"ރަހިމުގެ ގުޅުން ބޭއްވުމުން އުމުރު ދިގުވެ ރިޒުގުގައި ބަރަކާތް ލައްވާނެއެވެ."

***

" އެ ކައިލް....އޭނަ އަހަރެމެން އެންމެން މޮޔަ ހައްދާލައިފި. ކެހިދީފި. އެއީ ކާކުތަ؟ ލަދެއް ހަޔާތެއް ނެތް ސޮރެއް.." ޒައިނަބު ވިސްނައިލިއެވެ. އެލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ.

"މާފެއް ނުދެވޭނެ.." ފިނިއަޑަކުން ޒައިނަބު ކިޔައިލިއެވެ. ކަޅުކުލައިގެ ހީލްއިން މުށިމަތީގައި އަޑު ގޮއްވަމުން ހިނގަމުން ޒައިނަބު ސާމިރުއަށް އަމުރުކުރީ ވަގުތުން އޭނަގެ ދަރިފުޅު ހައިތަމްއަށް ގުޅުމަށެވެ.

***

ބްރޭކް ގަޑީގައި ސައިތަށްޓެއް ބޯލަން ނާޔަލްއާއި ނޯރާ ޖައްސައިލީ ހޮސްޕިޓަލުގެ ކުރިމަތީގައި ހުރި ކުޑަ ކެފޭއަށެވެ. ނޯރާގެ މައުޟޫއަކީ ވަޒީފާއިން ކެނޑިގެން އެހެން ހޮސްޕިޓަލަކުން އޭނަގެ ނަސީބު ބަލައިލުމަށެވެ. އެކަމަކު ޒައިނަބުގެ ގުޅުންއޮތް އެއްވެސް ހޮސްޕިޓަލެއްގައި ވަޒީފާ އަދާކުރަން އޭނަ ބޭނުމެއްނޫނެވެ. މިހާރު ނާޔަލްއާއި ނޯރާ މަސައްކަތްކުރާ ތަނަކީވެސް ވިންޓަރފެލްގެ ހިއްސާއޮތް ތަނެކެވެ.

"އެކަމަކު ހަގީގަތުގައިވެސް އައިޒަކް ރިޖެކްޓްކޮށްލީތަ؟" ނާޔަލް ހައިރާންވިއެވެ. އައިޒަކްއަކީ ރަގަޅުމީހެކެވެ. ހަމައެކަނި އެއީއެއް ނޫނެވެ. ހުތުރުމީހެއްވެސް ނޫނެވެ.

"ތި މައުޟޫއަށް ދިޔައީމަ ވަޓް އެބައުޓް ޔޫ ނާޔަލް؟ ކޮންއިރަކު މެރީ ކުރަނީ؟"

"އަހަރެންގެ އެކަހަލަ އެއްވެސް މީހަކު އަދި ނެތް......"

"އާވާ ކިހިނެއްވާނެ؟" ނޯރާ ހިނިތުންވެލިއެވެ."ކިހާ ސްވީޓް އަދި ސުޕަ ކިއުޓް..."

"ތިކަމާ އެއްބަސްވަން. އޭނަ ކިއުޓް އެކަމަކު އަހަރެން ދެކެނީ ކޮއްކޮއެއްގެ ގޮތުގައި ޖަސްޓް ލައިކް ޔޫ. އެކުއްޖާ މާ ޅަ. އަހަރެންގެ އުމުރު ހަނދާން ނެތުނީތަ؟"

އާވާއަށް ކިތަންމެހާވެސް ރީއްޗަށް ނާޔަލްގެ ޖަވާބު އަޑުއިވި ހިތް ގެނބިގެން ދިޔަ ފަދަ އިހުސާސެއްވިއެވެ. ހިންދިރުވައިލެވުނީ ގަދަކަމުންނެވެ. މިއީ އެކަމަކު ހަލާކުވި ހިތަށްޓަކާއި އިށީދެ ރޯން އެކަށީގެންވާ ވަގުތެއް ނޫނެވެ. ނޯރާއަށް އަވަހަށް އެނގެން ޖެހޭ ކަމެއް އެބައޮތެވެ.

"ނޯރާ..." އާވާ އަވަސް ފިޔަވަޅުތަކެއްގައި ނޯރާގެ ގާތަށް އައެވެ." އަވަހަށް ގެއަށް ހިނގާބަލަ. މާމައާއި އަންކަލް ހައިތަމްއަށް ކައިލް ކުރި ކަންތައް ފަޅާ އަރައިފި. މާމަ ބުނަނީ ނޯރާގެ ބައްޕަ ކިޑްނެޕްކޮށްގެން ކައިލް ގެންދިޔައީޔޯ. ނޯރާގޮސް މާމައަށް ކޮންވިންސްކޮށް ނުދީފިނަމަ ފުލުހުންނަށްވެސް ގުޅާނެ." އާވާގެ އަޑުގައި އަވަސްކަމެއް ހުއްޓެވެ. އެންމެ ފަހަރަކުވެސް އޭނަ ނާޔަލް ވީ ފަރާތަށް ބަލާވެސް ނުލައެވެ."އަވަހަށް ހިނގާ. އަހަރެން އައީ ކާރުގައި..."

ނާޔަލްއާއި ދިމާލަށް ބަލައިލަމުން ކުއްލިއަކަށް އިށީދެގެން އިންތަނުން ތެދުވުނުއިރު އެމޫނުމަތިން ހާސްކަމާއި ކަންބޮޑުވުން ފައުޅުވާން ހުއްޓެވެ." ނާޔަލް......"

"ހާސްނުވޭ ނޯރާ. އަހަރެން މިދަނީ ލަވެންޑަރއަށް...."

***

ވިންޓަރފެލްގައި ކަންތައް ހިނގީ އެއްވެސް އަންހެންކުއްޖަކު އުއްމީދުކުރިގޮތަކަށް ނޫނެވެ. ޒައިނަބު ވަގުތުން ނޯރާ ކޮޓަރިއަށް ލާ ތަޅުލާފައި އެންގީ ކޮންމެ އަގެއް ދީގެންވެސް ކައިލްގެ ފަރާތުން ނޯރާއަށް ހިމާޔަތްދޭން ބޭނުންވާކަމުގައެވެ. ނޯރާ ކައިލްއާއި ވާހަކަދައްކައިގެންވެސް ނުވާނެކަމުގައެވެ.

"އެކަމަކު ބައްޕައަށް އަނިޔާކުރި މީހަކީ ތިއީ....." ނޯރާ ދޮރުފަތުގައި ތަޅަމުން ރުޅިވެރިކަމާއެކު ރޮއިގަތެވެ. ކުއްލިއަކަށް ދޮރު ހުޅުވާލާފައި ޒައިނަބްގެ މޫނު ދައްކައިލިއިރު އެމޫނުމަތިން ފެނުނީ ނޯރާ ދުވަހަކުވެސް ނުދެކޭ ނުލަފާ ބިރުވެރި ނަޒަރެކެވެ.

"ނުބައި ނުލަފާ އަންހެނާ. އަހަރެމެން ކަލެއަށް ހުރިހާ ކަމެއް ކޮށްދިނީމަ އަހަރެމެންނަށް ބޭވަފާތެރިވަނީތަ؟ ތިހިރީ ފިރިހެނަކަށް އިތުބާރުކުރަން ތައްޔާރަށް އެކަމަކު މިހުރިހާދުވަހު ކަލޭ ބަލަހައްޓާ އަޅައިލީ އަހަރެމެންނޭ..."

"މަޑުން ހުރޭ. ދުނިޔޭގައި ހުންނަން ބޭނުމިއްޔާ." ޒައިނަބުގެ އެންމެ ފަހު ލަފުޒުތައް ވައި އަޑަކުން ބުނެލިއެވެ. ކިރިޔާ ނޯރާގެ ކަންފަތަށް އިވުނުކަމެވެ. ޒައިނަބު ދޮރު ބަންލާފައި ޖެހުމަށްފަހު ދޮރު ތަޅުލިއަޑު ނޯރާއަށް އިވުނެވެ. އަދި ދޮރުކައިރީ ފާރައަށް ހުންނަން ހަށިފާރަވެރިއަކަށްވެސް އެންގި އަޑުއިވުނެވެ. ނޯރާގެ ކަންފަތުގައި ދެން ޖެހުނީ އާވާގެ ހަޅޭކުގެ އަޑެވެ. ދެން އެ އަޑު ފޭދިގެން ދިޔަގޮތުން އޭނަވެސް ގެންދިޔައީކަން ވިސްނައިގަނެވުނެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟

ތުރުތުރު އަޅާ އިނގިލިތަކުން އޭނަގެ ފޯނު ނެގިއެވެ.

"ނާޔަލް........."

"ނޯރާ. ކަންބޮޑުނުވޭ. ބައްޕަވަނީ އަހަންނާއެކުގައި. އެމީހުންނަށް ނުފެންނަ ހިސާބަކަށް މިކާލް އަހަރެމެން ގެންދަނީ..." ނާޔަލް ކާރުތެރޭ އިނދެ ވާހަކަދެއްކިއެވެ.

"ކައިލް ކޮބާތަ؟" ނޯރާ ސުވާލުކުރިއެވެ.

"އޭނަވީ ލަވެންޑަރގައި. އޭނަ ފިލައިގެން އުޅެން ބޭނުމެއްނޫން. ބުނީ އޭނަ ހުރިހާ ކަމެއް ހަމަޖައްސާނަމޯ. އެމީހުންގެ ބިޒިނަސް ފުނޑައިލިކަން އެމީހުންނަށް އެނގުނީ. ކޮންމެ ގޮތެއްވިޔަސް ކައިލްގެ ކުށެއްނެތް. އޭނަ އެމީހުންގެ ވިޔަފާރީގައި ހުރި ނުބައި އަމަލުތައް ފަޅާ އަރުވައިލީ. އޭނަ ސޭފްވާނެ...." ނާޔަލް ބުނެދިނެވެ.

"ނޯރާ ތިހިރީ ކޮންތަނެއްގައި؟" ނާޔަލްގެ ސުވާލުން ނޯރާ ކޮޓަރީގެ ވަށައިގެން ނަޒަރު ހިންގައިލިއެވެ.

"ނާޔަލް. އަހަންނަށް އަދި ފަހަރެއްގައި ވިޒިޓް ނުކުރެވި ހިނގައިދާނެ. ވިންޓަރފެލްގެ ކަންތައް ހެންޑްލްކުރަން މަސައްކަތްކުރާނަން. ޕްލީޒް ޓޭކް ކެއާ އޮފް ޑޭޑް...." ނޯރާ ބުނެލިއެވެ. އޭނަ މިހިރީ ކޮޓަރީގައި ތަޅުލާފައިކަން ފައުޅުނުކުރީ ނާޔަލް ވިންޓަރފެލްއަށް އައިސްދާނެތީއެވެ. އޭރުން ނާޔަލްއަށް ވަދެވޭނީ ދަންތުރައެއްގެ ތެރެއަށެވެ. ޒައިނަބު ފަހަރެއްގައި އަނެއްކާ ނާޔަލް ޖަލަށް ލުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ނޯރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި އެހެން ކަމަކާއި ޚިޔާލުކުރުމެއް ނެތި އޭނަގެ މުސައްލަ ނަގައިގެން މެންދުރު ނަމާދުކުރަން ފެށިއެވެ. އެއަށްފަހު ބައްޕައާއި ކައިލްގެ ސަލާމަތަށް އެދި ދުޢާކުރިއެވެ. ޝައިތާނީ ކަންތައްގަނޑެއް ހިނގަމުން އެބަދެއެވެ. އޭނަ ދިރިއުޅެމުން އައިސްފައިވަނީ ހަގީގީ މުޖުރިމުންގެ ތެރޭގައެވެ.

ހިތްދަތިކަމުން ފުރިގެންވި ކޯލެއް ނޯރާއަށް އެރޭ ލިބުނެވެ. ނާޔަލް ބުނީ އެތައް ފަހަރު މަސައްކަތްކޮށްގެންވެސް އިސްހާގުއާއި ކައިލްއަށް ނުގުޅުނުކަމުގައެވެ. ކައިލް ފޮނުވީ އެންމެ މެސެޖެކެވެ. ކޮންމެ ހާލެއްގައިވެސް އެމީހުން މަހުމޫދުގެ ގާތުގައި ތިބުމަށާއި އެތަނުން ނުނިކުތުމަށެވެ.

ނޯރާ ދޮރު ހުޅުވަން މަސައްކަތްކުރިއިރު އަދިވެސް ބޭރުން ތަޅުލާފައި ހުރިކަން އެނގުނެވެ.

"ދޮރު ހުޅުވަބަލަ ޕްލީޒް. ކޮންމެ މީހަކަށްވިޔަސް. މިއީ ރަގަޅުގޮތެއްނޫން.." ނޯރާ ހަޅޭއްލެވިއެވެ." ކަލޭމެން މިކަމާއިހެދި ޖަލަށް ލެވޭނެ. މިއީ ގާނޫނީގޮތުން ކުށެއް..."

ބޭގަރާރުވެފައިވާ ހާލުގައި ނޯރާ ކުޑަދޮރުން ތިރިއަށްވެސް ބަލައިލިއެވެ. މިހިސާބުން ފުންމައިގެން އޭނަ ސަލާމަތެއް ނުވެވޭނެއެވެ.

"ނޯރާ......"

"އަހަރެންގެ މަގުން ދުރަށް ގޮސްދާނަންތަ؟އަހަރެން މިއައީ ނޯރާއަށް ޑިނާ ހިފައިގެން..."އާވާ ރުޅިވެރިކަމާއެކު ކޮންމެވެސް މީހަކާއި ވާހަކަދެއްކިއެވެ.

ދޮރު ހުޅުވާލިތަން ފެނުނުއިރު އާވާ އެތެރެއަށްވަނީ ދޮރުމަތީގައި ހުރި ބިޔަ ފާރަވެރިޔާއަށް މަލާމާތުގެ ނަޒަރަކުން ބަލައިލަމުންނެވެ. އެމީހާގެ މޫނުމަތިން އެއްވެސް ޖަޒުބާތެއް ނުފެނުނެވެ.

"އާވާ....." ނޯރާ ގެ މޫނުމަތިން ފެނުނީ ގޮތް ހުސްވެފައިވާކަމެވެ."ބައްޕައާއި ވާހަކަދެއްކިންތަ؟ ކައިލް ކޮބާތަ؟"

"ކައިލް ގެއްލުނީތަ؟" އާވާވެސް ކުރީ ސުވާލެކެވެ."އަހަރެންގެ ބައްޕަވެސް ގެއަކު ނެތް. މާމައާއި އެކު ބޭރަށް ދިޔަގޮތަށް އަދި ނާދޭ.އައިޒަކްގެ އިންތިޒާރުގައި ހުރެ ހުރެ އޭނަގެވެސް ޚަބަރެއްނުވި. އައިޒަކް ބޭވަފާތެރިވެ ކައިލްގެ ޕްލޭންސްތައް މާމައަށް ކިޔައިދިނީހެން ހީވޭތަ؟"

"އެކަމަކު ހުރިހާ ހަގީގަތެއް އެނގުމަށްފަހު އައިޒަކް އެހެން ހަދަންވީ ކީއްވެ؟" ނޯރާ ބުނެލިއެވެ.

"އޯ މައި ގޯޑް...ދެން ސިއެނާ....އެދުވަހު ލަވެންޑަރއަށްގޮސް އޭނައަށް ނޯރާގެ ބައްޕަ ފެނުނެއްނު.." އާވާ ހަނދާން އާކޮށްލިއެވެ.

"އާވާ. ކައިލްގެ ހާލު ރަގަޅުތޯ ބަލައިލަބަލަ. އައިޒަކްއާއިއެކު ގޮސް ޚަބަރު ބަލައިލަންވީނު...."

އާވާއަށްވެސް ނޯރާގެ އަޑުގައި ހުރި ބޭގަރާރުކަން ނަގައިގަނެވުނެވެ. ނޯރާ ހަގީގަތުގައިވެސް ކައިލްއަށް އަޅާލާވަރު މޫނުމަތިންވެސް ފެނެއެވެ.

"ތިކަން ކުރާނަން. ކޮބައިތަ ނާޔަލް؟ އޭނަގެ ބައްޕައާއެކުގައިތަ؟" އާވާ ސުވާލުކުރުމުން ނޯރާ ބޯޖަހައިލިއެވެ.

"އެމީހުންގެ ހާލު ރަގަޅު އަލްހަމްދުލިﷲ..."ނާޔަލްގެ ނަން ކިޔުމުންވެސް އާވާއަށް ތަދު އިހުސާސްވިއެވެ. ހުރިހާކަމެއް ރަގަޅަށް ދިޔަސް އެންމެން ސަލާމަތްވިޔަސް މީހެއްގެ ހިތް ބަދަލެއްނުވާނެއެވެ. ނާޔަލް އޭނައާއިމެދު ދެކެނީ ކޮއްކޮއެއްގެ ގޮތުގައެވެ.

"އާވާ...." ނޯރާ އާވާ ޚިޔާލީ ދުނިޔެއިން ނެރެލިއެވެ."އައިޒަކް މިހާރު ގެއަށް އައިސްދާނެ. އަވަސްކޮށްލާފައި ދޭ. ލަވެންޑަރއާއި ހަމަޔަށް ގޮސްފައި ގުޅައްޗޭ.. އޭނަ ރަގަޅުތޯ ޔަގީންކުރައްޗޭ....."

ކަންބޮޑުވެ ހާސްވެފައިހުރި ނޯރާއަށް ތަސައްލީ ދިނުމުގެ ގޮތުން އާވާ އޭނަގެ ގައިގާ ބައްދައިލިއެވެ.

***

ޔާސްމީންއާއި ލިއާނާވެސް ނޯރާގެ ދޮރުކައިރީގައި ތިބީ ކަންބޮޑުވުމާއި ހާސްކަމުގައި ބުމަ ކައިރިކޮށްލައިގެންނެވެ. ކައިލް އިސްހާގު އާއިލާއަށް ކެހިދިން ކަން ނޫން އިތުރުކަމެއް އެމީހުންނަކަށް އެނގިފައެއް ނެތެވެ. އެހެން ވާން ޖެހުނު ސަބަބެއް އަދި ވެގެން އުޅޭގޮތެއް ސާފެއްނުވެއެވެ. އާއިލާގެ ދަނބިދަރިއަކަށް ކައިލް ވާންއުޅެފައި މިއީ ކޮންކަމެއް ހެއްޔެވެ؟

"އާވާ...." ނޯރާގެ ކޮޓަރިން އާވާ ނުކުތްތަން ފެނި ލިއާނާ އާވާގެ އަތުގައި ހިފަހައްޓައިލިއެވެ.

"ނޯރާއަށް ކިހިނެއްވީތަ؟ މާމަ ނޯރާ ކޮޓަރީގައި ބަންދުކޮށްގެން އުޅެނީ ކީއްވެތަ؟"

"އަނެއްކާ ނޯރާއަކީ ކައިލްއާއެކު ކުށުގައި ބައިވެރި ވި މީހަކީތަ؟" ޔާސްމީން މަޑުމަޑުން ކިޔާލައިފިއެވެ.

" އަދިވެސް އެކަން ރިއަލައިޒް ނުވަނީތަ؟ މާމާއަކީ އެހާ ސްވީޓް ރަގަޅު މީހެއްނޫނޭ. އީވިލް މީހެއް. ނޯރާ ކޮޓަރީގައި ތަޅުލާފައި އަދި ކައިލްއަށް ތުހުމަތު ކުރަނީ ނޯރާގެ ބައްޕަ ކިޑްނެޕްކުރީކަމުގައި.."އާވާގެ އަޑުގައިވީ ރުޅިވެރިކަމެވެ."މަންމަ އަދިވެސް މާމައާއި އެއްބަޔަށް ތިހިރީ؟ އަދި އާންޓް؟ އަދިވެސް މި އާއިލާގެ ނުބައި އަމަލުތަކަށް ރުހުމުގެ ލޮލަކުން ބަލަން ތިބެނީތަ؟"

ލިއާނާއަށް މޭގައި އަތް އަޅައިލެވުނީ ލިބުނު ޝޮކަކުންނެވެ."އާވާ. އަމިއްލަ މާމައާއި ދިމާލަށް އީވިލްއޭ ތިކިޔަނީ ކީއްވެތަ؟ ދެވަނަފަހަރަކު ތިހެން ނުކިޔާތި."

ލިއާނާއަށް ކަންބޮޑުވުމާއެކު ވަށައިގެން ލޯ ހިންގައިލެވުނީ ފަހަރެއްގައި ޒައިނަބު އެހިސާބުގައި ހުރެދާނެކަމުގެ ބިރާއި ސިހުމުންނެވެ.

"އާވާ. އެކަމަކު މިތާ ކުށްވެރިއަކީ ކައިލްއެއް ނު؟" ޔާސްމީން ބުނެލިއެވެ.

"ކޮންކަމަކާ ކުށްވެރިއަކަށްވީ؟ އޭނަ ވިންޓަފެލް ވިޔަފާރީގެ ނުބައި ފަޅި ހާމަކުރީ. ސްލަޝް ފަންޑްތަކާ އެއްޗެހި. ފަގީރުންނަށް އޭނަ އެ ފައިސާއިން ގަނެފައި ހުރި މުދާތައް ބަހައިލީ. ކައިލް ގާނޫނީގޮތުން ކުށެއް ނުކުރޭ. ހައިތަމް ހުރިހާ ބާރަކާއި އޮތޯރިޓީއެއް ދިނީ. މުއްސަދި ޒުވާނަކަށް އެގޮތަށް އިތުބާރުކުރާވަރަށް މޮޔަނުވިނަމަ ފަހަރެއްގައި އޭނަގެ އެ ސްޓުޕިޑް ވިޔަފާރި ސަލާމަތްކުރެވުނީސް." އާވާ ހިތަށް އައިހާ އެއްޗެއް ކިޔަމުން ދިޔައެވެ. ހައިތަމްއަށް "ބައްޕަ" ކިޔަންވެސް އޭނަގެ ހިތެއް ނޭދެއެވެ. ހައިތަމްގެ އެހުރިހާ ނުބައިކަމަކާއި އެކުގައިވެސް އާވާއަށް އެންމެ ބޮޑު މައްސަލައަކަށްވެފައި އޮތީ އޭނަގެ ބައްޕަ މަންމައަށް އަނިޔާދޭތީއެވެ. ލިއާނާ އެކަމާއި ބެހޭގޮތުން ދުވަހަކު އެދުލުން އެންމެ ލަފުޒެއް ނުބުނި ކަމުގައިވިޔަސް އާވާ ވަނީ މަންމަގެ ހިމޭން ކަރުނަތަކާއި ރުއިން ދެކެފައެވެ. ބައްޕަ ކަމުގައިވިޔަސް އޭނައަށް ދުވަހަކު މާފެއް ނުދެވޭނެއެވެ.

އާވާ އެމީހުން ގާތުގައި ދެއްކި ވާހަކަތައް ޔާސްމީންއާއި ލިއާނާއަށްވެސް ތިބެވުނީ ގަބޫލުކުރަންވީ ގޮތެއް ނޭގިފައެވެ.

"ނޯރާ ބަންދުކުރީ ދެން ކީއްވެތަ؟" ޔާސްމީން ސުވާލުކުރިއެވެ.

"ވަރަށް އަވަހަށް ތެދު ހާމަވާނެ. އިންތިޒާރުކުރޭ."އާވާ ބުނެލިއެވެ."އަދި ހަގީގަތުގައި މުޅި ސްޓޯރީ ނޭގޭ..."

"އައިޒަކް...." އައިޒަކް ގެއަށް ވަންތަން ފެނުމާއެކު އާވާގެ ލޯ ދިއްލުނެވެ.

"ކިހިނެއްވެގެން މިއުޅެނީ؟"އައިޒަކް ބުމަ ގުޅުވައިލީ ނޯރާގެ ދޮރުމަތީގައި ހުރި ފާރަވެރިޔާއަށް ނަޒަރު ހުއްޓައިލަމުންނެވެ.

***

"މޮޔަވީތަ؟ އަހަރެން ފަހަރެއްގައިވެސް ކައިލްގެ އެއްވެސް ވާހަކައެއް މާމަގާތު ކިޔައެއްނުދެން. އަހަންނަށްވެސް ވިޔަފާރީގައި ހިނގާ ހުއްދަ ނޫން ކަންތައްތައް އެނގޭ. އަހަރެން އެކަމާއި އަޅާނުލަން އަދި އެކަމަށް ސަމާލުކަމެއްވެސް ނުދެން..." އައިޒަކް ކާރު ދުއްވަމުން ދިޔައީ ލަވެންޑަރއާއި ދިމާލަށެވެ.

"ވީއިރު ޔަގީން ވީތާ. އެ މީހަކީ ސިއެނާ. އޭނަ ނޯރާގެ ބައްޕައޭ ކިޔައިގެން އެއްޗެއް ބުނީކަން ޔަގީން. އެހެންވެ މާމައަށް އެނގުނީ.." އާވާ ވިސްނުމެއްގައި އިނދެފައި ބޯ ޖެހިއެވެ.

"ނޯރާއަށް ހީވަނީ ކައިލްއަށް ނުރައްކަލެއް ދިމާވީހެން؟"އައިޒަކް ސުވާލުކުރިއެވެ.

"އާނ. އޭނަ ފޯނަށް ޖަވާބު ނުދޭތީ." އާވާގެ ޖަވާބުން އައިޒަކް ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ކާރުގެ ދުވެލި ބާރުކޮށްލައިފިއެވެ.

ލަވެންޑަރއިން އައިޒަކްމެންނަށް ފެނުނީ ބިރުވެރި މަންޒަރެކެވެ. ބިންޔާމީންއާއި އެހެން ޚާދިމާއިންތައް ރޮނީއެވެ.

"ކިހިނެއްވީތަ؟" އައިޒަކް ސުވާލުކުރީ ބިންޔާމީންއާއެވެ.

"މިގެއަށް ބަޔަކު ގަދަކަމުން ވަދެގަތީ. އަދި އަޅުގަނޑުމެންގެ ކުޑަ ސާހަބްއާއި އިސްހާގު ގެންދިޔައީ..."ބިންޔާމީންއަށް ރޮވޭވަރުން ދޭތެރެއަކުން ކިރިޔާ އެވާހަކަތައް ބުނެވޭވަރުވީއެވެ. އާވާއާއި އައިޒަކް އެކަކު އަނެކަކަށް ބަލައިލީ ކަންބޮޑުވުމާއެކުގައެވެ.

***

ވިންޓަރފެލްއާއި ހަމަޔަށް ފޯރުމާއެކު އައިޒަކް ނޯރާގެ ކޮޓަރިއާއި ހަމަޔަށް ހިނގައިގަތުމުން ފާރަވެރިޔާ އޭނަ ހުއްޓުވިއެވެ.

"ވަޓް ދަ........ޑޯންޓް ޓަޗް މީ...." އައިޒަކް އޭނަގެ ކޮނޑުން ފާރަވެރިޔާގެ އަތް ނައްޓުވައިލަމުން ހަރުކަށި ރާގަކަށް ބުނެލިއެވެ.

"ސަރ...އައި ކެނޮޓް އެލަވް ޔޫ............."

"ތިން ސިކުންތުގެ ތެރޭ އަހަރެންގެ ކުރިމަތިން ދުރަށް ނުގޮސްފިއްޔާ......" އައިޒަކްގެ ޖުމްލަ ފެށިތަނާ ބައްޕަ ޔަޒީދު "ދަރިފުޅާ"އޭ ކިޔާފައި ގޮވައިލުމުން އެނބުރި ބަލައިލެވިއްޖެއެވެ.

"ދަރިފުޅާ. އިތުރަށް މައްސަލަ ގޯސްނުކުރޭ. މާމަ ނޯރާ ބަންދުކުރީ އޭނައަށް ރަގަޅަށް. ހީވާގޮތުން ކައިލް އިސްހާގުވަނީ އެންމެނަށް ކެހިދީފައި.މާޒީގައި ނޯރާގެ ބައްޕައާއި ކައިލްގެ މައްސަލަގަނޑެއް އޮތް. ކައިލް ބަދަލުހިފަންވެގެން މިހުރިހާ ދުވަސްވާންދެން ނޯރާގެ ބައްޕަ ހައްޔަރުކޮށްފައި ބޭއްވީ. އޭނަ މަހުމޫދުގެ ހަނދާންތައް ގެއްލުވައިލީ. އަދި އަހަރެމެންގެ ވިޔަފާރިއަށް ހަދައިލިގޮތް ދެކެބަލަ. އޭނައަކީ މައުސޫމް މީހެއްނޫން. ވިންޓަރފެލްއިން ގާނޫނީގޮތުން ހުއްދަނޫން ކަންތައް ކުރާކަމަށް ބުނެ ކައިލް ދޮގުހެދީ. ހަގީގަތުގައި އޭނަގެ ވިޔަފާރި ކުއްލިއަކަށް ފުޅާވެ ކުއްލި މުއްސަދިކަމެއް ހޯދައިގަތީ. ކައިލް އަމިއްލައަށް ހުއްދަނޫން ވިޔަފާރިކޮށް ކުރިއަރައިގަތީ." ޔަޒީދުގެ މޫނުމަތިން ފެނުނީ މޮޅިވެރިކަމެވެ." އަހަރެމެން އެންމެންވެސް އޭނައަށް އިތުބާރުކުރިން. ސަބަބަކީ އޭނަ ހުރީ ރަގަޅު އިންސާނެއްގެ ސިފަ ޖެހިގެން .."

"އެކަމަކު.....ޑޭޑް.."

"އަދިވެސް އައިޒަކްއަށް ނޭގޭހެން ހީވާ ކަމެއް އެބައޮތް. ކައިލް އިސްހާގު ސަފާ ކުރޭ ސްކިޒޮފްރީނިއާއިން. ނުވާކަންތައްތައް ވެސް އޭނަ އިމޭޖިންކުރޭ. ނަހައްދަވާ ކަންތައްތަކަށްދާންދެން ޚިޔާލަށް ގެނެސް އެ އިވެންޓްތަކާއި ސްޓޯރީސްތައް ކިޔާ. އޭނަ ނަފްސާނީގޮތުން ރަގަޅެއްނޫން. އަހަރެމެންގެ މުއްސަދިކަމާއި ކާމިޔާބު ފެނުމުން މެންޓަލީ ޗެލެންޖްޑް ޕާސަން އަހަރެމެންގެ އާއިލާއަށް ޓާގެޓްކުރީ. މި ހުރިހާކަމެއް މި ކިޔައިދިނީ............."

އެ މައުލޫމާތުން ލިބުނު ޝޮކްގެ ސަބަބުން އައިޒަކްއަށް އަވަސްއަވަހަށް އެސްފިޔަތައް ޖަހައިލެވުނެވެ. ކުއްލިއަކަށް ލޮލުގެ ކުރިމަތިން މަންޒަރެއް ފެނިލިއެވެ. ނޯރާ ވެއްޓެން ދިޔައިރު ކައިލް އަތްވެސް ދިއްކޮށްލުމެއް އަދި މޫނަށް ހަރަކާތެއްވެސް ނުގެނައެވެ. އޭނަ އާދައިގެ ގޮތަކަށް ޖީބަށް އަތް ޖަހައިލީއެވެ. އެއްވެސް ޝުއޫރެއް ނެތް ލޯ އަދި އެއްވެސް ޖަޒުބާތެއް އިހުސާސެއް އެމޫނުމަތިން ދޭހަވާން އުދަގޫ އަދި އެކުވެރިންނާއެކު އުޅޭއިރުވެސް ބަސް މަދުކަން އައިޒަކް ފާހަގަވިއެވެ. ހަގީގަތުގައިވެސް ކައިލްއަކީ ނަފްސާނީ ބަލިމީހެއްހެއްޔެވެ؟

"ކައިލް ކޮބައިތަ؟"

"އޭނަ ވީ ހޮސްޕިޓަލުގައި. ކުއްލިއަކަށް އެގްރެސިވް ވެ މިހާ ވައިލެންޓްވެގެން ވަށައިގެން ތިބި މީހުންނަށް ހަމަލާދޭން ފެށީ. ދަރިފުޅުގެ ބޮޑުބޭބެ ހައިތަމްއާއި މާމަ ދިޔައީ ވިޔަފާރިއަށް އެހެން ހެދުމުން އެކަމާއި ސުވާލުކޮށް ކައިލްއާއި ކުރިމަތިލާން. ދަރިފުޅުވެސް އަޑުއަހާފައި އޮންނާނީ ބިލިއަން ޑޮލަރުގެ ގެއްލުމުގެ ވާހަކަ. އޭނައާއި ފުލުހުން ސުވާލުކުރާނެ. ނަފްސާނީ ބައްޔެއް ހުރެއްޖެއްޔާ އޭނަ ހޮސްޕިޓަލުން ދޫކޮށް އެސައިލަމެއްގައި އެޑްމިޓްކުރާނެ..." ޔަޒީދު އައިޒަކްގެ ކޮނޑުގައި އަތް ބޭއްވިއެވެ."ދަރިފުޅާ. އެކަމާއިމެދު ފިކުރުބޮޑުކުރާނެ ކަމެއް ނެތް. ނިދަން ދޭ. ނޯރާވެސް މިތަނުގައި ރައްކާތެރިކަމާއެކު އެހެރީ....."

ޔަޒީދު ޔަގީންކަން އެކުލެވޭ ހިނިތުންވުމެއް ދިނެވެ." ހުރިހާކަމެއް ރަގަޅުވާނެ...."

އޭނަގެ ބައްޕަ އެތާ ހުރުމުން އައިޒަކްއަށް އިތުރުކަމެއް ނުކުރެވުނެވެ. ބައްޕައަށް ކިޔަމަންތެރިވާން ޖެހުނެވެ. އޭނަ ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނަގެ ސިކުނޑިއަށްވެސް ތަފާތު ޚިޔާލުތަކެއް އަންނަން ފެށިއެވެ. ހަގީގަތުގައިވެސް ކައިލް ބަލިވެ އުޅެނީ ހެއްޔެވެ؟ ހަގީގަތަށް ވިސްނައިފިއްޔާ ކައިލްއަށްވެސް އޭނަގެ މަންމަ މަރައިލެވުނުކަމުގެ އެއްވެސް ހަރުދަނާ ހެއްކެއް ދެއްކިފައެއްނެތެވެ. އެއީ ކައިލް އަމިއްލަ ޚިޔާލަށް ކުރަހައިލި އެއްޗެއް ނާޔަލްއާއި ނޯރާއަށް ދައްކައިގެން އެދެ ޒުވާނުން އޭނަގެ މަޅީގައި ޖެހުނީހެއްޔެވެ؟

އައިޒަކް އޭނަގެ ކޮޓަރިއަށް ވަންއިރު އޭނައަށް ހުރެވުނީ މޮޅިވެރިވެފައެވެ. އިރުގަނޑެއްފަހުން ސާރާ އައިއިރު އޭނަގެ މޫނުންވެސް ފައުޅުވޭވޭ ހުރީ ކަންބޮވުމުގެ ކުލަވަރެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން އަޑުއިވުމުން މަހުރޫމްވެފައިވާތީ މިއަދުގެ ހާދިސާވެސް ސާރާއަށް އޮޅުން ފިލާފައެއް ނެތެވެ. އައިޒަކްއަށް އެނގުނު އެއްޗެއް އޭނަ ސާރާއަށް ކިޔައިދިނެވެ. އައިޒަކް ދެރަވީ ސާރާ ނޯރާއާއިމެދު ހަމްދަރުދީވެ ރޯން ފެށުމުންނެވެ. އައިޒަކްއަށް ސާރާ ރުއްސަން ކުރާނެ ކަމެއް ނޭގުމުން ހަމައެކަނި ބޮލުގައި މަޑުމަޑުން ފިރުމައިލީއެވެ.

***

ޖެހިގެން އައި ދުވަހުވެސް ގޭގެ ހާލަތު ބަދަލެއްނުވިއެވެ. ޒައިނަބު އަމުރުކުރީ ނޯރާ ހައްޔަރުކޮށްފައި ބެހެއްޓުމަށެވެ. އެކަމަކު މިއަދު ސަބަބު ތަފާތެވެ. މިހާރު އެއީ ނޯރާގެ ސަލާމަތަށްޓަކައެއް ނޫނެވެ. ޒައިނަބު ބުނިގޮތުން ނާޔަލްއާއި ނޯރާވެސް ވިންޓަރފެލްގެ ވިޔަފާރި ބަރުބާދުކޮށްލަން ކައިލްއާއި އެހީވިކަމުގެ ހެކި ފެނިއްޖެއެވެ. އޭނަ ބުނިގޮތުން ހުރިހާކަމެއް ފުލުހުންނާއި ތަހުގީގުކުރާ ޓީމުން ދަނީ އިންސާފުވެރިކަމާއެކު ބަލަމުންނެވެ. އަދި ތަހުގީގު ނިމުމުގެ ކުރިން ނޯރާއަށް ކޮޓަރިން ބޭރަށް ނުނިކުމެވޭނެއެވެ. އައިޒަކް އާވާ އަދި ސާރާވެސް ނޯރާއަށް އެހީތެރިވާން ބޭނުންވިއެވެ. އެކަމަކު އެހީތެރިކަމުގެ އަތެއް ދިއްކޮށްލެވޭނެ ގޮތެއް ނެތެވެ.

ނޯރާއަށް އޮތީ ދެގޮތުން ކުރެ އެއްގޮތެވެ. ނޯރާ ކޮޓަރީގައި ތަޅުލެވިގެން ހުރުމެވެ. ނޫނީ ޒައިނަބު އެކުއްޖާ ގެންދާނީ ފުލުހުންގެ މަރުކަޒަށެވެ.

***

ނުދަންނަ ނަމްބަރަކުން ނޯރާއަށް ގުޅީ ތަންކޮޅެއް ލަސްވީފަހުންނެވެ. އެއީ ހޮސްޕިޓަލުގެ ލެބުންނެވެ. ޑީއެންއޭ ރިޕޯޓް ނިމުނީއެވެ. ލެބޯޓްރީގައި ހުރި ކުއްޖާ ނޯރާއަށް މެއިލް ފޮނުވުމުގެކުރިން ގުޅައިލީއެވެ. އެކުއްޖާ ބުނީ އެތަނުން ޑީއެންއޭއެއް ކޮންމެވެސް ނަމަކާއި މެޗްވާކަމަށާއި ނޯރާ އެދުނު ފަދައިން އެމީހެއްގެ ނަންވެސް ފޮނުވިކަމުގައެވެ.

ނޯރާ އާވާއަށް ގުޅާފައި އެދުނީ އެ މެއިލް ލިބުމުން ގެނެސްދިނުމަށެވެ.

"ދޮރު ހުޅުވަދީބަލަ. ނޯރާ ބަނޑުހައިވެގެން މިޑްނައިޓް ސްނެކެއް ދޭން މިއައީ....އެނގޭތަ ނޯރާގެ ބައްޔެއް ހުންނަކަން. ރޭގަނޑު މި ސޫޕް ނުބޮންޏާ އެކުއްޖާ މަރުވާނެ. މަރުވެއްޖެއްޔާ ޒިންމާ ނަގަން ކެރޭނެތަ؟"

އާވާ ބާރު އެޅިއެވެ. އޭނަ މި ޖަޔަންޓެއްފަދަ ފާރަވެރިޔާއަށް ބަލަން މޫނު އެއްކޮށް ހިއްލަން ޖެހެއެވެ. ފާރަވެރިޔާވެސް ދިގު ނޭވާއެއްލިއެވެ. އެހެން އެންމެނަށްވުރެ މި ކުރު ކުއްޖާ އޭނައަށް އުދަގޫ އެބަޖައްސައެވެ. އޭނަވެސް ލޮލު ފިޔަޖަހާނުލާ މިތާ ފާރަޔަށް ރޭގަނޑު ހަތަރުދަމު ހުންނާކަށް ބޭނުމެއްނޫނެވެ. އެކަމަކު އޭނައަށް ލިބެނީވެސް ހާދަ ގިނަ ފައިސާއެކެވެ. އޭނަ ދުރަށް ޖެހިލުމުން އަންދާލާ ވަރަށް ކަޅި އަޅާލާފައި އާވާ އެތެރެއަށް ވަދެއްޖެއެވެ.

އާވާ އަވަހަށް އޭނަގެ ޖެކެޓްގެ ޖީބުން އެ މެއިލް ނަގާފައި ނޯރާގެ އަތަށް ދިނެވެ.

"އައިމް ސޮރީ އަދިވެސް ބަންދުކޮށްފައި ބަހައްޓާތީ. އިތުރުކަމެއް ބޭނުންތަ؟"

ނޯރާ އެ މުށިކުލައިގެ ޕެކެޖުން ކަރުދާހެއް ނަގާފައި ބަލައިލުމާއެކު ނޭވާވެސް ހުއްޓުނުހެން ހީވިއެވެ. ދެފައިކޮޅުން ވާގި ހުސްވުމާއެކު ފާރަށް ލެނގިލެވިއްޖެއެވެ.

"ތިއީ ކޯނޗެއްތަ؟ ހޮސްޕިޓަލުންތަ؟" އާވާ ޝައުގުވެރިކަމައެކު އަހައިލަމުން ނޯރާގެ ކޮނޑުމަތިން ބޯ ދިއްކޮށްލީ ނޯރާއަށް އެހާވަރުގެ ޝޮކެއް ލިބުނީ ކީއްވެކަން އޮޅުން ފިލުވުމަށެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު