ކުއްލި ހާލަތުގައި އޮތް މާފުށީ ޖަލުން 36 ގައިދީން ޕޮޒިޓިވް، 68 ގައިދީން ކަރަންޓީނަށް

މާފުށި ޖަލު -- ފޮޓޯ/ވީނިއުސް

ކޮވިޑް ފެތުރޭތީ ކުއްލި ހާތަލަށް ގެނެސްފައިވާ މާފުށީ ޖަލުން 36 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު "ސަން"އަށް ވިދާޅުވީ މާފުށީ ޖަލުން 36 ގައިދީން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ ގައިދީންނާ ކޮންޓެކްޓްވީ 68 ގައިދީއަކު ކަރަންޓީނުގައި ތިބި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެތަނުން މިހާތަނަށް ފަސް އޮފިސަރަކު ކޮވިޑަށް ޕޮޒިޓިވްވެ 12 އޮފިސަރުން ކަރަންޓީނުގައި އެބަތިބިކަމަށް ވެސް މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

ކޮވިޑުގެ އަލާމާތްތައް ހުރުމުން ގައިދީންނާއި އޮފިސަރުންގެ ސާމްޕަލްތަކެއް ނެގުމުން މިދިޔަ ބުރާސްފަތި ދުވަހު ހަތް އޮފިސަރަކާއި ހަތަރު ގައިދީއަކު މާފުށީ ޖަލުން ޕޮޒިޓިވްވިއެވެ. އެހެންކަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތަށް ފިޔަވަޅުތައް އަޅައި ހުކުރު ދުވަހުގެ 16:00އިން ފަށައިގެން އެ ޖަލު ކުއްލި ހާލަތަށް ވަނީ ގެނެސްފައެވެ.

މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން ވެސް މާފުށީ ޖަލުން އޮފިސަރަކު ޕޮޒިޓިވްވެ، އިތުރު ކޮވިޑް ކޭސްތަކެއް ފެނި އެތަން ކުއްލި ހާލަތަކަށް ގެންދިޔައެވެ. އެފަހަރު ހާލަތު ގޯސްވެ، ޖަލުގައި ތިބި ހައި ރިސްކު ގައިދީން ގެއަށް ބަދަލު ކުރަން ނިންމައި ބައެއް މީހުން ގެއަށް ބަދަލު ކުރިއެވެ.

މާފުށީ ޖަލު ކުއްލި ހާލަތަށް ގެނެސް ނެރުނު ބަޔާނުގައި ވަނީ، ޖަލު އާއްމު ހާލަތަށް ގެނެވެން ދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށް ބުނެފައެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން އިއްޔެ ވެސް ރާއްޖެއިން 1،209 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން 575 މީހުން ހިމެނެއެވެ.

comment ކޮމެންޓް