އޮފިސަރުންނާއި ގައިދީން ޕޮޒިޓިވްވެ، މާފުށި ޖަލު ކުއްލި ހާލަތަށް

މާފުށީ ޖަލު ---ސަން ފޮޓޯ// ފަޔާޒު މޫސާ

ބައެއް އޮފިސަރުންނާއި ގައިދީން ޕޮޒިޓިވްވެ، މާފުށި ޖަލު ކުއްލިހާލަތަށް ގެނައުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ކަރެންޝަނަލް ސާވިސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑްގެ އަލާމާތްތައް ހުރި ގައިދީންނާއި އޮފިސަރުންގެ ސާމްޕަލް ނެގި އިރު، އޭގެ ތެރެއިން ހަތް އޮފިސަރުންނާއި ހަތަރު ގައިދީން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެ ހާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިނާއި ކަރެކްޝަންސްއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، މިއަދު ހަވީރު 4:00ން ފެށިގެން މާފުށި ޖަލު ކުއްލި ހާލަތަށް ގެނެވޭނެ ކަމަށް އެ ސާވިސްގެ ނޫސްބަޔާނުގައިވެއެވެ.

މި ހާލަތާ ގުޅިގެން ޖަލުގެ ބައެއް ހިދުމަތްތަކަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ގައިދީންނާއި ބަންދުގައި ތިބި މީހުންގެ އާއިލީ ބައްދަލުވުމާއި ވަކީލާ ބައްދަލު ކުރުމުގެ އިތުރުން ކޯޓުގެ އަޑުހެއުންތައް ވެސް ދެން ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށް ކަރެކްޝަންސްއިން ބުންޏެވެ. ނަމަވެސް އެ ހާލަތު އުވާލާނީ ކޮން އިރަކު ކަމެއް ކަރެކްޝަންސްއިން ހާމަނުކުރެއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެ، އެލާޓް ރީނދުލުން އޮރެންޖަށް ބަދަލުކޮށް، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް މިހާރު ވަނީ އަޅާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރޭ އާންމުކުރި މައުލޫމާތުން ދައްކާ ގޮތުގައި މާލެއިން އިއްޔެ 413 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މީގެއިތުރުން އަތޮޅުތެރޭގެ ރަށްރަށުން 249 މީހަކު އަލަށް ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން ޕޮޒިޓިވްވީ 92 މީހުންނެވެ.

އެ އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 100،451އަށް އަރާފައެވެ.

comment ކޮމެންޓް