ގެއްލުނު ފަތުރުވެރިޔާ ކަނޑުގެ 15 މީޓަރު އަޑިން ނަގައިފި

ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ސިފައިން ކުރަނީ-- ފޮޓޯ: އެމްއެންޑީއެފް

އދ. މަންދޫ ކައިރިއަށް އިއްޔެ ޑައިވިންއަށް ފޭބި ފަތުރުވެރިންގެ ތެރެއިން ގެއްލިގެން ހޯދަމުން އައި މީހާ މަރުވެފައި އޮއްވައި ކަނޑުއަޑިން މިއަދު ނަގައިފިއެވެ.

އިއްޔެ މެންދުރުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔައީ އުމުރުން 69 އަހަރުގެ އިނގިރޭސިވިލާތުގެ އަންހެނެކެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ އެ ފަތުރުވެރިޔާގެ ހަށިގަނޑު މިއަދު 15:10 ގައި ކޯސްޓްގާޑްގެ ޑައިވަރުން ވަނީ ކަނޑުގެ 15 މީޓަރު އަޑިން ހޯދުމަށްފަހު ނަގާފައި ކަމަށެވެ.

އެ ފަތުރުވެރިޔާ ޑައިވިންއަށް ދިޔައީ މަންދޫ ކައިރީ އޮތް ފަރަކަށް, "ގޮމަ" ނަމަކަށް ކިޔާ ދޯންޏެއްގައެވެ. އޭނައާ އެކު އިތުރު ފަތުރުވެރިންތަކެއް ވެސް ޑައިވިންއަށް ފޭބި ނަމަވެސް ގެއްލުނީ އެމީހާ އެކަންޏެވެ.

އެ ފަތުރުވެރިޔާ މަރުވެފައި އޮއްވައި ފެނިފައި މިވަނީ އޭނާ ހޯދުމަށް ކަނޑުއަޑިންނާއި މަތިން ކުރި މަސައްކަތްތަކުގެ ތެރެއިންނެވެ.

މިފަހުން ބޯވަ ނަގަން ގޮސް އުޅުނު ދިވެއްސަކާއި ކަނޑުވި ދޯންޏެއްގެ ކެޕްޓަން ވެސް ކަނޑަށް ގެއްލުނެވެ. އެ ދެ މީހުން ހޯދަން ވެސް ގިނަ މަސައްކަތްތަކެއް ސިފައިން ކުރިއިރު މިހާތަނަށް ފެނިފައެއް ނުވެއެވެ.

comment ކޮމެންޓް