މަހުލޫފު ކޮމަންޑޫ ރައްޔިތުންނަށް: ލިބިފައިވާ ޢީދުގެ ބޭނުން ހެޔޮގޮތުގައި ހިފާ

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކޮމަންޑޫ ދާއިރާއަށް މި ދުވަސްވަރު ލިބިފައިވާ ޢީދުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މިނިސްޓާ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިފަދައިން ވިދާޅުވީ އެ ރަށު ފުޓުބޯޅަ ދަނޑުގެ ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މަހްލޫފް ވިދާޅުވީ ފުޓުބޯޅަ ދަނޑުގެ މަަސައްކަތަކީ އިންތިހާބާ ދިމާކޮށް ކުރާ މަސައްކަތެއް ނޫން ކަމަށެވެ. އަދި މިދިޔަ އަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހު ކޮމަންޑޫގައި ދަނޑެއް އަޅާނެކަން އިއުލާން ކޮށްފައިވާނެ ކަމުގައި މަހްލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން، ނޮވެމްބަރު މަހުގެ 15ވަނަ އެކަމުގެ މަޝްވަރާ ކައުންސިލާއެކު ކުރެވިފައިވާނެ ކަމަށް ވެސް މަހްލޫފު ފާހަގަ ކުރެއްވިއެވެ.

މަހްލޫފް އިތުރަށް ވިދާޅުވީ ހަތަރު މަސްތެރޭގައި ކޮމަންޑޫ ޒުވާނުން ފެންވަރު ރަނގަޅު ޓާފް ދަނޑެއްގައި ކުޅޭނެ ކަމަށެވެ.

މީގެ އިތުރުން މަހްލޫފް ވިދާޅުވީ މީގެ ކުރިން ދުވަހަކު ވެސް އެއްވެސް ސަރުކާރަކުން ރާއްޖޭގައި ފެންވަރު ރަނގަޅު ޓާފްދަަނޑެއް އަޅައިފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑު މިތާހުރެ މިވާހަކަ ދައްކާއިރު ފަންސަވީހަށްވުރެ ގިނަ ދަނޑުގެ މަސައްކަތް އަޅުގަނޑުމެން ހުންނާނެ ނިންމާފަ،" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރަށްތަކުގެ ތެރެއިން މި މަހު ފަހުކޮޅު ފޯކައިދޫ ދަނޑު ހުޅުވާނެ ކަމަށެވެ. އަދި މަރޮށީ ރައްޔިތުން އެދުނު ގޮތަށް އެ ރަށުގައި ދަނޑު އަޅައިދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިއަދު މިކުރާ މަސައްކަތަކީ ތަފާތުކުރުމެއް ވެސް ނެތި ވަރަށް ބާރު ސްޕީޑުގައި ކުރާ މަސައްކަތްތަކެއްކަން ހަގީގަތް ގަބޫލުކުރައްވާ ހުރިހާ ރައްޔިތުން ގަބޫލު ކުރައްވާނެ،" މަހްލޫފް ވިދާޅުވިއެވެ.

ކޮމަންޑޫ ފުޓުބޯޅަ ދަނޑުގެ މަަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އަދި އެ ރަށާއި ޖެހިގެން އޮންނަ ފަޅު ރަށެއް ކަމަށްވާ މަތިކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް ވެސް މިއަދު ވަނީ ފަށައިފައެވެ.

comment ކޮމެންޓް