ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާޅުމުގެ އަމަލީ މަސައްކަތް ފަށައިފި

ކޮމަންޑޫ އާއި މަތިކޮމަންޑޫ ބްރިޖަކުން ގުޅުވާލާގޮތުގެ ކުރެހުން: އެ މަޝްރޫއަކީ ވޯޓަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރޭ ---

ށ. ކޮމަންޑޫ އާއި އެ ރަށާ ޖެހިގެން އޮންނަ ފަޅު ރަށެއް ކަމަށްވާ މަތިކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ, އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފައްޓަވައި ދެއްވީ އިކޮނޮމިން މިނިސްޓަރ ފައްޔާޒް އިސްމާއިލްއެވެ.

މަތި ކޮމަންޑޫގެ ބިން ހިއްކާ، ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ, 730 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 249.9 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއު ނިމޭއިރު 16.7 ހެކްޓަރު ބިން މަތިކޮމަންޑޫގައި ހިއްކައި، 1،520 މީޓަރުގެ ބޮޑު ހިލައިގެ ތޮޓެއްލައި، ޖުމްލަ 353 މީޓަރުގެ ބޮޑު ހިލައިގެ ފައިކަށި ލުމުގެ އިތުރުން 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮމަންޑޫގައި ގާއިމްކުރާނެއެވެ.

މި މަޝްރޫއުގެ ދަށުން މި ދެ ރަށް ގުޅާލުމަށް 200 މީޓަރުގެ ބްރިޖެއް ވެސް ވަނީ އަޅަން ނިންމައިފައެވެ. މީގެ އިތުރުން ކޮމަންޑުގައި 1،690 މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ކުރެވޭނެއެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕެއިން ބޯމަތި ވެފައިވާ ދަނޑިވަޅުގައި ސަރުކާރުން ކުއްލިއަކަށް މި މަޝްރޫއު އިއުލާން ކުރުމުން އިދިކޮޅު ގިނަ ސިޔާސީ ޕާޓީތަކުން އަންނަނީ ފާޑު ކިޔަމުންނެވެ.

ނަމަވެސް ރައީސް ސޯލިހު ވިދާޅުވީ އެ މަޝްރޫއަކީ ކެމްޕެއިނާ ދިމާކޮށް ކުރާ ކަމެއް ކަމަށް ބުނިނަމަވެސް ސަރުކާރުން އެކަން ކުރާނެ ކަމަށެވެ.

comment ކޮމެންޓް