ވައުދު ފުއްދަން އެނގެނީ ޕީޕީއެމަށް އެކަނި، އެމްޑީޕީއަށް އެނގެނީ ޕާޓީކުރަން: ޖަމީލް

ސެޕްޓެމްބަރ 3، 2021: އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކާނިވާ ސަރަހައްދުގައި ބޭއްވި "އައްޑަނަ" ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

ވައުދު ފުއްދަން އެނގޭ ހަމައެކަނި ޕާޓީއަކީ އިދިކޮޅު ޕީޕީއެމް ކަމަށާއި ވެރިކަން ކުރާ އެމްޑީޕީއަށް އެނގެނީ ޕާޓީ ކުރަން އެކަނި ކަމަށް ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވަކީލުންގެ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޖެންޑާ19ގެ ނަމުގައި އެމްޑީޕީން ރައްޔިތުންނަށް އޮޅުވައިލައިފައިވާ ކަމަށެވެ.

އެމްޑީޕީން މުޅިން ވެސް ކަންކަން ކުރަމުން ދަނީ ވެފައިވާ ވައުދުތަކާ ހިލާފަށް ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަވަމުން ޖަމީލް އިތުރަށް ވިދާޅުވީ ޝަރުއީ ނިޒާމު މިނިވަން ކުރާނެ ކަމަށް އެމްޑީޕީން ބުނިނަމަވެސް ޝަރުއީ ނިޒާމު އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މުށުގެ ތެރޭގައި ކަމަށެވެ.

މީގެ އިތުރުން "މަސްވެރިންނަށް ހަމައަގު ހޯދައިދޭން މަސައްކަތް ކޮށްކޮށް ކަނޑުވެފައިވާ" ކަމަށާއި "ސިއްހީ ނިޒާމް އެމްބިއުލާންސް ދޫކޮށް ދަމާގާޑިޔަލަކަށް ބަދަލުވެފައިވާ" ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

ހަމައެއާއެކު ޕީޕީއެމް އިން ކައުންސިލްތައް ނެގުމުން އެމްޑީޕީއަށް ލާމަރުކަޒީ ނިޒާމް ހުތުރުވާނެ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް އިތުރަށް ވިދާޅުވީ ޕީޕީއެމްއަކީ ވައުދު ފުއްދާ ޕާޓީއެއް ކަމަށާއި ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ޕީޕީއެމްއަށް ދޭން ޖެހޭ ކަމަށެވެ.

"ޕީޕީއެމްއަކީ ވައުދު ފުއްދަން ދަންނަ، ބިޔަ ބޮޑެތި ތަރައްގީ ގެންނަ ހަމައެކަނި ޕާޓީ. އެމްޑީޕީއަށް އެނގެނީ ޕާޓީކުރަން. ކޮމަންޑޫ ދާއިރާގެ ގޮނޑި ޕީޕީއެމްއަށް ދިނުމަކީ ވެރިކަންކުރާ ގޭންގުގެ އަތްދަށުން ގައުމު ސަލާމާތްކުރަން ކަމަރުބަނުން،" ޖަމީލް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ޕާޓީތަކުން އަންނަނީ ފޯރީގައި ކެމްޕެއިން ކުރަމުންނެވެ. އެގޮތުން ޕީޕީއެމްގެ އިސް ލީޑަރުން ވެސް ވަނީ ކެމްޕެއިނަށް ށ. އަތޮޅަށް ވަޑައިގެންފައެވެ.

ޕީޕީއެމްގެ ފަރާތުން މި އިންތިހާބުގައި ވާދަކުރަނީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓްރު މޫސާ ފަތުހީ އާދަމެވެ.

ފަތުހީ ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގަތީ 1986 ވަނަ އަހަރު ކޮމަންޑޫ ކުޑަކަތީބު ކަމުންނެވެ. އޭނާ ވަނީ ށ. އަތޮޅު، އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމު ވެސް ފުރުއްވާފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މިނިސްޓްރީ އޮފް ޕްލޭނިން އެންޑް ޑިވެލޮޕްމެންޓުގެ ޑިރެކްޓަރުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގެ އިތުރުން ޕޮލިޓިކަލް އެސިސްޓެންޓުގެ މަގާމުވެސް އޭނާ އަދާކުރައްވާފައިވެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ށ. އަތޮޅު ކައުންސިލްގެ މެމްބަރުކަމަށް ފަތުހީ އިންތިޚާބުވެވަޑައިގަތެވެ. އަދި އޭނާ އަކީ އެ ދައުރުގައި އަތޮޅު ކައުންސިލްގެ ރައީސެެވެ.

ވިލާ ކޮލެޖުން ޝަރީއާ އެންޑް ލޯއިން ޑިގްރީ ހާސިލްކޮށްފައިވާ ފަތުހީ އަކީ އަންގިލާ ރުސްކިން ޔުނިވާސިޓީ ކޭމްބްރިޖް ކެމްޕަސްއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހައްދަވާފައިވާ ބޭފުޅެއްވެސްމެއެވެ.

ވެރިކަން ކުރާ ޕާޓީ، އެމްޑީޕީން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ ށ. ފޯކައިދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރާޝިދުއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޮމަނޑޫ ދައިރާ ތަމްސީލުކުރާ ގޮނޑި ހުސްވެފައި ވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު މި މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. ހުސައިން މަޖިލީހުގައި ހުންނެވީ އެމްޑީޕީގެ ޓިކެޓުގައެވެ.

އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ބައި އިލެކްޝަން ބާއްވާނެކަމަށް އިއުލާންކޮށްފައެވެ.

comment ކޮމެންޓް