ހިޔާ ޓަވަރުތަކުގެ ލިފްޓު ހުއްޓޭ މައްސަލަ ގިނަ، ނުރައްކާތެރި ހާދިސާއެއްގެ ބިރު ހީވެފައި!

ހިޔާ ފްލެޓެއްގެ ލިފްޓުތައް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހިޔާ ޓަވަރެއްގެ ލިފްޓު ތެރެއިން ކުޑަކުދިންތަކެއް ފައިބައިގެން ދިޔައީ ރޮމުންނެވެ. އެ ކުދިންގެ މޫނުމަތިން ފެނުނީ ހާސްކަމާއި ކަންބޮޑުވުމެވެ. އެ ކުދިންނާއެކު ފޭބި މެދު އުމުރުގެ ފިރިހެނަކާއި އަންހެނެއްގެ މޫނުން ވެސް ފެނުނީ ނުތަނަވަސްވެރިކަމުގެ ކުލަވަރެވެ.

ލިފްޓު ހުއްޓުމަކީ ރާއްޖޭގައި އެހާ އާއްމު ކަމެއް ނޫނެވެ. ލިފްޓެއް ހުއްޓިގެން ނުރައްކާތެރި ހާދިސާއެއް ހިނގައިފައިވަނީ މަދު ހާލަތެއްގައެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި 100،000 ލިފްޓު ހުންނަ ސިޓީއެއްގައި ހުއްޓުމުގެ ފުރުސަތު އޮންނާނީ އެންމެ ލިފްޓެކެވެ. އެއީ އެހާ ވެސް ނާދިރު ކަމެކެވެ.

ހިޔާ ޓަވަރުތަކުގައި މީހުން އާބާދުވާން ފަށައި އަދި މާ ގިނަ ދުވަހެއް ނުވެއެވެ. އެތަނުގެ ރަށްވެހީން ފްލެޓަށް ބަދަލުވީ ގިނަގުނަ ހުވަފެންތަކެއް ދެކެމުންނެވެ. އެތައް އުއްމީދުތަކަކާއެކުގައެވެ.

"ސަން"ގެ ނޫސްވެރިން ހިޔާ ފްލެޓު ސަރަހައްދަށް ގޮސް އެތަނުގެ ރަށްވެހިންނާ ވާހަކަ ދައްކާލުމުން އަޑު އިވުނު އެންމެ ބޮޑު ޝަކުވާއަކީ އެތަނުގައި ހުންނަ ލިފްޓުތައް ހުއްޓޭ މައްސަލައެވެ. އެކަމުގެ ސަބަބުން އޭގެ ތެރެއިން ބައެއް މީހުންނަށް ވަނީ ނަފްސާނީ ގޮތުން ވެސް އަސަރު ކޮށްފައެވެ.

މީހުން އުފުލާ ލިފްޓުތަކަށް މުދާ އަރުވާ!

ހިޔާގެ އެޗް7 ޓަވަރުގައި ދިރިއުޅޭ އާދަމް މުހައްމަދު (އަސްލު ނަމެއް ނޫން) "ސަން"އަށް މައުލޫމާތު ދެމުން ބުނީ އެތައް ފަހަރަކު މީހުން އުފުލާ ލިފްޓުތަކަށް މުދާ އަރުވާ މަންޒަރު ފެނިފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް އެ މީހުން ގާތު އޭނާ އެެދޭކަމުގައި އާދަމް ކިޔައިދިނެވެ.

ހިޔާ ފްލެޓުތަކުގެ އިމާރާތްތަކުގައި ހަތަރު ލިފްޓް ހުންނައިރު އަނެއްބައި އިމާރާތްތަކުގައި ހުންނަނީ ތިން ލިފްޓެވެ. ނަމަވެސް އެ އުސޫލުތަކަށް އަމަލުނުކޮށް ހުރިހާ ލިފްޓަކަށް ވެސް މުދާ އަރުވައެވެ.

"އެތާ ތިބި ބަންގްލަދޭޝް މީހުން ގާތު އަޅުގަނޑު ބުނިން ތިއީ މަނާ ކަމެއް ނޫންހޭ. ނާރުވާށޭ ތި އެއްޗެހި. އޭރުން މައްސަލައޭ ޖެހޭނީ. ބުނީމަ ބުނީ ކަލެއަކަށް ނޭނގޭނެއޭ،" އާދަމް ކިޔައިދިނެވެ.

ހިޔާ ފްލެޓުން ވާހަކަ ދެއްކި ގިނަ ރަށްވެހިން ބުނީ މުދާ އަރުވާތީ ވަރަށް އުނދަގޫ ވާ ކަމަށެވެ. އަދި އެކަން މޮނިޓާ ކުރާނެ ބަޔަކު ނެތުމުން އެތަނުގައި ހަމައެއް ލަމައެއް ނޯންނަ ކަމަށް ގިނަ މީހުން ބުނެއެވެ.

"ބައެއް ފަހަރަށް ސިމެންތި ބަސްތާ ވެސް އަރުވާނެ ލިފްޓަށް. ދެން މުޅި ލިފްޓު ތެރޭގައި އޮންނާނީ ހިރަފުސް. އެހެންވީމަ ބަލި ވެސް ވާނެއެއްނު ކުޑަކުދިން ގޮވައިިގެން އުޅޭއިރު،" ހިޔާ ފްލެޓުގައި ދިރިއުޅޭ އަންހެނަކު ބުންޏެވެ.

ލިފްޓު ހުއްޓި ބިރުވެރިކަން ބޮޑު، ބައެއް ފަހަރަށް އެތައް އިރެއްވޭ!

ކުޑަކުދިންތަކަކާއެކު ދެ މީހަކު ލިފްޓުގައި ތާށިވެ ގާތްގަނޑަކަށް 15 މިނެޓު ވިއެވެ. އެމީހުންނާ ހަވާލާދީ ހިޔާގައި އުޅޭ މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި އެއީ ބިރުވެރި ތަޖުރިބާއެކެވެ.

"ކުއްލިއަކަށް ހަމަ ލިފްޓު ހުއްޓުނީއޭ ބުނީ. ހުއްޓިފައި ގާތްގަނޑަކަށް 15 މިނެޓު ވަންދެން ހުރި. ދެން ކުއްލިއަކަށް ލިފްޓު ތިރިއަށް ޑްރޮޕްވީ. ޑްރޮޕްވެފައި ގްރައުންޑަށް ހުޅުވިއްޖެ،" އޭނާ ކިޔައިދިނެެވެ.

ލިފްޓު ހުއްޓިއްޖެނަމަ، ނުވަތަ އެހެން ވެސް މައްސަލައެއް ދިމާވެއްޖެނަމަ ގުޅަންޖެހޭ ދެ ނަންބަރެއް ލިފްޓުތެރޭގައި ޖަހައިފައިވެއެވެ. އެއީ ހިޔާ ފްލެޓުތަކުގެ ބެލެނިވެރި ފަރާތް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަންގެ ނަންބަރަކާއި އެ ލިފްޓުތައް ބަލަހައްޓާ ކޮންޓެކް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރެކެވެ.

"ދެ ނަންބަރު ޖަހާފައި އިނދޭ. އެކަމަކު ލިފްޓަށް އެރީމަ ރޭންޖެއް ނުލިބޭ. ދެން ހުއްޓުނަސް، މަރުވިޔަސް ކިހިނެއް ގުޅާނީ،" ހިޔާ ފްލެޓުގައި އުޅޭ މީހަކު ބުންޏެވެ.

ހިޔާގެ ލިފްޓަކުން ބަޔަކު ފައިބަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދާދި މިދާކަށްދުވަހު ހިޔާގެ ޓަވަރެއްގެ ލިފްޓު ތެރޭގައި ބަޔަކު ތާށިވެގެން އުޅޭ ވީޑިއޯއެއް މީސްމީޑިއާގައި އާއްމުވިއެވެ. އެ ވީޑިއޯ ކުރި މީހާ ބުނާ ގޮތުންނަމަ އެ މީހުން އެތަނުގެ ތެރޭގައި ތާށިވެފައި 20 މިނެޓަށްވުރެ ގިނައިރު އޭރު ވެސް ވެއްޖެއެވެ.

ހަތަރު ފިރިހެނުންނާއި އެއް އަންހެނަކު އެޗް10ގެ އެ ލިފްޓު ތެރޭގައި ތާށިވެފައި ތިއްބެވެ.

ހިޔާގެ ރަށްވެހިން ކިޔައިދިން ގޮތުގައި ބައެއް ފަހަރަށް ދާންޖެހޭ ބުރިއަށް ދިއުމަށްފަހު ދޮރު ނުހުޅުވުމުގެ މައްސަލަ ކުރިމަތިވެއެވެ. އަދި ދޮރު ނުހުޅުވި އިރުކޮޅަކު ހުރުމަށްފަހު އަމިއްލައަށް ލިފްޓު މަސައްކަތް ކުރަން ފަށާ، އެހެން ބުރިއަކަށް ގޮސް ދޮރު ހުޅުވެެއެވެ.

އެފަދަ ހާލަތްތަކުގައި ލިފްޓުގެ ދޮރު ހުޅުވުނު ކަމުގައި ވިޔަސް ލިފްޓުތައް މުޅިން ހުއްޓޭ ހާލަތް ވެސް އާދެއެވެ. އެފަދަ ހާލަތްތަކުގައި ލިފްޓު ހުޅުވެނީ އެތައް އިރަކުންނެވެ.

"މީހަކު ބިރުން ގޮސް ހަލާކު ވެދާނެއެއްނު މިކަހަލަ ކަންކަން ވަންޏާ،" ހިޔާއަށް ބަދަލުވީތާ ހަފްތާއެއްހާ ދުވަސްވީ މީހަކު ބުންޏެވެ.

ލިފްޓުތައް ކައިރީ ތޮއްޖެހޭ މައްސަލަ ބޮޑު، ރޭގަނޑަށް އަލިކަމެއް ނުހުރޭ!

ހިޔާގެ ބައެއް ޓަވަރުތަކުގައި ލިފްޓު މައްސަލަ ޖެހުމުގެ ސަބަބުން ބޭނުން ކުރެވެނީ އެންމެ ލިފްޓެކެވެ. އެހެންކަމުން އެ ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް ލިފްޓަށް ދިގު އިންތިޒާރެއް ކުރަން ޖެހެއެވެ.

ހިޔާގައި ދިރިއުޅޭ މީހަކު ބުނީ އޮފީހަށް ދާ ވަގުތުތަކުގައި އަދި ސުކޫލަށް ކުދިން ގޮސް އަންނަ ވަގުތުތަކުގައި ލިފްޓުތައް ކައިރީ ތޮއްޖެހޭ ކަމަށެވެ. އަދި ހަފްތާ ބަންދު ދުވަސްތަކުގެ ހަވީރު ވަގުތު އެތަން އޮންނަނީ ފުރިފައި ކަމަށް އޭނާ ކިޔައިދިނެވެ.

ލިފްޓުތައް ކައިރީގައި ތޮއްޖެހޭ މައްސަލަ ލިފްޓް ކައިރި ތޮއްޖެހުމުގެ މައްސަލަ އެޗްޑީސީގެ ސަމާލުކަމަށް ވެސް ވަނީ އައިސްފައެވެ. އަދި އެކަން ހައްލުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން މިހާރު އަންނަނީ ކުރަމުންނެވެ.

އެޗްޑީސީ އިން ބުނީ އެ މަސައްކަތް ކުރަނީ އެ ކުންފުނީގެ ފެސިލިޓީސް މެނޭޖުމެންޓު ޓީމުން ކަމަށެވެ. އަދި ހިޔާގެ ލޮބީ ސަރަހައްދުގައި ގިނަ މީހުންނަށް އެއްފަހަރާ ތިބެވޭނެހެން ޑިޒައިނަށް ބަދަލުތައް ގެންނަން ވެސް ވަނީ ފަށައިފައެވެ.

ހިޔާ ފްލެޓުގައި ދިރިއުޅޭ މީހަކު ކިޔައިދިން ގޮތުގައި ރޭގަނޑުގެ ވަގުތުތަކުގައި އެތަނުގައި އަލިކަމެއް ނުހުރެއެވެ. އަދި އެކަމުގެ ސަބަބުން ބައެއް ފަހަރަށް "އެކްސިޑެންޓް"ތައް ހިނގާކަމަށް އޭނާ ކިޔައިދިނެވެ.

"ބައިވަރު މުދާ ވެސް އެތަނުގައި ހުރޭ ބަހައްޓާފަ. ކުރިން ރެޔަކު ވެސް އަޅުގަނޑު ދުށިން އެތަނުގައި ހުރި ސިމެންތި ބަސްތާތަކެއްގައި ކުޑަ ކުއްޖަކު ގޮސް ޖެހުނުތަން،" އޭނާ ކިޔައިދިނެވެ.

ބައެއް ލިފްޓުތައް ބަންދު، ލިފްޓަށް ކުރަން ޖެހޭ އިންތިޒާރު ދިގުވާނެ

މީގެ ދެ މަސް ކުރިން ހިޔާ ފްލެޓަށް ބަދަލުވި އަހްމަދު އަލީއަށް މީގެ ކުރިން ލިފްޓަށް މާ ދިގު އިންތިޒާރެއް ކުރާކަށް ނުޖެހެއެވެ. އޮފީހަށް ދާ ވަގުތު ވެސް ދަރިފުޅު ސުކޫލަށް ލާން ދާ ވަގުތު ވެސް އޭނާއަށް މަޑުކޮށްލަން ޖެހެނީ ގާތްގަނޑަކަށް ދެތިން މިނެޓެކެވެ.

އެގޮތުގައި އުޅެމުންދަނިކޮށް އެ ޓަވަރުގައި ހުންނަ އެއް ލިފްޓު ހަލާކުވިއެވެ. އެ ހިސާބުން ލިފްޓު އަންނަންދެން އޭނާއަށް ކުރަންޖެހޭ އިންތިޒާރު ދެގުނަ ވިއެވެ.

"މިހާރު ތިން ހަފްތާވެދާނެ ޔަގީނުން ވެސް ލިފްޓު ހަލާކުވެފައި ހުންނަތާ. ބައެއް ފަހަރަށް އެބަޖެހޭ 10 ނޫނީ 15 މިނެޓު ވެސް ލިފްޓު އަންނަންދެން މަޑުކުރަން،" އަހްމަދު ކިޔައިދިނެވެ.

ހިޔާ ފްލެޓްތަކުގެ ލިފްޓަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް، ތިން ޓަވަރެއްގެ ލިފްޓުގެ ހިދުމަތް އިއްޔެ ވަނީ މެދުކަނޑައިލައިފައެވެ.

އެޗްޑީސީން ބުނީ މަރާމާތަށް ފުރަތަމަ މެދުކަނޑައިލަން ނިންމައިފައިވަނީ އެޗް8 ޓަވަރުގެ ހަތަރު ވަނަލިފްޓާއި އެޗް9 ޓަވަރުގެ ދެ ވަނަ ލިފްޓުގެ އިތުރުން އެޗް12 ޓަވަރުގެ ދެވަނަ ލިފްޓު ކަމަށެވެ.

މި ތިން ލިފްޓު ބަންދުކުރަން ނިންމައިފައިވަނީ އެއް ހަފްތާގެ މުއްދަތަކަށެވެ.

އެޗްޑީސީން ބުނީ މަރާމާތަށް ބޭނުންވާ ސްޕެއާ ޕާޓްސް ލިބުމާއެކު، ހަފްތާއެއްގެ ތެރޭގައި މި ލިފްޓުތަކުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ހަމައެހެންމެ ލިފްޓު ބަންދު ކުރުމާ ގުޅިގެން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެޗްޑީސީން ވަނީ މައާފަށް އެދިފައެވެ.

ލިފްޓުތައް ބަންދުކުރުމުން ގައިމުވެސް ގިނަ ވަގުތުތަކެއް ވަންދެން ލިފްޓަށް އިންތިޒާރު ކުރަން ޖެހޭނެއެވެ.

ކުޑަކުޑަ ކަމެއް ނޫން، ނުރައްކާތެރި ހާދިސާއެއް ހިނގާފާނެކަމުގެ ބިރު އެބައޮތް!

ހިޔާ ފްލެޓު ސަރަހައްދުން ވާހަކަ ދެއްކި ގިނަ މީހުން މިކަމާ ތިބީ ވަރަށް ކަންބޮޑުވެފައެވެ. އަދި ބައެއް މީހުން ތިބީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެ މީހުންނަކީ ލިފްޓު ތާށިވެ އެކަމުގެ ތަޖުރިބާ ކުރި މީހުންނެވެ.

"އަޅުގަނޑު މިހާރު ބިރުވެސް ގަނޭ ލިފްޓަށް އަރަން. އެކަމަކު 17ވަނަ ބުރީގަ މިއުޅެނީ. ނާރާ ވެސް ކީއްކުރާނީ،" ހިޔާގައި އުޅޭ އަންހެނަކު ބުންޏެވެ.

ލިފްޓު ހުއްޓިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިތާމަވެރި އެތައް ހާދިސާއެއް ހިނގައިފައި އެބަހުއްޓެވެ.

އެމެރިކާގެ ބިއުރޯ އޮފް ލޭބާ ސްޓެޓިސްޓިކްސްއިން ލަފާކުރާ ގޮތުގައި، ލިފްޓު ތެރޭގައި ތާށިވުން ފަދަ ހާދިސާތަކުގައި އެ ގައުމުގައި އަހަރަކު ގާތްގަނޑަކަށް 30 މީހުން މަރުވެ 17،000އެއްހާ މީހުންނަށް ބޮޑެތި ޒަހަމްތައް ލިބެއެވެ.

މިއީ ކުޑަކުޑަ ކަމެއްގެ ގޮތުގައި ދެކި އަޅައިނުލައި ތިބެވޭވަރަށްވުރެ ބޮޑު ކަމެކެވެ. މިކަން ހައްލު ނުވާކަމުގައި ވަނީނަމަ ނުރައްކާތެރި ހާދިސާއެއް ހިނގާފާނެކަމުގެ ބިރު އެބައޮތެވެ. ހިޔާގެ ރަށްވެހިން މިއަދު ތިބީ އެ ބިރުވެރިކަމުގެ ތެރޭގައެެވެ.

comment ކޮމެންޓް