ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިވުމާ ދެކޮޅަށް މުޒާހަރާއެއް

އިސްރާއިލުން ފަލަސްތީނުގެ ބިންތަކުގައި ގަވާއިދާ ހިލާފަށް ޔަހޫދީން ވަޒަންވެރި ކުރުމާ ދެކޮޅަށް ހުޅަނގު އައްސޭރީގައި މީގެ ކުރިން ބޭއްވި މުޒާހަރާއެއް -- ފޮޓޯ: ރޮއިޓާސް

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިވުމާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ފަލަސްތީނުގެ އާންމުންނަށް އަނިޔާވެއްޖެއެވެ.

ފަލަސްތީނުގެ ރައްޔިތުން ކުރާ މުޒާހަރާގައި އިޒްރޭލުގެ ސިފައިންނާ ދެކޮޅަށް އަންނަނީ ގާ އުކަމުންނެވެ. ބަދަލުގައި އިޒްރޭލުން ދަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ކަރުނަ ގޭސް ޖަހައި، ރަބަރު އުންޑައިން ހަމަލާ ދެމުންނެވެ.

މި ހަމަނުޖެހުމުގައި ފަލަސްތީނުގެ އާންމުންގެ 15 މީހަކަށް ވަނީ އަނިޔާވެފައެވެ.

ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގު ލިބިގެންވާ ކަމަށާއި 1967 ވަނަ އަހަރު ކަނޑައެޅި ބޯޑަރުތަކާ އެއްގޮތަށް ފަލަސްތީން ދައުލަތެއް ގާއިމު ކުރުމާއި އަމިއްލައަށް ގޮތް ނިންމުމުގެ ހައްގު ލިބިގެންވާ ކަމަށް ބުނެފައެވެ.

އިޒްރޭލުން ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް ހިސޯރުކޮށްފައެވެ. 1967 ވަނަ އަހަރު ހިނގި މެދުއިރުމަތީގެ ހަނގުރާމައަށްފަހު ފަލަސްތީނުން އަންނަނީ އެ ބިންތަކުގެ މިލްކުވެރިކަން ހޯދުމަށް މަސައްކަތްތައް ކުރަމުންނެވެ.

ނަވާރަސަތޭކަ ސާޅީހުގެ އަހަރުތަކުގައި ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފެއްދި އިރު، ފަލަސްތީނަށް ދިނީ ހުޅަނގު އައްސޭރިއާއި ޣައްޒާއެވެ. ގުދުސް ނުވަތަ ޖެރޫސަލެމް ސިޓީ ދެބައިކޮށް، ދެގައުމަށް ވެސް އެ ސިޓީގެ ބައެއް ދެވުނެވެ. އިސްރާއީލަށް ހުޅަނގު ގުދުސް ދިން އިރު، ފަލަސްތީނަށް ލިބުނީ އިރުމަތީ ގުދުސްއެވެ.

އޭގެ ފަހުން، 1960ގެ އަހަރުތަކުގައި އަރަބި އިސްރާއީލީ ހަނގުރާމައިގެ ތެރެއިން، އިސްރާއީލުން ވަނީ އިރުމަތީ ގުދުސް އަދި ހުޅަނގު އައްސޭރީގެ ބޮޑު ބައެއްވެސް ހިފައިފައެވެ.

comment ކޮމެންޓް