ރާނީ އެލިޒަބެތުގެ އަރިހުން އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން މައާފަށް އެދެފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން--

ޕްރިންސް ފިލިޕް ފަސްދާނުވެޑުވުމުގެ އެއް ދުވަސް ކުރިން އިނގިރޭސި ބޮޑުވަޒީރުގެ އޮފީސް، ޑައުނިން ސްޓްރީޓް ނަންބަރު 10 ގައި ޕާޓީއެއް ބޭއްވިކަން ހާމަވެއްޖެއެވެ.

އިނގިރޭސި ރާނީ އެލިޒަބެތުގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވެ، ފަސްދާނުވެޑުވީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ވިންޑްސޯ ކާސަލްގައި ހުންނަ ސެއިންޓް ޖޯޖު ޗެޕަލްގައެވެ.

ނަމަވެސް، 16 އޭޕްރީލުގައި އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުގެ މުވައްޒިފުން ހިމެނޭހެން ޕާޓީއެއް ވަނީ ބާއްވާފައެވެ. މި ޕާޓީގައި 30 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، ރާބުއިމާއި، ކޮވިޑު އުސޫލުތަކާ ޚިލާފު އެތައް ކަމެއް އެ ޕާޓީގައި ވަނީ ކޮށްފައެވެ.

މި މައްސަލަ ފެންމަތިވުމާ ގުޅިގެން އެ އޮފީހުން ވަނީ ރާނީ އެލިޒަބެތުގެ އަރިހުން މައާފަށް އެދިފަައެވެ.

"މުޅި ގައުމު ހިތާމައިގައި އޮތް އެ ދަނޑިވަޅުގައި މި އޮފީހުން ޕާޓީއެއް ބާއްވާފައިވާތީ ރާނީ އެލިޒަބެތުގެ އަރިހުން މައާފަށް އެދެން،" ބޮޑުވަޒީރުގެ އޮފީހުގެ ތަރުޖަމާނު ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގައި މިދިޔަ އަހަރުގެ އޭޕްރިލް މަހުގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ގިނަ ފިޔަވަޅުތައް އޮތީ އަޅާފައެވެ. އެގޮތުން ޕްރިންސް ފިލިޕް ފަސްދާނުވެޑުވުމުގެ ރަސްމިއްޔާތަށްވެސް ހާޒިރުވެވޭނީ އެންމެ 30 ބޭފުޅުންނަށް ކަމަށް އެ ގައުމުގެ ސަރުކާރުން އެންގިއެވެ.

އެ ރަސްމިއްޔާތުގައި ރާނީ އެލިޒަބެތުވެސް ހުންނަވަން ޖެހުނީ ގިނިކަންޏާއެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވަމުން އަންނައިރު، މި މައްސަލައިގެ ސަބަބުން އެ ގައުމުގެ ސިޔާސީ މަސްރަހު އަންނަނީ އިތުރަށް ހޫނުވަމުންނެވެ.

ދެހާސް ވިހި ވަނަ އަހަރުގެ ލޮކްޑައުންގެ ތެރޭގައި ބޮރިސް ޖޯންސަން ހިމެނޭހެން އޭނާގެ އޮފީހުގައި ބަގީޗާ ޕާޓީއެއް ބޭއްވި މައްސަލައެއް ފެންމަތިވެ، އާންމުންގެ އަރިހުން ބޮރިސް ވަނީ މައާފަށްވެސް އެދިވަޑައިގަންނަވާފައެވެ.

އާންމު ރައްޔިތުންނަށް އެކަނި އުސޫލުތައް ހަދާފައި، އެ އުސޫލުތައް ހަދާ މީހުން ޕާޓީކުރުމުގައި އުޅޭތީ އެ ގައުމުގެ އިދިކޮޅުން ވަނީ ބޮރިސްގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ. ބޮރިސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ބައެއް މެމްބަރުންވެސް ވަނީ އޭނާގެ އަމަލުތައް ކުށްވެރިކޮށްފައެވެ.

ބޮރިސްގެ ސިޔާސީ ހަޔާތުގެ ކުރިމަގާމެދު ސުވާލު އުފެދިފައިވާއިރު، މި އަހަރުގެ މެއި މަހުގެ ތެރޭގައި އެ ގައުމުގެ އާންމު އިންތިޚާބެއް އޮންނާނެއެވެ.

comment ކޮމެންޓް