އެމެރިކާގެ ޓެކްސަސްގެ ޔަހޫދީ ފައްޅިއެއްގައި ހަތަރު މީހުން ރަހީނުކުރި މީހާ މަރާލައިފި

ރަހީނުުން މިނިވަން ކުރުމުގެ އޮޕަރޭޝަން ކުރިޔަށްދަނީ

ޓެކްސަސް (16 ޖަނަވަރީ) : އެމެރިކާގެ ޓެކްސަސްގެ ސިޓީއެއްކަމަށްވާ ޑަލަސްގެ ކޮލީވިލް ސަރަހައްދުގައި ހުންނަ ޔަހޫދީ ފައްޅިއެއްގައި ރަހީނުކުރި ހަތަރު މީހުން މިނިވަންކޮށް ރަހީނުކުރުމުގެ އަމަލު ހިންގި މީހާ މަރާލައިފިއެވެ.

ޔަހޫދީ ފައްޅީގައި ހަތަރު މީހުން ރަހީނުކުރީ ބަޑިހިފައިގެން ހުރި މީހެކެވެ. އެމީހާވަނީ ފޭސްބުކުން ލައިވްކޮށްގެން ފައްޅީގައި ކުރިއަށް ގެންދިޔަ ޔަހޫދީ އަޅުކަމެއްގައި ތިބި ފާދިރީއަކާއި އިތުރު ތިން މީހަކު ރަހީނުކޮށްފައެވެ. މި ހަތަރު މީހުން ރަހީނުކުރީ ކޮން ސަބަބަކާ ގުޅިގެންކަން އަދި ނޭނގެއެވެ.

ނަމަވެސް ނުރަސްމީ ރިޕޯޓްތައް ބުނާގޮތުން ރަހީނުކުރި މީހާ އެދެމުންދިޔައީ އެމެރިކާއިން ދިގުމުއްދަތަކަށް ޖަލަށްލާފައިވާ ޕާކިސްތާނުގެ އަންހެން ސައިންސްވެރިއެއް ކަމުގައިވާ ޑރ. އާފިޔާ ސިއްދީގީ މިނވަން ކޮށްދިނުމަށެވެ. މިގޮތުން ރަހީނު ކުރުމުގެ އަމަލު ހިންގީ އާފިޔާގެ ތިމާގެ މީހެއްކަމާއި އޭނާ އެދެމުން ދިޔައީ އާފިޔާ މިނިވަންކޮށް ދިނުމަށްކަމަށް އެމެރިކާގެ ނިއުސް ޗެނެލްއަކުން ބުނެފައިވެއެވެ. އަދި އެމެރިކާއަކީ އަނިޔާވެރި ގައުމެއްކަމަށް އެމީހާ ބުނަމުން ގެންދިޔަ ކަމަށްވެސް އެޗެނެލް އިން ބުނެފައިވެއެވެ.

ފައްޅީގެ ކުރިމަތި

ޑރ. އާފިޔާއަކީ ޓެރަރިޒަމްގެ ތުހުމަތުގައި (އަލްގާއިދާއަށް އެހީތެރިވި ކަމުގެ ތުހުމަތުގައި) 2010 ވަނަ އަހަރު އަފްޣާނިސްތާނުގައި އެމެރިކާއިން ހައްޔަރުކުރި ޕާކިސްތާންގެ އަންހެން ސައެންޓިސްޓެކެވެ. އޭނާ ހައްޔަރުކުރުމަށްފަހު އެމެރިކާގެ ކޯޓަކުންވަނީ އަފްޣާނިސްތާނަށް އެދުވަސްވަރު އަރައިތިބި އެމެރިކާ އިސްތިއުމާރީ ސިފައިންގެ ބަޔަކަށް ހަމަލާދީ މަރާލުމުގައި އާފިޔާ ބައިވެރިވިކަމުގެ ކުށް ސާބިތުވާކަމަށް ނިންމައި 86 އަހަރުގެ ޖަލު ހުކުމެއް އާފިޔާގެ މައްޗަށް އިއްވާފައެވެ.

އެއަށްފަހު ޑރ. އާފިޔާވަނީ ޖަލަށްލާފައެވެ. ނަމަވެސް އާފިޔާގެ ހަގީގީ މައްސަލައަކީ އެމެރިކާގެ ސައެންޓިފިކް ބޮޑު ސިއްރެއް އާފިޔާއަށް އެނގިފައި އޮތުން ކަމަށާއި އާފިޔާ ހައްޔަރުކޮށް އުމުރަށް ޖަލަށްލީ އޭނާ އެސިއްރު ބޭޒާރުކޮށްފާނެކަމުގެ ބިރަށް ކަމަށް އާފިޔާގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެފައިވެއެވެ.

ޓެކްސަސްގެ ކޮލީވިލް ފުލުހުންގެ އިދާރާއިން ބުނިގޮތުގައި ޔަހޫދީ ފައްޅީގައި ހަތަރު މީހުން ރަހީނުކުރުމުގެ އަމަލު ހިންގި ސަބަބު ދެނެގަތުމުގެ ތަހްގީގުތައް ވަނީ ފަށާފައެވެ. ރަހީނުކުރުމުގެ އަމަލު ހިންގި މީހާއާ ކުރިމަތިލީ ސަލާމަތީ ބާރުތަކުގެ "ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް" ޓީމަށް ނިސްބަތްވާ ބައެކެވެ.

އެމީހުންވަނީ ރަހީނުކުރުމުގެ އަމަލު ހިންގި މީހާއާ ކުރިމަތިލައި އެމީހާ މަރާލުމަށްފަހު، ރަހީނުވި ހަތަރު މީހުން މިނިވަންކުރުމުގައި ކާމިޔާބު ހޯދާފައެވެ. މިއާއެކު ޓެކްސަސްގެ ގަވަރުނަރު ގްރްގް އަބޫޓް ވަނީ ފައްޅީގައި ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަން ނިމުމަކަށް އައިސްފައިވާ ކަމަށް ވިދާޅުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު