ކޭސްތައް އިތުރުވާއިރު ފަރުވާ ދެވޭނެ ކެޕޭސިޓީ އެބަހުރި: އެޗްއީއޯސީ

ހުޅުމާލޭ މެޑިކަލް ފެސިލިޓީ: --- ފޮޓޯ: ޕީއެސްއެމް

ކޮވިޑް ކޭސްތައް މުޅި ރާއްޖޭގައި ވެސް ބާރު ސުޕީޑެއްގައި އިތުރުވަމުން ދާއިރު ފަރުވާ ދެވޭނެ ކެޕޭސިޓީ އެބަހުރި ކަމަށް، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފިއެވެ.

ކޮވިޑަށް މީހުން ޕޮޒިޓިވްވާ އަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 101،418 އަށް އަރާފައެވެ. އެކްޓިވް ކޭސްތައް 5،881 ގައި ހުރިއިރު ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން 22 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

އެޗްއީއޯސީގައި އިސްކޮށް މަސައްކަތް ކުރައްވާ، ހެލްތު މިނިސްޓްރީގެ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން "ސަން"އަށް ވިދާޅުވީ ކޭސްތައް އިތުރުވަމުން ދާއިރު އަޅާނެ ފިޔަވަޅުތަކަކާމެދު އަބަދުވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"ފިޔަވަޅު އަޅާއިރު އަޅުގަނޑުމެން ހަމައެކަނި ބަލަނީ ޕޮޒިޓިވް ރޭޓަށް އެކަންޏެއް ނޫން. ރެސްޕޮންޑް ކުރެވޭ ވަރަށް ވެސް ބަލަން،" ތަސްލީމާ ވިދާޅުވިއެވެ.

ޕޮޒިޓިވް ރޭޓްތައް އިތުރުވި ނަމަވެސް މި ވަގުތަށް ކެޕޭސިޓީ އެބަހުރި ކަމަށާއި އެގޮތުން އެއްފަހަރާ 100 މީހުން އެޑްމިޓްކޮށްގެން ވެސް މާލެ ސަރަހައްދުގައި ފަރުވާ ދެވޭނެ ކަމަށް ތަސްލީމާ ވިދާޅުވިއެވެ.

"ކުރިއަށް އޮތްތަނުގައި ބޭނުންވާ ވަރަކަށް ކެޕޭސިޓީ އިތުރު ކުރާނެ ،" ތަސްލީމާ ވިދާޅުވިއެވެ.

އެންމެ ފަހުން އައި ކޮވިޑްގެ ރާޅުގައި ކެޕޭސިޓީއަށް ވުރެން ގިނަ މީހުން އެޑްމިޓް ކުރަން ޖެހުމުން ދަތިތަކާ ދިމާވިއެވެ. އެ ފަހަރު ކޮވިޑްގައި ގިނަ ބަޔަކު މަރުވިއެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވަމުންދާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު މާސްއެޅުން ވަނީ މަޖުބޫރު ކޮށްފައެވެ. އަދި މާލެ ސަރަހައްދުގައި 50އަށް ވުރެން ގިނަ މީހުން އެއްވެ ނޫޅުމަށް ވެސް ވަނީ އަންގައިފައެވެ.

އެޗްޕީއޭއިން ބުނީ މި ހާލަތުގައި އެންމެ މުހިއްމު ކަމަކީ ކޮންމެ ރައްޔިތަކު ވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާ ކުރުން ކަމަށެވެ. އެގޮތުން ބޭރު ތެރޭގައި އުޅޭއިރު ރަނގަޅަށް މާސްކު އެޅުމާއި ގައިދުރު ކަމަށް ފަރުވާތެރިކަން ބެހެއްޓުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މާދަމާ ސްކޫލްތައް ހުޅުވޭއިރު ވެސް ކޮވިޑުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.

comment ކޮމެންޓް