"މި ފަނާވަނިވި ދުނިޔޭގައި ތިބާއަކީ ދަތުރުވެރިއެއް ނޫނީ ބީރައްޓެއްސެއްކަމުގައި ވާށެވެ."

***

ނޯރާ އެ މުށިކުލައިގެ ޕެކެޖުން ކަރުދާހެއް ނަގާފައި ބަލައިލުމާއެކު ނޭވާވެސް ހުއްޓުނުހެން ހީވިއެވެ. ދެފައިކޮޅުން ވާގި ހުސްވުމާއެކު ފާރަށް ލެނގިލެވިއްޖެއެވެ.

"ތިއީ ކޯނޗެއްތަ؟ ހޮސްޕިޓަލުންތަ؟" އާވާ ޝައުގުވެރިކަމައެކު އަހައިލަމުން ނޯރާގެ ކޮނޑުމަތިން ބޯ ދިއްކޮށްލީ ނޯރާއަށް އެހާވަރުގެ ޝޮކެއް ލިބުނީ ކީއްވެކަން އޮޅުން ފިލުވުމަށެވެ.

"އަހަރެންގެ ބައްޕަގެ މެޑިކަލް ރިޕޯޓުން ކީއްކުރަނީ" އާވާއަށް އެ ކަރުދާހުގައިވާ ބައްޕަގެ ނަން ލޮލުގައި އަޅައިގަތެވެ. ދެން ބާކީ ހުރި މެޑިކަލް ޓާމްސްތަކާއި ނަމްބަރުތަކުން އާވާއަށް އެކައްޗެއްވެސް އޮޅުމެއް ނުފިލިއެވެ.

"މިއީ ޑީއެންއޭ ރިޒަލްޓްސް....." ނޯރާ ލަސްލަހުން ބުނެލިއިރު އޭނަގެ ހިތްވެސް މޭ ފަޅާލާފައި ނިކުމެދާނެހެން ހިވިއެވެ. "

ނުވަދިހަ ނުވައެއް ޕޮއިންޓް ނުވަ ޕަސެންޓް؟"އާވާ ބުނެލިއެވެ. ޑީއެންއޭ ޓެސްޓެއް އެވަރަށް އިނިއްޔާ އެ ޕޮޒިޓިވްކަން އާވާވެސް ދަނެއެވެ.

"ކާކުގެތަ؟"

"ކައިލް......" ނޯރާ އާވާގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ."ކައިލްއަކީ އާވާގެ ބޭބެ...."

"ތިބުނީ ކީކޭ ނޯރާ؟"އާވާއަށް އަހައިލެވުނެވެ.

"އޯ މައިގޯޑް."ނޯރާ ލޯ ބޮޑުކޮށްލަމުން ބުނެލިއެވެ.

"ބުނެބަލަ ނޯރާ. ވަޓް އިޒް އިޓް؟" އާވާގެ ހިތަށް ފާޑެއްގެ ބިރުވެރިކަމެއް ފޭދިގެން ދިޔައެވެ.

"ކައިލް އަހަރެން ގާތު އެދުނީ ޗެކްކުރަން. އޭނަ އާވާގެ ބައްޕަގެ ސިގްރެޓްވެސްދިނީ."ނޯރާ އެތައް ފަހަރު އެ ރިޕޯޓް ކިއެވެ."ކައިލް މެންޓަލީ މައްސަލައެއްނެތް އަދި ސްކިޒްފްރީނިއާއެއްވެސް ނެތް. އޭނަގެ މަންމަގެ ގަތުލާއިމެދު ރަގަޅަށް އެބުނަނީ. މި ޑީއެންއޭ ރިޒަލްޓްއިން އެކަން ޔަގީންވެއްޖެ. އޭނަގެ މުޅި ވާހަކަ މާނަވީ އެއްޗަކަށް ވެއްޖެ. މީގެ ސަބަބުން ކައިލް ވިންޓަފެލްއާއި ކަނެކްޓްވެއްޖެ..."

ޝޮކެއްގައި ހުރި އާވާއަށް ނޯރާ ކިޔައިދިނެވެ. އަވަސްވެފައިވާ ހިތަކާއެކު އާވާއަށް އިށީދެވުނީ ނޯރާގެ އެނދުގައެވެ. އޭނަގެ ނިތްކުރިން ފިނި ދަލެއްވެސް ހިއްލާލައިފިއެވެ. ކައިލްއާއި ދިމާވާ ކޮންމެފަހަރަކު ތަފާތު ވައްތަރެއްގެ "ވައިބް"އެއް އިހުސާސްކުރެވުނު ސަބަބަކީ އެއީއެވެ. އޭނައަކީ މުޅިން ބީރައްޓެއްސެއްގެ ގޮތުގައި ނުދެކެވުނެވެ. އެއީ އޭނަގެ އަޑު، ލޯ އޭނަގެ ހުރިހާކަމެއްގެ ސަބަބުންވެސް އެއީ އާއިލާކަމުގައި ހީވީއެވެ. އާވާއަށް ވިސްނުނެވެ. އޭނަ ކައިލްގެ ލޯ ދެކެ އެހާ ނަފްރަތުވެވުނީވެސް އެހެންވެއެވެ. ބައްޕަގެ ލޮލަށް ކޮންޓެކްޓް ލެންސް ލެއްވުމުގެ ކުރިން ކައިލްގެ ލޮލާއި ބައްޕަގެ ލޯ އެއްވެސް ތަފާތެއްނެތެވެ.

"އެކަމަކު. ކައިލްގެ އުމުރު ނޯރާއާއި އެއްވަރެއްނު.ނޯރާ؟ އެހެންވީމަ ކިހިނެއް އަހަރެންގެ ބޭބެއަކަށް އޭނަ ވާނީ؟ މަންމަ ކައިވެނި ކުރިއިރު ކައިލްއަށް ހަތަރުވަރަކަށް އަހަރު ވާނެއްނު...."

"ލިއާނާ އާންޓީއަކީ ކައިލްގެ މަންމައެއްނޫން. އަނާލިއާއަކީ. އަނާލިއާ މަރައިލެވުނު ސަބަބަކީ އެއީ. ވިންޓަރފެލްއާއި އޮތް ފޯލްޓީ ކަނެކްޝަނަކުން...."ނޯރާ ތަފްސީލު ކިޔައިދިނެވެ."ހައިތަމް ލިއާނާއަށްވުރެ ކުރިން ކައިވެނި ކުރީ އަނާލިއާއައި ކަމަށް ވެދާނެ. ނޫނީ ކައިވެނިން ބޭރުގައި ހިނގި ގުޅުމަކުން ދަރިއެއް ލިބުނީ. އެހެންވީމަ ހާފް ބްރަދާއަކަށް ވާނީ.....އާވާ. އަހަންނަށް ހީވާގޮތުން އާވާގެ މާމައާއި ބައްޕައަކަށްވެސް ކައިލްއަކީ ހައިތަމްގެ ދަރިއެއްކަމެއް ނެގޭ. އެމީހުންނަށް އެނގޭނަމަ އާވާއާއި ކައިވެނި ކުރުވަން ނޫޅޭނެ."

"މިކަން ކައިލްއަށް އެނގޭނެތަ؟" އާވާގެ ލޯ ކަރުނުން ފުރުނެވެ. ނޯރާ އިރުކޮޅެއްވާންދެން ވިސްނަން އިނެވެ. އަދި ލަސްލަހުން ބޯ ޖަހައިލިއެވެ.

"އަހަންނަށް ގަބޫލުކުރެވޭގޮތުގައި ކައިލްއަށް އެނގޭ. އެހެންނޫންނަމަ ޑީއެންއޭ ޓެސްޓެއް ހަދަން އެދުނީ ކީއްވެތަ؟ ޔަގީނެއްނޫން ކައިލްއަށް އެނގުނީ ކިހިނެއް ކޮންއިރަކުކަމެއް އެކަމަކު މާ ކުރިންވެސް އެކަން ވިސްނައިގަތްހެން ހީވޭ...."

"އާނ. އޭނަ ކޮންމެހެން އަހަންނާއި ކައިވެނި ކުރާކަށްވެސް ނޫން އުޅުނީ. އޭނަ ކައިވެނިކުރަން އެއްބަސްވީ ވިޔަފާރި އޭނަގެ ބާރުގެ ދަށަށް ގެންނަން."އާވާ ބުނެލިއެވެ. ނޯރާ އާވާގެ ގާތުގައި އިށީދެ އާވާގެ ކޮނޑުގައި އަތް ބާއްވާލަމުން ގަޔާއި ކައިރިކޮށްލިއެވެ.

"ދެރަނުވޭ އާވާ. އަދިވެސް އަހަރެމެންނަކަށް ނޭގޭ އަނާލިއާ މަރައިލެވުނީ ކީއްވެކަމެއް. އަދި އެ ފެމިލީއިން ކަމެއްވެސް ޔަގީނެއްނުވޭ. އެމީހުންނަށް ކައިލްއަކީ ހައިތަމްގެ ދަރިއެއްކަން އެނގިއްޖެއްޔާ އެހާ ހަރުކަށިކޮށް ތުހުމަތުކުރާނެހެން ހިޔެއްނުވޭ. ހުރިހާކަމެއް ފަހަރެއްގައި ހަމަ ރަގަޅަށް ގޮސްދާނެ..."

"އެކަމަކު.....އެމީހުން ކައިލްގެ މަންމަހެން ކައިލް މަރައިލަން މަސައްކަތްކޮށްފިއްޔާ..." އާވާ ކުއްލިއަކަށް ސިހި ބިރުގަންނަގޮތްވެފައި އަހައިލިއެވެ.

***

ޒައިނަބު އެރޭ ގެއަށް އައިއިރުވެސް އަދިވެސް ރުޅި ފިނިވުމާއި ކައިރިއަކަށްވެސް ނުދެއެވެ. ހިނގަންވެގެން އޭނަ އަސާވެސް ބޭނުންކުރިއެވެ. މި ކާރިސާތަކުގެ ސަބަބުން އޭނަގެ ސިއްހަތަށް އަސަރުކުރުވައިފިއެވެ. ކުއްލިއަކަށް އައި މީހަކު އާއިލާއަށް މިހާ ބޮޑު ގެއްލުމެއް ދިނުމުން ނަފްރަތާއި ރުޅިވެރިކަން އަލުން ރަގަޅުނުކުރެވޭވަރަށް ގޯސްކޮށްލައިފިއެވެ.

"މި މަކަރުވެރި އަންހެނުން ހިލާހާ ރަބައެއް އަޑު އަހަން ޖެހޭ. ކައިލްގެ ވާހަކަ މި މީހުންނަށް އެނގިގެން އުޅެނީ ކިހިނެއްތަ؟" ޒައިނަބު ގޭގައި ހުންނަ އޮފީސް ކޮޓަރީގެ ލެދަރ ގޮނޑިއެއްގައި އިށީނެވެ. ދަތްތަކަށް ބާރުކޮށްލައިގެން އިންއިރު ރުޅީގެ ގަދަކަމުން މޫނަށްވެސް ރަތްކުލަވެރިވެފައި ވިއެވެ.

އޭނަގެ "އެކުވެރިން" ފަރަހައާއި ލައިލާއަށް ވިންޓަރފެލް ވިޔަފާރިއަށް ވީ ބޮޑު ގެއްލުމުގެ ޚަބަރު އަދި އެކަމުގެ ފަހަތގައިވަނީ ދާދި އަވަހަށް އެ އާއިލާގެ ދަނބިދަރިއަކަށްވާން އުޅުނު ކައިލް އިސްހާގުކަންވެސް އެނގުނެވެ. އެމީހުން ޒައިނަބުއަށް ޒިޔާރަތްކުރަން އަންނަނީ މަކަރުވެރި ހަމްދަރުދީއާއި ކިނބޫ ކަރުނައާއިގެންނެވެ. ދޮރުގައި ޓަކިދިނުމުންވެސް ޒައިނަބުއަށް އަތް މުށްކައިލެވުނީއެވެ. އޭނަގެ އުމުރުގެ އެކަމަކު ޒުވާންކަމަށް ދައްކާ ދެ އަންހެން ކަނބަލުންގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ. ތާޒާ މޭކަޕާއި އަގުބޮޑު ދަބަސްތަކާއިއެކު ހެޔޮހިތުން ތައުޒިޔާ ކިޔަން އައި ބަޔެއް ހެނެއް ހިޔެއްނުވެއެވެ.

"ޒައިނަބު. ފެތުރެމުން މިދަނީ ކޮންފަދަ ޚަބަރެއްތަ؟" މަޑު ވެލްވެޓް ސޯފާގައި ހަމަޖެހިލަމުން ފަރަހަ ސުވާލުކުރިއެވެ.

"ކައިލް އިސްހާގުއަކީ އެހާ މަކަރުވެރި ޔަހޫދީ މީހެއްކަމަށް ހީކުރާނީވެސް ކާކުތަ؟" ލައިލާ ބޯ ހޫރައިލިއެވެ.

"ކުރިއަށްއޮތް ކަމެއް ނޭގޭނެ. އަހަރެމެން މިފަދަ ހާލަތްތަކަށް ކުރިމަތިލާން ދަސްކުރަން ޖެހޭނެ. ގްރޯ އެންޑް ލާން ފްރޮމް އިޓް....." ޒައިނަބު ހޫނު ސައިތަށިން އެތިފޮދެއް ބޯލިއެވެ.

"ޒައިނަބުއަށް ޝޮކެއް ނުލިބޭތަ؟"ފަރަހަ ލޯ ބޮޑުކޮށްލިއެވެ. ޒައިނަބުގެ މޫނުމަތިން ފެންނަނީ ހިމޭންކަމާއި ހަމަޖެހިފައި އިންވަރެވެ. އެމީހުން އުއްމީދުކުރީ ޒައިނަބުގެ ފަރާތުން މި މޫނު ދެކޭކަށް ނޫނެވެ. އެމީހުންނަށް ނޭގުނީ އެހެން މީހުންގެ ކުރިމަތީގައި ބަލިކަށިކަން ދެއްކުމަށްވުރެ ޒައިނަބު އަމިއްލައަށް މަރުވުންވެސް އޭނަގެ ހަށްޓަށް ފަސޭހަވާނެކަމެވެ. ޒައިނަބު އޭނައަށް ވެވުނު ވަރަކުން ނަފުސް ހަމަޔަކަށް އަޅުވައިގެން އިނެވެ.

"ޝޮކެއްވެސް ލިބުނު އެކަމަކު އަދި ދުނިޔެ ހުސްވީއެއްނޫން...."ޒައިނަބު ފިނިގޮތަކަށް ބުނެލިއެވެ.

"އެކަމަކު....." ލައިލާ ފެށުމާއެކު ފަރަހަ ލޮލުގެ އިޝާރާތުން އިންޒާރުކުރީ އިތުރަށް ޒައިނަބުގެ ޖަޒުބާތުތަކާއި ނުކުޅުމަށެވެ. އެކަމަކުވެސް ލައިލާ ކުރިއަށް ގެންދިޔައެވެ." އެމީހެއްގެ މަރުވެފައިވާ މަންމަގެ ހަނދާނުގައި އާޓް މިއުޒިއަމްއެއް ހުޅުވި މީހަކު މިހާ ދަށް ހަރަކާތެއް ކުރާނެހެން ހީވޭތަ؟ މިއަދު ހެދުނު އެ މިއުޒިއަމް ހުޅުވީ. ވީމަ ކައިލް ޖަލަކަށް ނުލާދޯ. އޭނަގެ ކުށެއްނެތްކަމުގެ އެއްވެސް ފުރުސަތެއް އެބައޮތްތަ؟"

"އާޓް މިއުޒިއަމް؟ މިއަދު ހެދުނޭ ތިބުނީ؟" ޒައިނަބުގެ ޝައުގުވެރިކަން ދަމައިގަތެވެ. ކައިލްގެ މިހާރުގެ ހާލަތުގައި ތަނެއް ހުޅުވޭނީ ކިހިނެއް ހެއްޔެވެ؟ އޭނަ ޚިޔާލުކޮށްލިއެވެ.

" އެތަން ހުޅުވުނުއިރު އަހަރެންގެ އެކުވެރިއަކު ޒިޔާރާތްކުރި. އޭނަ އެތަނުން ކައިލް ނުދެކޭ. ކުރިން އެތަން ހުޅުވުމުގެ ތާރީޚާއި ކަންތައް ހަމަޖައްސާފައި އޮތީކަން ނޭގޭ. އޭނަގެ މަންމަގެ ނަމުގައި އެތަން ހުޅުވީ. އެމަންމަގެ ހަނދާނުގައި ކަހަލަގޮތަކަށް. އޭނަގެ މަންމަ ނިޔާވީ ވަރަށް ފަހުން ހެން ހީވޭ......" ލައިލާގެ މައުލޫމާތުން ޒައިނަބު ޝައުގުވެރިވިހެން ހީވުމުން ފަރަހަވެސް އޭނައަށް އެނގުނު އެއްޗެއް ބުނެދިނެވެ." އަދި އޭނަ ލޮލުގެ ފެނުމަށް މައްސަލަ ޖެހިފައިވާ މީހުންނަށްޓަކާ ބޮޑު ސަދަގާތުގެ އޯގަނައިޒޭޝަނެއްވެސް ހުޅުވި. މާމަގެ ޝަރަފުގައި. މިފަދަ ޒުވާނަކު އެތައް ބަޔަކަށް އޮޅުވައިލާ އަދި އެންމެ ބޮޑު މުނާފިގަކަށް ވިކަމީ ބިރުހުރިކަމެއް......"

"ވަރަށް އުދަގޫ ދުވަހެއް. ފަރަހް ލައިލާ. މިގަޑީގައި އެހާ ޝައިތާނީ މީހެއްގެ ވާހަކަ ދައްކާހިތެއް ނެތް. ވީކަމެއް ވެއްޖެ.އެކަން ސިކުނޑިން ނެރެލާފައި ދިރިއުޅުމާއިގެން އަހަރެމެން ކުރިއަށް ދާންވީ.ތިޔަ ދެމީހުންވެސް އެގޮތަށް ހަދާނެކަމަށް އުއްމީދުކުރަން..." ޒައިނަބް އަވަހަށް ރޭގަނޑުގެ ސަލާމް ކޮށްލާފައި އެދެމީހުން ފޮނުވާލައިފިއެވެ.

އެކުވެރިން ނުކުތުމާއެކު ޒައިނަބު ސާމިރުއަށް އެންގީ ކައިލްގެ މިއުޒިއަމްއާއި ސަދަގާތުގެ ޖައްމިއްޔާގެ ލިޔުންތައް ގެނެސްދިނުމަށެވެ. ސާމިރު އެ ގެނެސްދިނުމުން ފޮތް ކިޔާ އައިނު އަޅައިގެން އެ ލިޔުންތައް ބަލަން ފެށިއެވެ. އާޓް މިއުޒިއަމްއިން އަނާލިއާގެ ނަން އަދި ކައިލްއަށް ނިސްބަތްވާ ބައެއް ސަދަގާތުގެ ޖަމއްިއްޔާތަކުން ޒާފިރާގެ ނަން ފެނުމާއެކު ހަޔާތުގައި ފުރަތަމަ ފަހަރަށް ހަގީގީ ބިރުވެރިކަން އިހުސާސްވިއެވެ. ޖާދޫއެއްގައި ޖެހިފައި އިންހެން ގުޑާވެސް ނުލާ އެއްދިމާލަށް ބަލަން އިންއިރު ބިރުވެރިކަމާއި ޝޮކް އޭނަގެ ހިތަށް ފޭދިގެންގޮސް ވަނެވެ. އަނާލިއާ ޒާފިރާ އެދެނަމަކީ ދުވަހަކުވެސް ދެން ނީވޭނެކަމަށް ނިންމި ނަން ތަކެވެ. މިލިއަން އަހަރުންވެސް މިގޮތަށް އަޑު އިވިދާނެކަމަށް އޭނަ ހީނުކުރި ނަންތަކެވެ.

"މިއީ ވާނެކަމެއްނޫން." މޫނުގެ މަސްތަކަށް އެއްވެސް ހަރަކާތެއް ނުގެނެސް މަޑުމަޑުން ތުންތަޅުވައިލެވުނެވެ. އޭނަގެ މައިދާވެސް ހަލަބޮލިވިއެވެ. އަދި އިހުސާސްވީ އޭނަގެ މުޅި ދުނިޔެ ކުނޑިކުނޑިވެގެން ފައިބަން ފެށިހެންނެވެ.

"ނޫން ނޫން ނޫން ނޫން...." މޮޔަވެފައިވާ އަންހެންހެން ޒައިނަބު ތަކުރާރުކޮށް ކިޔަމުން ދިޔައެވެ.

***

ހައިތަމްގެ މީހުން ގޮސް ކައިލްއާއި އިސްހާގު ގެނައިތާ ގާތްގަނޑަކަށް ދެދުވަސްވާން އުޅެނީއެވެ. ވިންޓަރފެލް އިމާރާތެއްގެ އަޑީގައިވާ ބިންގަރާހެއްފަދަ ތަނެއްގައި އެދެމީހުން ބައިތިއްބާފައިވިއެވެ. އެތަނުން ފެންނަ މަންޒަރުތަކުން އެތަނުން އަނިޔާ ލިބުނު ފުރަތަމަ ދެމީހުންނަނީ މިއީ ނޫންކަން އެނގެއެވެ. އެތަން ހަދާފައިވަނީ މިފަދަ އަނިޔާވެރި އަމަލުތައް ހިންގުމަށެވެ. މިގޮތަށް މުއްސަދިންނޭ ކިޔާ މީހުންގެ އަތް ދަށުވެ ދުނިޔެ ދޫކޮށްފައިވަނީ ކިތައް އިންސާނުންހެއްޔެވެ؟ ނާއިންސާފުކަމާއި ނުފޫޒުގެ ބޭނުންކޮށްގެން ހިންގާ ޖަރީމާތަކުން ކިތައް މީހުންނަށް އަނިޔާ ލިބިއްޖެހެއްޔެވެ؟ އެއް ދުވަހާއި ބައި ވެގެން ދިޔައިރު އެމީހުން ކައިލްއާއި އިސްހާގުއަށް ކާ އެއްޗެއް ނުދިންތާ ބޯނެ ފެންފޮދެއްހާ މިންވަރުންވެސް މަހުރޫމްކުރިއެވެ.

އިސްހާގު ބަދެފައި ހުރީ ދިގު ތަބަކަށެވެ.

އެމީހުން ކައިލްއަށް ކުރަމުން ދިޔަ ރަހުމެއްނެތް އަނިޔާތަކާއި ކައިލްގެ ހާލުފެނި އިސްހާގުގެ ހިތް ކުދި ކުދި އެތިކޮޅުތަކަށް ވެގެން ދިޔައެވެ. އިސްހާގުއަށްވުރެ ހާސްގުނަ ކައިލްއަށް އަނިޔާކުރިއެވެ. އިސްހާގު އާދޭސްކޮށްފައި ބުނީ ކައިލްގެ ބަދަލުގައި އޭނައަށް އަނިޔާކުރުމަށެވެ. އެކަމަކު އޭނަގެ ހަޅޭއްލެވުން އެމީހުންގެ ކަންފަތަކަށް ނުވަނެވެ. ކައިލް ގެ ދެއަތުގައި ހިލިހިލާ ޖަހާފައިވާއިރު ވަރުދެރަކަމުން ކޮޅަށް ކިރިޔާ ހުރެވެނީއެވެ.އޭނަ ހަގީގަތުގައި ދެފައި މަތީގައި އެހުރެވެނީ ހިލިހިލާތަކުގެ ބާރުގައެވެ. އެހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތެވެ. އެހުދު ގަމީސް ވީދި ލެއިން ތެމިފައިވާއިރު މޫނުމަތީގައިވެސް ލެޔެވެ. އެކުއްޖާ ނޭވާ ލާ ކަމީވެސް ކަރާމާތެކެވެ.

އެއްވެސް މީހަކު ހަމުގައި ޖެހުމުން ކެތްނުވާ ޒުވާނަކަށް މި ނުލަފާ މީހުން ތަޅާ އެހާވަރުކޮށްލީއެވެ. ހަމައެކަނި ޖިސްމާނީ ގޮތަކުންނޫނެވެ. ނަފްސާނީގޮތުންވެސް އެކަން ބޮޑު ޗެލެންޖަކަށްވާނެއެވެ.

"ކައިލް.....ކައިލް.." އެވަގުތުވެސް ކައިލްއަށް ހޭލެވުނީ އިސްހާގު ގޮވާ އަޑަށެވެ. އޭނަ ހޭވެރިކަން ނެތިދާނެތީ އިސްހާގު އޭނައަށް ގޮވަމުން ދިޔައެވެ. ކައިލް ލޯ މަރައިލުމަށްފަހު އަލުން ނުހުޅުވާނެތީ އިސްހާގު ބިރުގަތެވެ.

ކައިލްގެ ހަށިގަނޑަށް އެންމެ ފަހުގެ އެތިފަހަރު ބާލާ މަރުގެ ތުންފަތް މައްޗަށް ވައްޓައިލީ ހައިތަމް ފިޔަވާ ދެވަނަ މީހެއް ނޫނެވެ. ކައިލްއަށް އަމިއްލަ ނަފުސްގެ ދިފާއުގައި އަތް އުފުލައިލެވިދާނެއެވެ. ނަމަވެސް ވަކި ހިސާބަކުން އޭނަ ދޫކޮށްލީއެވެ. ކައިލް އޭނަގެ ސުވާލުތަކަށް ޖަވާބުދޭން ދެކޮޅު ހަދާ ހައިތަމް އަނިޔާކުރަން ދޫކޮށްލީއެވެ.

ވިންޓަރފެލްގެ ދެ ފާރަވެރިންނަށް ހައިތަމް ވަންތަން ފެނި ބޯގުދުކޮށްލާފައި ސަލާމްކުރިއެވެ.

"އަދިވެސް ވާހަކަދައްކަން ދެކޮޅު ހަދަނީތަ؟" ހައިތަމްގެ ސުވާލަށް އެދެމީހުން ބޯ ޖަހައިލިއެވެ.

"މަރުދެކެ ބިރުނުގަންނަނީތަ ނޫނީ މޮޔައީތަ؟" ހައިތަމްގެ ފުން އަޑު ގަދަވިއިރު ފިޔަވަޅުތައްވެސް ކައިރިވަމުން އައެވެ. އޭނަ އައިގޮތަށް ކައިލްގެ މޫނުގައި ބާރަށް ހިފަހައްޓާފައ ކޯތާފަތަށް ފިތައިލިގޮތަށް އޭނައާއި ދިމާލަށް މޫނު އުފުލުވިއެވެ.

"ކީއްވެހޭ އެގޮތަށް ކަންތައްކުރީ؟ ކެހިދިނުމުގެ ބޭނުމަކީ ކޮބާތަ؟" ހައިތަމް އޭނަގެ ސުވާލު ތަކުރާރުކުރިއެވެ.

"އެކަމުން ލިބުނީ ކޮން ފައިދާއެއްތަ؟"

"ކިތައް މީހުންނަށް މިގޮތަށް އަނިޔާދީފިންތަ؟" ކައިލްގެ އަމިއްލަ ސުވާލުން އަދި ހައިތަމްގެ ރުޅިގަނޑު ވީ އިތުރެވެ. ކިރިޔާ ވާހަކަދެއްކެނީއެވެ. އެކަމަކުވެސް އޭނަ ގަސްތުކުރީ މާނައެއް ނެތް ސުވާލެއްކުރުމަށް ނޫންހެއްޔެވެ؟

"މިތަނަށް މަރުވި ކޮންމެ މީހަކީ އެކަމުގެ ހައްގުވެރިއެއް. ކަލޭގޮތަށް އެމީހުންވެސް މަގޭ މައްޗަށް އަނިޔާވެރިވެގަތީ. އެމީހުންގޮތަށް ކަލޭގެ ނިމުންވެސް އަންނާނީ..." ހައިތަމް ފިނިރާގަކަށް ބުނެލިއެވެ. ހައިތަމްގެ މަންމަވަނީ ކައިލްގެ ފުރާނަ ދުއްވައިލުމުގެ ފުރިހަމަ ބާރު ދީފައެވެ. ޒައިނަބު ހުރީ ކައިލްގެ ކަންތައް ނިންމައިލަން އަވަސް އަރުވާލާފައެވެ. މިފަހަރު ބިންގަރާހަށް އަންނަންވެސް އޭނަ ބޭނުމެއްނުވިއެވެ. އޭނަ ބުނީ އަލުން ކައިލްގެ ސޫރަ ދެކެން ބޭނުންނުވާކަމުގައެވެ. އެވަގުތުވެސް ލޭއޮހެމުން ދިޔަ ކައިލްގެ މޫނަށް ބާރު އެތިފަހަރެއް އެރިއެވެ.

"ކައިލް......ޕްލީޒް. އޭނައަށް ޖަވާބުދީބަލަ...." އިސްހާގުއަށް ގޮތް ހުސްވުމާއެކު ރޮއިގަނެވުނެވެ.

"މި މީހުންނަށް ޖަވާބު ހައްގެއް ނޫން އިސްހާގު....އިޓްސް ދެމް......ދޭ ނީޑް ޓު......."ކައިލްގެ އަޑު ކެނޑެމުންގޮސް އަނެއްކާވެސް ޚަބަރު ހުސްވިއެވެ.

***

ނޯރާ، އާވާ، ސާރާ އަދި އައިޒަކް ނޯރާ ސަލާމަތްކުރަންވެގެން ޕްލޭނެއް ރޭވިއެވެ. އިތުރު އެންމެ ދުވަހަކަށްވެސް ކޮޓަރީގައި ބަންދުވެގެން ހުންނަން ވެއްޖެއްޔާ ނޯރާ މޮޔަވެދާނެއެވެ. ކައިލް ނުރަކެއްލެއްގައި ވަންޏާ އެހީތެރިވާން ބޭނުމެވެ. އަދި ބައްޕައަށް ހިމާޔަތް ދީ ބައްޕައާއެކުގައި ވާން ބޭނުމެވެ. ޒައިނަބު ކައިލް ހައްޔަރުކުރަން ބޭނުމިއްޔާ ނޯރާ އެމީހުންގެ ތުހުމަތުތަކާއި ދެކޮޅުހަދަން ޖެހެއެވެ. އޭނަގެ ބައްޕަ ކިޑްނެޕްކުރީ ކައިލްއެއް ނޫނެވެ. އަދި ކައިލްއަކީ ނަފްސާނީގޮތުން ބަލި މީހެއްވެސް ނޫނެވެ. ޑޮކްޓަރަކަށް ވުމުން ކޯޓުންވެސް އޭނަގެ ވާހަކަ އަޑުނާހާ ދޫކޮށްނުލާނެއެވެ. ނާޔަލް ތަފާތެވެ. ކުރިން އޭނައަށް ޖަލުގެ ހުކުމެއް އައިސްފާ އޮތުމުން އެމީހުން އެ ބައި އޭނައާއި ދެކޮޅަށް ބޭނުންކޮށްފާނެއެވެ. ބޭބެއާއި ޚިލާފަށް ނޯރާގެ ސާފު ރިކޯޑެއް އެބައޮތެވެ.

ސާރާއާއި އާވާ ގަދަކަމުން އެކޮޓަރިއަށްވަނީ ކާ އެއްޗެހި އަޅާފައި ހުރި ތަބައް ހިފައިގެންނެވެ. އެތެރެއަށް ވަންގޮތަށް ސާރާއާއި ނޯރާ ލައިގެން ތިބި ހެދުން އަވަސްއަވަހަށް ބަދަލުކޮށްލައިފިއެވެ. ދެމީހުންގެ އިސްކޮޅު އެއްވަރުކަމުން ފާރަވެރިޔާއަށް ތަފާތު ދެނެގަންނާކަށް ނޭގޭނެއެވެ.

ނޯރާ އަވަސްވެގަތީ ޑީއެންއޭ ރިޕޯޓް ހިފައިގެން ވިންޓަރފެލް އިން ނުކުތުމަށެވެ.

"ނޯރާ. އަހަރެމެން ބައްޕައަށް މި ރިޕޯޓް ދައްކަން ޖެހޭ. އަހަރެން ބުންޏަސް ގަބޫލު ނުކޮށްފާނެ. ކައިލްއަކީ ދަރިއެއްކަން އެނގުމުން ބައްޕަ ފުލުހަށ އެ މައްސަލަ ހުށަހަޅާކަށް ނޫޅޭނެ..." އާވާ ބުނެލިއެވެ.

ދެ އަންހެންކުދިންނަށްވެސް ނޭގުނު ކަމަކީ ވިންޓަރފެލްގެ އިމާރާތެއްގެ ބިންގަރާހުގައި ކައިލްއަށް އަނިޔާކުރަމުން ދާ ކަމެވެ.

"ބައްޕައާއި ދިމާވީމަ އަހަންނަށް ކައިލް ހުރި ތަނަކާއި ބެހޭގޮތުން އަންގައްޗޭ..." ނޯރާ އެގެއިން ދިޔުމުގެ ކުރިން އާވާ ގާތުން އެދުނެވެ.

***

"އާވާ ދެންމެ ވާހަކަ ދެއްކީ ކާކާތަ؟"" ލިއާނާ ފަހަތުން އަންނަމުން ބޯއަރިކޮށްފައި ބޭރުގައި ހުރީ ކާކުތޯ ބަލަން މަސައްކަތްކުރިއެވެ. އެކަމަކު އެމީހަކު އޭރު އެތަންދޫކޮށް ގޮސްފިއެވެ.

"މަންމާ...މަންމައަށް އެނގޭތަ ހައި.......މިބުނީ ބައްޕަ ވީ ތަނެއް؟ކޮންތާކު ވީ؟ އަހަރެން އެބަޖެހޭ ބައްޕައާއި ވާހަކަދައްކައިލަން..." އާވާ އެދުނެވެ.

"އޮފީހުގައިވާނީ..." ވިސްނައިލުމަށްފަހު ލިއާނާ ބުނެލިއެވެ. "އެކަމަކު ކީއްވެތަ؟ ބައްޕައާއި ކޮން ވާހަކައެއް އާވާ ދައްކަން ބޭނުމީ؟ ބައްޕަ ރުޅިއަރުވާކަށް ނުވާނެ އާވާ. މިވަގުތުވެސް ބައްޕަގެ ބޯމަތީގައި އެތައް ކަމެއް އެބަހުރި. ބައްޕައަށް އުދަގޫ ނުކުރޭ......"

"އެކަމަކު އައިޒަކް ބުނި ހައިތަމް އޮފީހުން ނުދެކޭ ކަމަށް......"

"އާވާ...."ލިއާނާގެ ރާގު ހަރުކަށިވިއެވެ.

"ކޮންމެހެން ގަސްތުގައެއްނޫން އެހެން ކިޔެނީ. އޭނައަށް ހައިތަމް ކިޔަން ހަމަ އާދައަކަށް ވީ މަންމާ...." އާވާ ދިގު ނޭވާއެއް ދޫކޮށްލިއެވެ. އޭނަ މަންމަގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. ހައިތަމްގެ އެހެން ދަރިއެއް ހުރިކަން މަންމައަށް އެނގުމުން މަންމައަށް ވާނީ ކިހިނެއް ހެއްޔެވެ؟ ކައިލްއަކީ ކައިވެނިން ބޭރުގައި ލިބިފައިވާ ކުއްޖެއް ނަމައެވެ. އޭރުން ލިއާނާ ހަދާނީ ކިހިނެއްހެއްޔެވެ؟ އާވާ ދަނެއެވެ. މިކައިވެނީގެ ގުޅުން ދަމަހައްޓަން މަންމަ މަސައްކަތްކުރެއެވެ. ހައިތަމްއަށް ކިޔަމަންތެރިވެގެން ހުންނަނީ އަމިއްލަ އިހުސާސްތަކަށްވެސް އަޅައިލުމެއް ނެތިއެވެ. މަންމަ އެހާ ހިތްވަރުގަދައެވެ. އެކަމަކު މިކަންތައް މަންމައަށް ނަގައިގަނެވޭނެ ހެއްޔެވެ؟ ނަހަލާލު ދަރިއަކާއި މަރުވެފައިވާ ކުރީގެ ބައިވެރިއެކެވެ. ލިއާނާ ހައިރާންވީ އެތައް ޒަމާނަކަށްފަހު ކުއްލިއަކަށް އާވާ އޭނަގެ ގައިގާ ބައްދައިލުމުންނެވެ.

އާވާގެ ބައްދައިލީ ބާރަކަށެވެ. އެކަމަކު ހިނދުކޮޅަކަށެވެ.

"މަންމާ. މަންމައާއި އަހަރެން....އަހަރެމެން ދެމީހުން އެކީގައި އުފަލުގައި ތިބޭނީ. ހަމައެކަނި އަހަރެމެން ދެމީހުން މިހުރިހާ ކަމެއް ހައްލުވީމަ..." އާވާ މަޑުމަޑުން އެހެން ބުނެލާފައި އެތަނުން ދާން ހިނގައިގަތެވެ. ލިއާނާގެ ލޯ ފުރުނީ ކަރުނަތަކުންނެވެ. އެކަމަކު އުފާވެރި ކަރުނައެވެ. އާވާއަކީ ގޮތްދޫނުކުރާ ކުއްޖަކަށްވިޔަސް ނިކަން ލޯބި ކުއްޖެކެވެ.

"އާވާ......" ކޮންމެވެސް މީހެއްގެ އަޑަށް އާވާގެ ފިޔަވަޅުތައް ހުއްޓުނެވެ.

"ޖޫލީ؟ކިހިނެއްވީ؟" އޭނަ އެހިއެވެ.

"އަޅުގަނޑު....މާފުކޮށްދޭތި. އެކަމަކު މަންމައާއި ދެއްކި ވާހަކަތައް އަޑުއިވިއްޖެ..." ޖޫހީ ޖެހިލުންވެފައި ހުރެ ކިޔައިލިއެވެ." އަޅުގަނޑަށް ހީވަނީ އާވާގެ ބައްޕަ އުޅުއްވާތަން އަޅުގަނޑަށް އެނގޭހެން..."

ޖޫލީ އަޑު މަޑުކޮށްލިއެވެ. އެތައް އަހަރެއްވާންދެން ވިންޓަރފެލްގައި ދިރިއުޅުމުގެ ސަބަބުން އެ އާއިލާއާއި ބެހޭގޮތުން އެނގިފައިވާ މައުލޫމާތު މުއްސަންޖެވެ.

***

ނޯރާ ކާރު ދުއްވަމުން ދިޔައިރު މޫނު ފޮރުވަން ސަމާލުކަން ދިނެވެ. އޭނަގެ ފަހަތުން އެއްވެސް މީހަކު ފާރަލައިގެން ބައްޕަ ހުރި މަންޒިލް ހޯދައިގަންނާކަށް އޭނަ ނޭދެއެވެ. ނާޔަލްއާއި މަހުމޫދު އިންތިޒާރުގައި ތިބި ތަނަށް ދާން ގަޑިއެއްހާއިރު ނެގިއެވެ. މިކާލްވެސް އެމީހުންނާއެކު ވިއެވެ. އެންމެންވެސް ތިބީ ހާސްކަމާއެކު މިޔައިގެ މަތީގައެވެ. އެމީހުން އިންތިޒާރުކުރަމުން ދިޔައީ އިސްހާގުއާއި ކައިލްގެ ކުޑަ ނަމަވެސް ނިޝާނަކަށެވެ.

"ނޯރާ. ބައްޕަ ހުރިހާ ކަމެއް ހަނދާންވެއްޖެ.."ނައިލް ވަގުތުން މައުލޫމާތު ދިނެވެ."ކައިލްގެ ބައްޕައަކީ.....ހައިތަމް...ވިންޓަރފެލްއަކީ ކައިލްގެ އާއިލާ....."

ނޯރާއަށް އެކަން އެނގިފައި އޮތުމާއެކުވެސް ނާޔަލްގެ ދުލުން އެހެނން ބުނެލުމުން މުޅިގައިން ފިނިގަނޑެއް އަރައިގެން ދިޔައެވެ.

"މިތަނަށް އާދޭ ނޯރާ...ބައްޕަ ކިޔާދޭނަން..." މަހުމޫދު ބަލިކަށި އަޑަކުން ބުނެލިއެވެ. އެވަގުތު ނޯރާއަށް ބައްޕަ ފެނުނީ ބަލިކަށި ދުވަސްވެފައިވާ މީހެއް ހެންނެވެ. މަހުމޫދު ހުރީ ނޯރާގެ އިންތިޒާރުގައެވެ. އޭނައަށް އެވާހަކަ އެނގޭވަރަކުން ކިޔާދިނުމަށެވެ. އެންމެން ހަމަޖެހިލައިގެން ގޮނޑިތަކުގައި އިށީނެވެ.

އެއީ އެތައް އަހަރުތަކެއް ކުރިންނެވެ. ވިޔަފާރީގެ ތެރެއިން ކުރެހުމުގެ މައުރަޟަކަށް ހައިތަމް ދިޔައިރު އޭނަގެ އުމުރުއުޅޭނީ ވިހީގެ ފަހުގެ އަހަރުތަކުގައެވެ. އެތަނުން ހައިތަމް މޮޔަވާވަރުގެ ކުރެހުމެއް ފެނުނެވެ. ލަވެންޑަރ ދަނޑެއްގައިވި ކުޑަ ކުޑަ ކޮޓެޖްއެކެވެ. އޭނަ ގަޔާވީ ހަމައެކަނި އެ ކުރެހުމަކާއި ނޫނެވެ. އެ ކުރެހުން ކުރެހި ރީތި ކުރެހުންތެރިޔާއަށްވެސް ހިތް ދެވުނެވެ. އެ ކުރެހުންތެރިޔާއަކީ އަނާލިއާ ފިޔަވާ ދެވަނަ މީހެއް ނޫނެވެ. އަނާލިއާއަކީ ފަގީރު އާއިލާއަކަށް ނިސްބަތްވާ އަންހެންކުއްޖެކެވެ. އެކުއްޖާގެ ބައްޕަ ނިޔާވެފައިވުމާއެކު މަންމައާއި ދެމީހުން ދިރިއުޅުނީ ދެމީހުންގެ މަސައްކަތަކުން ލިބޭ އާމްދަނީއިން ފުއްދާލައިގެންނެވެ.

ހައިތަމް އެ އުމުރުގައި ގޮތްދޫނުކުރާކަމާއި ބޮޑާކަމުން އޭނަގެ އާއިލާއާއި ދެކޮޅަށް އަނާލިއާއާއި ކައިވެނި ކުރިއެވެ. އަނާލިއާގެ މަންމަވެސް އެހާ ވަރުން ހައިތަމްއާއި ކައިވެނި ކުރަން ދަރިފުޅަށް މަޖުބޫރުކުރީ މުއްސަދި އާއިލާއަކާއި ގުޅުމުން އުފާވެރި ދިރިއުޅުމެއް ހޯދޭނެތީއެވެ. ހައިތަމް އަނާލިއާއާއި ކައިވެނި ކުރީ ސިއްރުންނެވެ. އަނާލިއާވެސް އޭނަގެ ހުންނަ ހިތްކިޔާ ގޮތާއި ދިމާކުރުމުގެ ގޮތްތަކަށް ގޮސްހުސްވިއެވެ. އޭރު ހައިތަމްއަކީ ހިތްތައް ދަމައިގަންނަ ފިރިހެނެއްކަމާއިމެދު ދެބަސްވާނެ މީހެއް ނެތެވެ. ކަންތައް ގޯސްވާން ފެށީ ހައިތަމްގެ މަންމަ ޒައިނަބްއަށް ހައިތަމް އަނާލިއާއާއި ކައިވެނި ކުރިކަން އެނގުނު ހިސާބުންނެވެ. އެދެމީހުން ވަރިކުރުވަން އޭނައަށް ކުރެވުނުހާ މަސައްކަތެއް ކުރިއެވެ. އެކަމަކު ހައިތަމް އިންޒާރު ދިނީ އޭނަ އާއިލީ ވިޔަފާރި ދޫކޮށް ދުރަށް ގޮސްދާނެކަމުގައެވެ. ޒައިނަބުއަށް މަޖުބޫރުވީ ޅީދަރީގެ ގޮތުގައި އަނާލިއާ ބަލައިގަތުމަށެވެ.

އަހަރުތަކެއް ފާއިތުވެގެން ދިޔައެވެ. ވިންޓަރފެލްގައި ޒައިނަބުގެ ފަރާތުން އަނާލިއާއަށް ހުއްޓުމެއްނެތް ފުރައްސާރަތަކާއި ފާޑުކިޔުންތައް އަމާޒުވިއެވެ. އަނާލިއާގެ ޝަކުވާތައް ގިނަވެ ކަރުނަތަކާއި މެދުކެނޑުމެއްނެތް ރުއިންތަކުން ހައިތަމްގެ ބޮލަށް އުދަގޫވާންފެށިއެވެ. ހަމައެކަނި އެކަމެއް ނޫނެވެ. އަނާލިއާ ދީނާއިމެދު ދެކުނީ ސީރިޔަސްކޮށެވެ. އެއީ ހައިތަމްއަށް އުދަގޫކަމެކެވެ. ނަމާދުކުރަން ހަނދާންކޮށްދިނުމާއި ޖުވާކުޅުން ހުއްޓައިލަން ބުނުންފަދަ ކަންތައް އޭނަ ދެކުނީ ފާޑުކިޔުމުގެ ގޮތުގައެވެ. ދުވަސްކޮޅަކަށްފަހު ލޯބި ރުޅިވެރިކަމަށް ބަދަލުވާންފެށިއެވެ.

ހައިތަމްއާއި އަނާލިއާގެ އެކްސިޑެންޓް ހިނގީ އެދެމީހުންގެ ހަމަނުޖެހުން އެންމެ ބޮޑުވި ދުވަސްކޮޅުގައެވެ. ކާރުގައި ދެމަފިރިން ދިޔައިރު ބުނެވުނީ ހައިތަމް އިނީ ރަލުގެ މަސްތުގައި ކަމަށެވެ. އެ ކާރުގައި ޖެހުނު ސައިކަލްގައި އިން މީހާއަށް ބޮޑެތި އަނިޔާތަކެއްވިއެވެ. އަނާލިއާ ހައިތަމް ގާތު އާދޭސްކުރީ އެމްބިއުލެންސަށް ގުޅުމަށެވެ. އެކަމަކު އަޑުއެހުމެއް ނެތި އެ ތަން ދޫކޮށް ހައިތަމް ކާރުގައި ދިޔައީއެވެ. އެގޮތަށް ކާރުން ޖައްސާފައި ފިލައިގެން ދިޔުމަކީ ބޮޑު ކުށެކެވެ. ހައިތަމް އެކަން ދަނެއެވެ. އެކަމަކު އެކަމާއި ފަރުވާލެއް ނުބަހައްޓާ އޭނަ ފިލައިގެން ދިޔައީއެވެ.

އެކްސިޑެންޓްގެ ޚަބަރު ލިބުމާއެކު ޒައިނަބު ވަގުތުން ކާޑު ކުޅުނެވެ. އެދުވަސްކޮޅަކީ ހައިތަމްއަށް އަސްކަރިއްޔާއިން ޕްރޮމޯޝަނެއް ލިބެން އޮތް ދުވަސްކޮޅެކެވެ. އެހާ ކުޑަ އެކްސިޑެންޓަކުން ދަރިފުޅުގެ ކުރިމަގު ބަރުބާދުވެގެން ދިޔަދޭކަށް ޒައިނަބު ނޭދުނެވެ. އޭނައަށް އެ އެކްސިޑެންޓްވީ ކުޑަ ކަމަކަށެވެ.

ޒައިނަބު ވަގުތުން ހުރިހާކަމެއް ރާވާލުމަށްފަހު ހައިތަމް ލައްވާ ދޮގު ބަޔާނެއް ދިނުމަށްފަހު އަނާލިއާ ޖަލަށް ލިއެވެ.

އެ ކޭސް ނިމުނުއިރު ހުރިހާވެސް ކަމަކީ އަނާލިއާގެ ކުށެވެ. ކާރު ދުއްވަން އިނީ އަނާލިއާއެވެ. އެކާރުގައި ހައިތަމް އިން ކަމަކަށްވެސް ނުވިއެވެ. އެއްވެސް މީހަކު އަނާލިއާގެ ބަޔާން އަޑުއަހާކަށް ބޭނުމެއްނުވިއެވެ. އެ މައްސަލަ ނިމުނީ އަނާލިއާ ޖަލަށް ލެވިގެންނެވެ. އެކަމަކު އެވަރުންވެސް ޒައިނަބު ދޫކޮށްލާކަށް ބޭނުމެއްނުވިއެވެ. އަނާލިއާ ޖަލުގައި އޮތުމުންވެސް ހިތްހަމަޖެހުނު ކަމަކަށްނުވިއެވެ. ސަބަބަކީ ކޮންމެވެސް ދުވަހަކުން އަނާލިއާ ޖަލުން ދޫކޮށްލުމުން އެ އާއިލާއަށް މައްސަލައަކަށް ވެދާނެތީއެވެ. ޒައިނަބު ބޮޑު އަގެއް ދީގެން އަނާލިއާ ޖަލުން ނެރުނެވެ. އޭނަ ޖަލުން ނެރެން ފޮނުވީ އެއާއިލާގެ ޓެކްސީ ޑްރައިވަރ މަހުމޫދެވެ. އެހިސާބުން މަހުމޫދު ފުން ނޭވާއެއް ދޫކޮށްލަމުން ވާހަކަ ކުރިއަށް ގެންދަން ހިތްވަރު ހޯދަން ޖެހުނެވެ.

"އަހަރެންނަށް ޖެހުނީ އެ ނިކަމެތި އަންހެންކުއްޖާ ފަރުބަދަގަނޑެއްގެ މައްޗަށް ގެންގޮސް ބަޑި ޖަހާ މަރައިލަން. އެކަމަކު އެކަމެއް ނުކުރެވުނު. ކުށެއްނެތް އިންސާނެއްގެ ފުރާނަ ނަގައިލާކަށް ނުކެރުނު. އެދުވަހު އަނާލިއާ ކުޑަ ބަނޑެއްލާފައި ހުއްޓާ ފެނުނީ. އަނާލިއާ ބަނޑު ބޮޑު."

" އަހަރެން އޭނަ ޝަހަރު ދޫކޮށް ފަރުބަދަމަތީގައިވާ ކުޑަ އަވަށަކަށް ގެންގޮސް ދިރިއުޅުމުގެ އިންތިޒާމްކޮށްދިނިން. އެކަމަކު އޭގެ ފަހުން ދުވަހަކު ނުދެކެން. އޭނަގެ ދަރިފުޅު ދިރިހުރިކަމެއް ނޫންކަމެއްވެސް ނޭގުނު. އަހަރެން ވިންޓަރފެލްއަށް އެނބުރިއައީ ގެރިއެއްގެ ލޭ ގައިގާ އުނގުޅާލައިގެން. އަދި އަނާލިއާ މަރައިލިކަމަށް ބުނެ އޮޅުވައިލީ...." މަހުމޫދު ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އަނާލިއާ މަރުވިކަން ހައިތަމްއަށް އެނގޭތަ؟" ނާޔަލް ސުވާލުކުރިއެވެ. ނޯރާއާއި މިކާލް ވާހަކައިގެ ތެރެއަށް ވަދެވިފައި ތިބުމާ ލިބިފައިވާ ހައިރާންކަމެއްގެ ބޮޑުކަމުން މުޅިން ބަސްހުއްޓިފައެވެ. އެދެމީހުންގެވެސް ލޯ ކަރުނުން ފުރިފައި އަނާލިއާއާއި އޭނަގެ ދަރިފުޅަށްޓަކާ ހިތްތައް ހަލާކުވެފައެވެ.

"ނޫން. ހައިތަމް ހީކުރީ އަނާލިއާ މަރުވީ ޖަލުގައިކަމަށް.."

"ދެން ހައިތަމް ހަމަ އޯކޭތަ؟ އޭނަ އަނާލިއާ ދެކެ ލޯތްބެއް ނުވޭތަ؟" ނޯރާ ރޮމުންގޮސް ލޯ ރަތްވިއެވެ.

"ގަބޫލުކުރޭ. ހައިތަމް އެންމެ އުފަލުގައި އުޅުނުތަން ފެނިފައިވަނީ ހަމަ އަނާލިއާއާއެކު. އަނާލިއާ މަރަށްފަހު ހައިތަމް މުޅިން ބަދަލުވި. އޭނަގެ މަންމަހެން މިޒާޖު ބަދަލުވީ. ބޮޑަށް ވައްތަރީ ޒައިނަބު ބޭނުންގޮތަކަށް ގެންގުޅޭ އޭނަގެ ގޮނޑިކޮއްކޮހެން. ޒައިނަބު އޭނަ ސަލާމަތްކޮށްދީ މަތީ މަގާމެއް ހޯދަދިނީ ހަޑި ހާވަމުން އަދި ހައިތަމްގެ ހުރިހާ ކުށަކާއި އުނި ސިފައެއް ފޮރުވައިދެމުން......"

"އަނާލިއާ ދިރިހުރިކަން ޒައިނަބުއަށް އެނގުނީ ޚާދމަކު އޭނަ ދެކުނުކަމަށް ޒައިނަބުގާތު ބުނުމުން. އެކަމަކު އެ ޚާދިމްވެސް އެ މައުލޫމާތު ހިއްސާކުރީ ބޮޑު އަދަދެއްގެ ފައިސާ ދޭން ބުނީމަ. އެހިސާބުން އަހަރެން ދޮގުހެދީކަން ޒައިނަބަށް ފަޅާއެރި. އަހަރެންގެ މުޅި އާއިލާ ގެެއްލުވައިލާނެކަމުގެ އިންޒާރު ޒައިނަބު ދިން. އޭނަ އެންމެ ފަހު ފުރުސަތު ދިން. އޭނަ އަހަންނަށް ބަޑި ދީފައި އެންގީ ހިޓްމެން ގޮވައިގެން އަނާލިއާ ހުރި ތަނަކަށް ގޮސް އަނާލިއާގެ ގަޔަށް ބަޑިޖަހާ މަރައިލަން.. އޭގެ ބަދަލުގައި އަހަރެން އެދުނީ އަހަރެން ވަޒީފާއިން ވަކިކޮށް ދިނުމަށް."

"އަހަރެން ޖެހެނީ އަސްލު އަނާލިއާ މަރަން ދާ މީހުންގެ އަތަށް އެ ބަޑި ގެންގޮސްދޭން. އެގޮތަށް ހަދައިފިއްޔާ އަހަރެން މިނިވަންވެ ލަންޑަނަށް ދެވޭނެ. އަދި ކުދިންނަށް ރައްކާތެރިކަން ލިބޭނެ. އެކަމަކު ﷲ ގަންދީ ބުނަން. ކުށެއްނެތް ފުރާނައެއް ނަގައިލުމަކީ އެންމެ ބޮޑު އެއްފާފަ. އަހަންނަށް އެކަމެއް ނުކުރެވުނު. އެ މީހުން އައީމަ އަހަރެން އުޅުނީ އެމީހުންނަށް ހަމަލާދޭން އޭރުން އެމީހުންނަށް އަނާލިއާގެ ފަހަތުން ނުދެވޭނެއްނު. އެމީހުންނަކީ އަބަދުވެސް މީހުން ގަތުލުކޮށް އެމީހުންގެ އަތްތައް ލެއިން ކަޅިވެފައި ތިބި ބަޔެއް. އެކަމަކު އެފަހަރު ޒައިނަބު އަހަރެންގެ އަތަށް އެދިނީ ވަޒަން ނެތް ބަޑިއެއް. އެންމެ ފަހު ފަހަރުވެސް އަހަރެންގެ ވަފާތެރިކަން އޭނަ ޓެސްޓްކުރީ. އަހަރެން ވީ ނާކާމިޔާބު....."

"އޯ...އެހެންވެ ޒައިނަބު ބައްޕަ ރާއްޖެއަށް އަރުވައިލީ..." ނާޔަލް އެހެން ބުނުމުން މަހުމޫދު ބޯ ޖަހައިލިއެވެ."ޒައިނަބު އުޅުނީ އަހަރެންގެ ބޮލުގައި މީހެއްގެ މަރުގެ ތުހުމަތު އަޅުވާ އަދި ރާއްޖޭގެ މެންޓަލް އެސައިލަމްއަކަށް ލައިގެން މަރާލަން.އެމީހުން ދަރިފުޅުވެސް ފްރޭމް ކުރީ ނާޔަލް. ސަބަބަކީ ޒައިނަބުއަށް އެނގުނީ ނާޔަލް ބައްޕަ ގެއްލުމުން އެކަން ތަހުގީގުކުރަން ފެށިކަން. އޭރުން ޒައިނަބު ފަޅާ އަރާނެ. އޭނަ އެހުރިހާ ކަމެއް ކުރީ އޭނަގެ ކަޅު ސިއްރުތައް ފޮރުވަން...."

"ކައިލްއަށް މި ހުރިހާ ވާހަކައެއް އެނގޭތަ؟" ނޯރާއަށް މޭގައި އަތް އަޅާ ބާރުކޮށްލެވުނެވެ.

"އާނ ދަރިފުޅާ. އެކަމަކު ބައްޕަ ކިޔައިދިނުމުގެ ކުރިންވެސް ކައިލް އެކަން ގެސްކޮށްފި. އޭނަ އެކަން ދެނެގަތްގޮތެއް ނޭގޭ. އެކަމަކު ހީވާގޮތުން ހުރިހާކަމެއް އެނގޭ. ބައްޕަގެ ހަނދާންތައް އަނބުރާ އައުމާއެކު ހުރިހާ ވާހަކައެއް ހިއްސާކުރިން. ޒައިނަބު ލަވެންޑާއަށް މެންދުރު ކެއުމަށް އައިއިރުވެސް ހަނދާން ނެތްކަމަށް ހެދިގެން ހުރީ."މަހުމޫދު ބުނެލިއެވެ.

"ކައިލް ސަލާމަތުން ހުރި ކަމަށް އަހަރެން އުއްމީދުކުރަން. ޒައިނަބުއަކީ ހަމަ ފައްކާ ގާތިލެއް." މަހުމޫދު އެހެން ބުނުމުން މިކާލް ބޮލުގައި ދެއަތުން ހިފަހައްޓައިލިއެވެ. އެންމެންވެސް އުއްމީދުކުރަމުން ދިޔައީ ކައިލްގެ ފަރާތުން ރަގަޅު ޚަބަރެއް ލިބުމަށެވެ. އެމީހުންނަށް ނޭގެނީ ކައިލް ހިލހިލާގައި އެލުވާ ލެޔާ ތަތްތެޅި އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވޭފަދަ ހާލެއްގައި އޮތްކަމެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު