި ކާނާ، ހަކަތަ އާއި ފެން، އަދި ގްލޯބަލް ހައި ސްކޫލްގެ ދާއިރާއިން ދެމުން އަންނަ މި އެވޯޑާ ހަވާލުވުމަށް ހިރާ ސްކޫލެއްގެ ޓީމެއް މިވަގުތު ވީ ދުބާއި ގައެވެ.

comment ކޮމެންޓް