ގުރުއާނުގެ އިލްމުގެ މަތީ ތައުލީމުގެ ޕްރޮގްރާމްތަކުގައި ހުންނަން ޖެހޭ ދަށް މިންގަނޑު ކަނޑައަޅައިފި

އެމްއައި ކޮލެޖްގެ ދަރިވަރުންގެ ދަސްވެނިވުން -- ސަން ފައިލް ފޮޓޯ

ގުރުއާނުގެ އިލްމުގެ މަތީ ތައުލީމުގެ ޕްރޮގްރާމްތަކުގައި ހުންނަން ޖެހޭ އެންމެ ދަށް މިންގަނޑު ކަނޑައަޅައިފިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން އިއްޔެ ވަނީ "ކީރިތި ގުރުއާނުގެ އިލްމުގެ މަތީ ތައުލީމުގެ ޕްރޮގްރާމް ތަކުގައި ހުންނަން ޖެހޭ މިނިމަމް ސްޓޭންޑާޑް" ލޯންޗްކޮށްފައެވެ.

ގުރުއާނުގެ އިލްމުގެ މަތީ ތައުލީމުގެ ޕްރޮގްރާމްތަކުގައި ހުންނަން ޖެހޭ އެންމެ ދަށް މިންގަނޑު ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުއެވެ.

މި ރަސްމިއްޔާތުގައި، ހަޔާ އެޑިއިކޭޝަން މިނިސްޓްރު ޑރ. އިބްރާހިމް ހަސަން އާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑާއި ސެޓްފިކެޓް ޕެނަލްގެ މެމްބަރުންގެ އިތުރުން ގުރުއާން ޕެނަލްގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި އެމްކިއުއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. ހަންނާނު ވަހީދު ވިދާޅުވީ، އެ ސްޓޭންޑަޑް ކަނޑައެޅުމުގެ ސަބަބުން ކީރިތި ގުރުއާނުގެ ތައުލީމީ ޕްރޮގްރާމްތައް ނިންމާފައި ނުކުންނަ ކުދިންގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށެވެ. އަދި އޭގެއިން ދައްކުވައިދެނީ މި ސަރުކާރުން ދީނީ ކަންކަމަކަށް ދޭ އަހައްމިއްޔަތުކަން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރު ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ހަސަން ވިދާޅުވީ، ދިވެހި ރާއްޖޭގައި އިސްލާމީ ނޫރު އަބަދުވެސް ހިމާޔަތް ކުރަން މިއަދުގެ ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ ވާހަކަފުޅުގައި ވިދާޅުވީ، އަލަށް ލޯންޗުކުރި އެ ސްޓޭންޑާޑްގެ ސަބަބުން މަތީ ތައުލީމުދޭ މަރުކަޒުތަކުގައި ދިމާވާ ގޮންޖެހުމާއި ދަރިވަރުންނަށް ދިމާވާ ގޮންޖެހުންތަކަށް ލުޔެއް ލިބިގެންދާނެއެވެ.

މިދިޔަ އޮކްޓޯބަރު މަހު އެމްކިޔުއޭއިން ނެރުނު ސާކިއުލާއެއްގައި ވާގޮތުން، ގުރުއާނުގެ ދާއިރާއިން ހިންގާ ކޯސްތަކުގައި ހުންނަން ޖެހޭ ދަށް މިންގަނޑު އެކަށައަޅަން ނިންމީ މަތީ ތައުލީމުގެ ފެންވަރު ކަށަވަރު ކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ތެރެއިންނެވެ.

ކޮލެޖް/ޔުނިވަސިޓީ ތަކުގައި ގުރުއާނުގެ އިލްމު ހުންނަން ޖެހޭ ދަށް މިންގަނޑު ކަނޑައަޅަން ފާސްކޮށްފައި ވަނީ އެމްކިއުއޭ އިން ބޭއްވި އެޑްވައިޒަރީ ބޯޑުގެ ބައްދަލުވުމުގައެވެ.

އެ މިންގަނޑު ކަނޑައަޅާފައި ވަނީ، ދަރިވަރުންގެ ފެންވަރާ މެދު އޮންނަ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން ކުޑަކޮށް، މަތީ ތައުލީމު ދޭ މަރުކަޒުތަކުގައި ކިޔަވައިދޭ މުގައްރަރުތައް އެއްގޮތް ކުރުމުގެ އިތުރުން މަތީ ތައުލީމު ދޭ މަރުކަޒުތަކުގައި ކިޔަވައިދޭ މުއްދަތު އެއްވަރު ކުރުމާއި ފެންވަރު ރަނގަޅު ޓީޗަރުން އުފެއްދުމުގެ މަގުސަދުގައި ކަމަށް ސާކިއުލާގައިވެއެވެ.

އެ ސާކިއުލާގައިވާ ގޮތުން މަތީ ތައުލީމުގެ ޕްރޮގްރާމުތަކުގެ ގޮތުގައި ބަލާނީ ޤާރީ ކޯހާއި ޤިރާއަތު ކޯހުގެ އިތުރުން ގުރުއާން ޓީޗިން ކޯސް އަދި އިމާމް ކޯހެވެ.

މި މިނިމަން ސްޓޭންޑަޑް ވަނީ ހަ ބަޔަކަށް ކަނޑައަޅާފައެވެ. އެއީ ކޯ-މޮޑިއުލްތަކާއި މުގައްރަރު އަދި މުއްދާތައި ކްރެޑިޓް ޕޮއިންޓް ދޭނެ އަދަދުގެ އިތުރުން ޓީޗަރުންގެ ޝަރުތުތަކާއި ޕްރޮގްރާމްތަކަށް ވަދެވޭނެ ޝަރުތުތަކެކެވެ.

comment ކޮމެންޓް