މިދިޔަ މަހު ކަސްޓަމްސްގެ އާމްދަނީ އާއި އިމްޕޯޓް އިތުރުވި ނަމަވެސް އެކްސްޕޯޓް ދަށަށް

މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ: ކަސްޓަމްސް

މިދިޔަ ޑިސެމްބަރު މަހު ރާއްޖެއިން ބޭރުކުރި މުދަލުގެ އަގު ދަށްވި ނަމަވެސް، އެތެރެ ކުރި މުދަލާއި ކަސްޓަމްސްއަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެއްޖެއެވެ.

ކަސްޓަމްސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު މިދިޔަ މަހު ރާއްޖެއިން މުދާ ބޭރުކުރި މިންވަރު ވަނީ 28 ޕަސެންޓް ދަށްވެފައެވެ.

އެގޮތުން، ނިމުނު ޑިސެމްބަރު މަހު 327 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކުރި އިރު، 2020 ވަނަ އަހަރުގެ އެ މުއްދަތުގައި 457 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެއެވެ.

ރާއްޖެއިން ބޭރު ކުރަނީ މަހުގެ ބާވަތްތަކެވެ. އެގޮތުން އެންމެ ގިނައިން މަސް ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. އެ ލިސްޓުގައި ދެން ހިމެނެނީ ޖަރުމަނު، މޮރިޝަސް، ޔޫކޭ އަދި ޖަޕާނެވެ.

އިމްޕޯޓަށް ބަލާއިރު، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެ އެތެރެކޮށްފައިވަނީ 2.5 ބިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ މަހު އެ އަދަދު ވަނީ 4.5 ބިލިއަނަށް އިތުރުވެފައެވެ. އެއީ، 78 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައި ވަނީ ކާބޯތަކެތީގެ ބާވަތްތަކާއި ތެލުގެ ބާވަތްތަކެވެ.

ފާއިތުވި މަހު ރާއްޖެއަށް އަގުގެގޮތުން އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތައް:

  • ޔޫއޭއީ: 713 މިލިއަން ރުފިޔާ
  • ޗައިނާ: 575 މިލިއަން ރުފިޔާ
  • އިންޑިއާ: 504 މިލިއަން ރުފިޔާ

ކަސްޓަމްސްއިން ބުނީ ރާއްޖެ އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު މިދިޔަ މަހު 23 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލިބުނު އާމްދަނީ 296 މިލިއަން ރުފިޔާއަށް އަރާ އިރު މިދިޔަ މަހުގެ އާމްދަނީ 364 މިލިއަން ރުފިޔާއަށް އަރައެވެ.

comment ކޮމެންޓް