ކޮވިޑުގެ ތެރޭގައި އޭޝިއާގައި އިތުރު 20 ބިލިއަނަރުން އުފެދުނު

އެކި ގައުމު ތަކުގެ ފައިސާތަކެއް -- ފޮޓޯ އޭޕީ

ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އޭޝިއާ ބައްރުން 20 މީހުން ބިލިއަނަރުންނަށް ވިކަމަށް އޮކްސްފޭމުން ރިޕޯޓްކޮށްފި އެވެ.

"ޕޭންޑެމިކް ބިލިއަނަރުން"ގެ ގޮތުގައި 20 މީހަކަށް ބިލިއަނަރުކަމުގެ ލަޤަބު ލިބުނުއިރު، 140 މިލިއަން މީހުން ވަނީ ފަޤީރުކަމަށް ވެއްޓިފައެވެ.

ކޮވިޑުން ދިފާއުވުމަށްޓަކައި ދުނިޔޭގެ ގައުމުތަކުން ކުރި މަސައްކަތުގެ ސަބަބުން މި މީހުން ބިލިއަނަރުންނަށް ވީ ބޭހާއި، މެޑިކަލް ވަޞީލަތްތައް އަދި ކޮވިޑާ ގުޅިގެން ދޭންޖެހޭ ޚިދުމަތްތައް ދިނުމުންނެވެ.

ނަމަވެސް ކޮވިޑުގެ ތެރޭގައި ވަޒީފާ ގެއްލުނު މީހުންގެ އަދަދު މިލިއަނުން މައްޗަށް އަރާފައިވާއިރު، 140 މިލިއަން މީހުން ވަނީ ފަޤީރުކަމުގެ ތެރެއަށް ވެއްޓިފައެވެ.

2020 ވަނަ އަހަރުގެ މާރިޗުމަހުގެ ތެރޭގައި އޭޝިއާ-ޕެސިފިކް ސަރަހައްދުގައި 803 ބިލިއަނަރުން ތިބިއިރު، އެ އަދަދު ވަނީ 2021 ނޮވެމްބަރުގައި 1087 އަށް އަރާފައެވެ. މިއީ 74 އިންސައްތައިގެ އިތުރުވުމެކެވެ.

އޭޝިއާ-ޕެސިފިކް ސަރަހައްދުގެ ބިލިއަނަރުންގެ މުއްސަނދިކަން 1.46 ޓްރިލިއަން ޑޮލަރަށް އަރާފައިވާއިރު، 81 މިލިއަން މީހުންގެ ވަޒީފާ ގެއްލި، 22-25 އާ ދެމެދުގެ އަދަދެއްގެ މީހުން 'ވޯކިންގ ޕޮވަޓީ'އަށް ވަނީ ވެއްޓިފައެވެ.

ޗައިނާއިން ފެނުނު ކޮވިޑް-19 އޭޝިއާގެ ގައުމުތަކުގެ އިގުތިސާދު ފުނޑާލާފައިވާއިރު، މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ މި ބަލީގެ ޝިކާރައަކަށްވެ މަރުވެފައެވެ.

ކޮވިޑާ ގުޅިގެން އުފެދިފައިވާ އާމްދަނީގެ ތަފާތު ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާވާނެކަމަށް ލަފާކުރެވޭއިރު، ފަޤީރުން އިތުރަށް ފަޤީރުވެ، މުއްސަނދިން އިތުރަށް މުއްސަނދިވާނެކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް